އަލްފާޟިލާ ޙަފީޡާ ޢަލީ
ދަފްތަރު. ނަންބަރު ރސ 4682

އަލްފާޟިލާ ޙަފީޡާ ޢަލީއަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ވަރަށް އިޚްލާޞްތެރިކަމާއެކު ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާނެ މީހުން ތަމްރީނު ކުރުމަށްޓަކައި ސަރުކާރުން ހިންގެވި ކޮމިއުނިޓީ ހެލްތު ވަރކަރ ކޯހުގައި ޙަފީޡާ ބައިވެރިވެވަޑައިގެން، ކޯސް ފުރިހަމަކުރެއްވުމަށްފަހު، އަތޮޅުތަކުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1975ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެގޮތުން، ޅ.އަތޮޅާއި، ހދ.އަތޮޅާއި، ހއ.އަތޮޅާއި، ގއ.އަތޮޅާއި، ލ.އަތޮޅާއި، ބ.އަތޮޅާއި، ދ.އަތޮޅު އަދި ވ.އަތޮޅުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

އެ ދުވަސްވަރަކީ ޢާންމު ޞިއްޙަތަށާއި، ޞިއްޙީ ދުޅަހެޔޮކަމަށް މުޖުތަމަޢުގެ ހޭލުންތެރިކަން އެހާބޮޑު ދުވަސްވަރަކަށްނުވާތީ، ބަލިމަޑުކަމާއި ރޯގާތައް އަތޮޅުތަކުގައި ފެތުރުން އޮތީ ޢާންމު ކަމަކަށްވެފައެވެ. ކޮންމެ އަތޮޅެއްގައި ހުންނަނީ ޞިއްޙީ ޚިދުމަތްދޭނެ އެންމެ މަރުކަޒަކާއި، އެންމެ ކޮމިއުނިޓީ ހެލްތު ވަރކަރެކެވެ. އެއްރަށުން އަނެއް ރަށަށް ދަތުރުކުރަންޖެހެނީ، ރިޔާނެގި ކުދި ދޯނިފަހަރުގައި ބައެއްފަހަރަށް އަނބުރައިހޭރިޔާކުރަމުންނެވެ. މުވާޞަލާތީ ވަސީލަތްތައް އަމުދުން އޭރު ނެތޭވެސް ދެންނެވިދާނެއެވެ. އެހާ ދަތި ދުވަސްވަރެއްގައި އުނދަގޫ އުފުލައިގެން، ޞިއްޙީ ޚިދުމަތް ދެއްވުމަށް ޙަފީޡާ ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ޞިއްޙީ ޙާލަތު، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބައްޓަން ކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި، ޙަފީޡާގެ ދައުރު ވަރަށްބޮޑެވެ. އެގޮތުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޞިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ޢާންމުން ހޭލުންތެރިކުރުވުމާއި، ޞިއްޙީގޮތުން ދިމާވާ ބޮޑެތި މައްސަލަތައް ދެނެގަތުމާއި، މައިންނާއި ޅަދަރިންގެ ޞިއްޙަތު ކުރިއެރުވުމާއި، ޢާއިލާ ރޭވުމުގެ މަސައްކަތާއި، ފައިދާހުރި ކާނާ ބޭނުންކުރުމުގެ މުހިންމުކަން ރައްޔިތުންނަށް އަންގަވައިދެއްވުން ހިމެނެއެވެ. އަދި ގައިންގަޔަށް އަރާ މައިގަނޑު ބަލިތަކުން ރައްކާތެރިކުރުމަށް ވެކްސިން ދިނުމުގެ މުހިންމުކަމާއި، ފެތުރޭ ރޯގާތައް ކޮންޓްރޯލް ކުރުމަށް ޢާންމުން ހޭލުންތެރިކުރުވުމާއި، ޢާންމު ބަލިތަކަށް އެކަށީގެންވާ ފަރުވާދިނުމާއި، އެންމެ ބޮޑަށް ބޭނުންވާ މުހިންމު ބޭސްތައް ހުސްވިޔަނުދީ ގެނެސް ބެލެހެއްޓުމުގެ މަސައްކަތަކީވެސް އޭރު ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ޙަފީޡާ ކުރައްވަމުން ގެންދެވި މަސައްކަތްތަކެކެވެ. އަތޮޅުގައި ޞިއްޙީ ޚިދުމަތް ދޭނެ މީހުން (ފޫޅުމައިންނާއި، ފެމިލީ ހެލްތް ވަރކަރުން)ނަށް އިތުރު ތަމްރީނު ޙަފީޡާ ދެއްވައިފައި ވެއެވެ.

ޅަފަތުގައި މަރުވާ ކުޑަކުދިންގެ އަދަދު މިވަނީ މާތްﷲގެ އިރާދަފުޅާއެކު، ވަރަށްބޮޑުތަނުން މިއަދު ދަށަށް ގެނެވިފައެވެ. އަދި ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން މަރުވާ މައިންގެ އަދަދު ދަށަށް ޖައްސައި، ދުޅަހެޔޮ ޢާއިލާއަކަށް މަގުފަހިކުރުމަށް ޢާއިލާ ރޭވުމާއި، ބަލިތަކުން ރައްކާތެރިވެ ތިބުމަށާއި، ވެކްސިންގެ މުހިންމުކަން އެނގޭ ހޭލުންތެރި މުޖުތަމަޢެއް ވަނީ ބިނާކުރެވިފައެވެ. މި ކާމިޔާބީތަކުގައި ޙަފީޡާގެ ހިއްސާވެސް ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.

ޙަފީޡާ ޢަލީ އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ކޮމިއުނިޓީ ހެލްތު ވަރކަރ ކަމުގެ އިތުރުން، ސުޕަވައިޒަރ ކަމާއި، ޕްރޮގްރާމް މެނޭޖަރ ކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ޕްރޮގްރާމް މެނޭޖަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ ޑިރެކްޓަރކަން ހިމެނެއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. 12 ފެބުރުވަރީ 2015 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.