އަލްފާޟިލް މުޙައްމަދު ބާޤިރު
ހިލިހިލާއާގެ ގއ. ވިލިނގިލި

މުޙައްމަދު ބާޤިރު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 ނޮވެންބަރު 1982 ގައެވެ. އަތޮޅުއޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރެއްގެ ވަޒީފާއިން ޚިދުމަތް ފެށްޓެވި ބާޤިރު، އަތޮޅުއޮފީހުގެ ކާތިބުކަމާއި، ސީނިއަރ ކްލާކްކަންވެސް ކުރައްވައިފައި ވެއެވެ. އަދި 16 ސެޕްޓެންބަރު 1992ގައި ވިލިނގިލީ ކުޑަކަތީބު ކަމަށް ބަދަލުކުރެއްވިއެވެ. އެންމެ ދިގު މުއްދަތެއްގައި މުޙައްމަދު ބާޤިރު ކުރައްވައިފައިވަނީވެސް ވިލިނގިލީ ކުޑަކަތީބު ކަމެވެ. އެ މަގާމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އެގޮތުން، ބަނދަރު ހެދުމުގެ މަސައްކަތާއި، މަގުހެދުމުގެ މަސައްކަތާއި، ފާޚާނާ ނިޒާމު ޤާއިމުކުރުމާއި، ރަށުގެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، އަދި އަސާސީ ތަޢުލީމުގެ ޕްރޮގްރާމް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.

މީގެއިތުރުން، އެކިއެކި މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކާބެހޭ ކަންކަމުގައްޔާއި، އެކިއެކި ކުޅިވަރު މުބާރާތްތަކާއި، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައިވެސް މުޙައްމަދު ބާޤިރު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ރަށުގެ ތަރައްޤީއަށްޓަކައި ހިންގުނު އިޖުތިމާޢީ، ޢުމްރާނީ މަސައްކަތްތަކުގައި، ޢަމަލީގޮތުންނާއި ފަންނީގޮތުންވެސް ވަނީ ޚިދުމަތް ކޮށްދެއްވައިފައެވެ.

މުޙައްމަދު ބާޤިރަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ކަންކަން ކުރިއެރުވުމަށްޓަކައި، އާމްދަނީ ހޯދުމަށް ކުރެވުނު ބުރަ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އެ ރަށުގައި ބިނާކުރެވުނު އަންހެނުންގެ ކޮމިޓީގެ އިމާރާތް ބިނާކުރުމުގައިވެސް ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. މުޙައްމަދު ބާޤިރަކީ، ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރެއްގެ ގޮތުންވެސް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.