އަލްފާޟިލް މުޙައްމަދު ނަޞީރު އަބޫބަކުރު
މަންފާ ބ. ދަރަވަންދޫ

މުޙައްމަދު ނަޞީރު އަބޫބަކުރަކީ، ބ.ދަރަވަންދޫ ރަށު ކޯޓުގައްޔާއި، ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އެކި މަގާމުތައް ފުރުއްވައިފައިވާ އަދި މިހާރު އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ޢަދުލު އިންސާފުގެ ދާއިރާގައި، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 6 މޭ 1981 ގައެވެ.

މުޙައްމަދު ނަޞީރު އަބޫބަކުރު، ދަރަވަންދޫ ކޯޓުގައި ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެން ފެށިގެން މިއަދާ ހަމަޔަށް ކޯޓުގެ ކުރިއެރުމަށާއި ތަރައްޤީއަށް ކޮށްފައިވާ ހުރިހާ މަސައްކަތްތަކެއްގައި މަގާމުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވެން އޮތް އެންމެ މަތީ މިންވަރަކަށް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ކޯޓުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރެއްވުމާއި، ކޯޓުގެ އިމާރާތަށް ބަދަލުތައް ގެންނެވުމާއި، ކޯޓު ހިންގާނެ ޒަމާނީ ފެންވަރުގެ އިމާރާތެއް ބިނާކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި އެ އިމާރާތް ބިނާކުރާނެ ބިމެއް ހަމަޖެއްސުމަށްޓަކައި ރަށުއޮފީހާއި އަތޮޅުއޮފީހާއި، ރަށު ކައުންސިލާ ކުރަންޖެހުނު ގިނަ މުޢާމަލާތްތައް ކުރެއްވުމާއި، ކޯޓުގެ އާ އިމާރާތުގެ މަސައްކަތް ކުރަމުންދިޔައިރު، ސުޕަވައިޒަރެއްގެ ދައުރު އަދާކުރައްވައިފައި ވެއެވެ.

ދަރަވަންދޫ ކޯޓުގައި ކޯޓު އޮފިސަރެއްގެ މަގާމު އުފައްދައި، ކޯޓު އޮފިސަރެއް ހަމަޖެހުމާ ހަމަޔަށް ކޯޓުގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް މުޙައްމަދު ނަޞީރު އަބޫބަކުރު ކުރައްވަމުން ގެންދަވައިފައި ވެއެވެ.

މުޙައްމަދު ނަޞީރު އަބޫބަކުރު އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، މަސައްކަތު މީހެއްގެ ވަޒީފާގެ އިތުރުން، ކާތިބުކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީކަން ހިމެނެއެވެ.

މުޙައްމަދު ނަޞީރު އަބޫބަކުރު ވަނީ ދަރަވަންދޫ ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރުކަމާއި، ކޮމިޓީގެ ސެކްރެޓަރީކަން ކުރެއްވުމުގެ އިތުރުން، ބ. އަތޮޅު އަތޮޅު ކޮމިޓީގެ މެންބަރުކަން ކުރައްވައި، ރަށުގެ ތަރައްޤީގައްޔާއި، އަތޮޅުގެ ތަރައްޤީގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. މުޙައްމަދު ނަޞީރު އަބޫބަކުރު، ދައުލަތަށް ޚިދުމަތް ކުރައްވާތާ މިހާރު 40 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.