އަލްފާޟިލާ ފާޠިމަތު އަބޫބަކުރު
ދޯދި ވ. ފުލިދޫ

ފާޠިމަތު އަބޫބަކުރަކީ 1 އޮގަސްޓު 1983ން ފެށިގެން ވ.އަތޮޅު މަދަރުސާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިވޭތުވެދިޔަ 38 އަހަރު ދުވަހުގެ ތެރޭގައި، ވ.އަތޮޅު މަދަރުސާއަށް ފާޠިމަތު އަބޫބަކުރު ވަނީ އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. ފުރަތަމަ އަދާކުރެއްވީ، ވ.އަތޮޅު މަދަރުސާގެ 2 ނަންބަރު ކާތިބާކަމުގެ ވަޒީފާއެވެ. އޭގެފަހުން ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ކުރައްވައިފައި ވެއެވެ.

ވ. އަތޮޅު މަދަރުސާގެ ކާތިބާގެ ވަޒީފާއިން ޚިދުމަތް ފެށްޓެވި ދުވަސްވަރު މުވައްޒަފުންގެ ދަތިކަން ހުރިގޮތުން، މަދަރުސާގެ ވަރަށްގިނަ ކަންކަން ފާޠިމަތު އަބޫބަކުރު ކުރައްވަމުން ގެންދެވިއެވެ. އެގޮތުން، ބައެއްފަހަރު ދަށް ގްރޭޑްތަކަށް ކިޔަވައިދެއްވުމާއި، މަސައްކަތު މީހަކު ނެތުމުގެ ސަބަބުން މަދަރުސާ ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތްވެސް ކުރައްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ފާޠިމަތު އަބޫބަކުރަކީ، ހާޒިރީއަށް ފަރުވާތެރި މުވައްޒަފެއްވެސް މެއެވެ. އަދި ހަވާލުކުރައްވާ ކޮންމެ މަސައްކަތެއްވެސް ވަރަށް ރަނގަޅަށް ކުރައްވާ ބޭފުޅެކެވެ. މިހާރުވެސް ހީވާގިކަމާއެކު އަތޮޅު މަދަރުސާއަށް އެންމެ ފައިދާހުރިގޮތުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ މުވައްޒަފެކެވެ. އަދި އަތޮޅު މަދަރުސާގެ ހުރިހާ މުވައްޒަފުންނާވެސް ގުޅިވަޑައިގެން އެކުވެރި މާޙައުލެއް އުފައްދަވައިގެން، ވަޒީފާގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.