އަލްފާޟިލް މުޙައްމަދު އަބޫބަކުރު
ދަފްތަރު. ނަންބަރު ރސ 1156

މުޙައްމަދު އަބޫބަކުރު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 21 ޑިސެންބަރު 1969 ގައެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ ކަސްޓަމްސްގައެވެ. 1 އޮގަސްޓު 1973 ގެ ނިޔަލަށް ކަސްޓަމްސްގައި ޚިދުމަތް ކުރެއްވިއެވެ. އޭގެފަހުން ޚިދުމަތް ކުރެއްވީ އެއަރ މޯލްޑިވްސްގައެވެ. އެއަރ މޯލްޑިވްސްގެ ވަޒީފާއިން 6 އެޕްރީލް 1975 ގައި ބަދަލުވެވަޑައިގަތީ، ބ. އަތޮޅު އޮފީހުގެ 2 ނަންބަރު ކާތިބުކަމުގެ މަގާމަށެވެ. އޭގެފަހުން ޚިދުމަތް ކުރެއްވީ، ބ. ހިތާދޫ އޮފީހުގައެވެ. އެއޮފީހުގެ ކާތިބެއްގެ މަގާމުގައި 1 އެޕްރީލް 1979 އިން ފެށިގެން 28 އޮކްޓޫބަރު 1986 އާ ހަމަޔަށް ޚިދުމަތް ކުރެއްވިއެވެ.

މުޙައްމަދު އަބޫބަކުރަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައިވެސް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި، އެތައް ދަރިވަރުންނަކަށް އުނގަންނައިދެއްވި ބޭފުޅެކެވެ. ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގަތީ މަޖީދިއްޔާ ސްކޫލުންނެވެ.

ރަށު އޮފީހުގައި ޚިދުމަތް ކުރެއްވުމަށްފަހު، މުޙައްމަދު އަބޫބަކުރު މާލެއަށް ބަދަލުވެވަޑައިގެން، މަޖީދިއްޔާ ސްކޫލްގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. މަޖީދިއްޔާ ސްކޫލްގައި ޚިދުމަތް ކުރެއްވީ، 1986 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 2000 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހާ ހަމަޔަށެވެ. މަޖީދިއްޔާ ސްކޫލްގެ އިސްލާމް މުދައްރިސް ކަމާއި، އެސިސްޓެންޓް ސުޕަވައިޒަރުކަމާއި، ސުޕަވައިޒަރުކަން ކުރެއްވިއެވެ. އޭގެފަހުން 6 ޖޫން 2011 ގައި ވަޒީފާއިން ރިޓަޔަރ ކުރައްވަންދެން ޚިދުމަތް ކުރެއްވީ، ޢިމާދުއްދީން ސްކޫލްގައެވެ. އެ ސްކޫލަށް ބަދަލުވެވަޑައިގަތީ 1 ފެބުރުވަރީ 2000 ގައެވެ. އެ ސްކޫލްގެ ސުޕަވައިޒަރުކަމާއި ލީޑިންގ ޓީޗަރުކަންވެސް ކުރައްވައިފައިވެއެވެ.

މުޙައްމަދު އަބޫބަކުރަކީ، 41 އަހަރަށްވުރެ ގިނަދުވަހު ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.