އަލްފާޟިލް ޢަބްދުﷲ ރަޝީދު
ހ. ގްރީންފެހި

ޢަބްދުﷲ ރަޝީދަކީ، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 41 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ. ވަޒީފާގެ މައިދާނަށް ނުކުމެވަޑައިގަތީ ވަރަށް ހަގު އުމުރުގައި، ޕަބްލިކް މެއިންޓެނަންސް ޑިވިޜަންގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. އެތަނުގައި ތިންމަސްދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕިޔޯނަކަށް ބަދަލުވެވަޑައިގަތެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނާ ގުޅިވަޑައިގަތީ، 30 އޮކްޓޫބަރު 1984 ގައެވެ. ފުރަތަމަ އަދާކުރެއްވީ ޕިޔޯނެއްގެ ވަޒީފާއެވެ. ހަމަ އެ އަހަރު އެސް.ޓީ.އޯ. ގެ ޑްރައިވަރެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. އެސް.ޓީ.އޯ. ގެ ޑްރައިވަރެއްގެ ވަޒީފާގައި ޢަބްދުﷲ ރަޝީދު މެދުނުކެނޑި އުޅުއްވަމުން ގެންދަވާތާ 40 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ޑްރައިވަރުގެ މަގާމުގައި، އެކި މަރުޙަލާތައް ކަޑައްތު ކުރައްވައި، މިހާރު ފުރުއްވަމުން ގެންދަވަނީ، އެގްޒެކެޓިވް ޑްރައިވަރުގެ މަގާމެވެ.

ޢަބްދުﷲ ރަޝީދު، އެސް.ޓީ.އޯ. ގެ ވަޒީފާގައި އުޅުއްވަމުން، ސަރުކާރުން އެކި ދުވަސްވަރު ބޭއްވެވި މުހިންމު ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ. މިގޮތުން، 1990 ވަނަ އަހަރު ރާއްޖޭގައި ބޭއްވެވި ސާރކް ސަމިޓުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލް ޑްރައިވަރަކަށް އަދި 1997 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާރކް ސަމިޓުގައިވެސް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލް ލޭންޑް ޓްރާންސްޕޯޓް ލީޑަރެއްގެ ގޮތުން ޚިދުމަތް ކުރައްވައިފައިވެއެވެ.

މީގެއިތުރުން، 1991 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ޑަބްލިޔޫ.އެޗް.އޯ. ގެ ހެލްތު މިނިސްޓަރުންގެ ޖަލްސާގައި، ލޭންޑް ޓްރާންސްޕޯޓް ލީޑަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވިއެވެ. ހަމައެއާއެކު، 1992 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ދެމެދު ރާއްޖެއަށް ޒިޔާރަތް ކުރެއްވި ބޭރުގެ ބައެއް ޢިއްޒަތްތެރިންގެ ޑްރައިވަރެއްގެ ގޮތުގައިވެސް ޢަބްދުﷲ ރަޝީދު ޚިދުމަތް ކުރެއްވިއެވެ.

ޢަބްދުﷲ ރަޝީދަކީ، މިހާރު އެސް.ޓީ.އޯ. ގެ ޚިދުމަތުގައި މެދުނުކެނޑި އުޅުއްވާތާ އެންމެ ގިނަ ދުވަސްވީ އެއް މުވައްޒަފެވެ.