އަލްފާޟިލް އާދަމް ޙަމީދު
ދަފްތަރު. ނަންބަރު 817

އާދަމް ޙަމީދު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 20 ނޮވެންބަރު 1979 ގައި، އޯޑިޓް އޮފީހުގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. މޯލްޑިވްސް ކަސްޓަމްސްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތީ، 28 ޖަނަވަރީ 1982 ގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި އާދަމް ޙަމީދު ވަނީ ކަސްޓަމްސްއަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އެއަރޕޯޓުގައި މަސައްކަތް ކުރެއްވި ދުވަސްވަރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި އެކިގޮތްގޮތުން މަސައްކަތް ކުރައްވައި، އެކިފަހަރުމަތިން އެ ތަކެތި އަތުލައިގަނެވިފައި ވެއެވެ. ހަމައެއާއެކު، ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ އެތެރެކުރުމުގައި، އެކިފަރާތްތަކުން އޮޅުވާލަން ކުރާ މަސައްކަތްތަކާއި، އިތުރަށް މުދާ ގެނައުންފަދަ ކަންކަން ހުއްޓުވުމުގައި، އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވައި، އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅުއްވައިފައި ވެއެވެ.

އާދަމް ޙަމީދަކީ، ކަސްޓަމްސްގެ ބޮންޑެޑް ވެއަރހައުސް ސެކްޝަންގައްޔާއި، ޕޯޓް އެގްޒަމިނޭޝަންސްގައްޔާއި، ތިލަފުށީ ކަސްޓަމްސް އޮފީހުގައްޔާއި، ޕެސެންޖަރ ޓަރމިނަލްގައްޔާއި، އަދި އެއަރ ކާގޯގައި ސީނިއަރ އޮފިސަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި، ޕެސެންޖަރ ޓަރމިނަލްގައި މަސައްކަތް ކުރެއްވިއިރު، ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހޯދުމާ ގުޅިގެން، އެކަން ކަސްޓަމްސްއިން ފާހަގަކުރައްވައިފައި ވެއެވެ.

އާދަމް ޙަމީދު، ކަސްޓަމްސްގައި ފުރަތަމަ އަދާކުރެއްވީ، ގާޑެއްގެ ވަޒީފާއެވެ. އޭގެފަހުން، 2 ނަންބަރު ކާތިބު ކަމާއި، ކަސްޓަމްސް އޮފިސަރ ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ޗީފް ކަސްޓަމްސް އޮފިސަރުކަން ކުރައްވައިފައިވެއެވެ. މިހާރު ހުންނެވި ސީނިއަރ ސުޕްރިންޓެންޑެންޓުގެ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ 28 ޖުލައި 2021 އިން ފެށިގެންނެވެ.

ކަސްޓަމްސްއަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އާދަމް ޙަމީދަށް ކަސްޓަމްސް އިން ވަނީ 6 ކުލައެއް ދެއްވައިފައެވެ. އެއީ، ދިގު މުއްދަތުގެ ކުލަޔާއި، އަޚްލާޤީ ކުލަޔާއި، އިޚްލާޞްތެރިކަމުގެ ކުލަޔާއި، ޚިދުމަތުގެ ކުލަޔާއި، ޤާބިލުކަމުގެ ކުލަޔާއި، ކާމިޔާބުގެ ރަން ކުލައެވެ. އަދި ކަސްޓަމްސްގެ ރަން ބެޖުވެސް ހާސިލު ކުރައްވައިފައި ވެއެވެ.