އަލްފާޟިލް މުޙައްމަދު މޫސާ
މ. ނޯތުސީ

މުޙައްމަދު މޫސާއަކީ، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ބޭފުޅެކެވެ. ކަސްޓަމްސްގެ ޚިދުމަތާ މުޙައްމަދު މޫސާ ގުޅިވަޑައިގަތީ، 22 ޑިސެންބަރު 1982 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ކަސްޓަމްސްގެ 2 ނަންބަރު ކާތިބެއްގެ ވަޒީފާއެވެ. އޭގެފަހުން، ކަސްޓަމްސް އޮފިސަރ ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ޗީފް ކަސްޓަމްސް އޮފިސަރުކަން ކުރައްވައިފައި ވެއެވެ. މުޙައްމަދު މޫސާ މިހާރު ހުންނެވި ސީނިއަރ ސުޕްރިންޓެންޑެންޓްގެ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

މުޙައްމަދު މޫސާ، ކަސްޓަމްސްގެ ޚިދުމަތުގައި މި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި، 1995 ވަނަ އަހަރުން ފެށިގެން 2019 އަށް އޮފިސަރ އިން ޗާޖްގެ ގޮތުގައި އަދި 2020 ވަނަ އަހަރުން ފެށިގެން ސެކްޝަންގެ ޑެޕިޔުޓީ ހެޑެއްގެ ގޮތުގައި ކަސްޓަމްސްގެ އެކި ސެކްޝަންތައް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވައިފައި ވެއެވެ. މީގެއިތުރުން، ކަސްޓަމްސްގެ ވަޒީފާއާ އަލަށް ގުޅުނު މުވައްޒަފުންނަށް، ޓްރޭނިންގ ބްރާންޗުން ހިންގި ކަސްޓަމްސްގެ މަސައްކަތްތަކާ ގުޅޭ ކްލާސްތައް ނަންގަވައިދެއްވައި އެފަދަ ބައެއް ތަމްރީނުތައް ހިންގަވައިދެއްވައިފައި ވެއެވެ. އަދި ކަސްޓަމްސްގެ ޢާންމު ގަވާއިދު އެކުލަވައިލެއްވުމުގައިވެސް މުޙައްމަދު މޫސާ މުހިންމު މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.

މުޙައްމަދު މޫސާ، ކަސްޓަމްސްއަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު، ކަސްޓަމްސް އިން ވަނީ އެކިފަހަރުމަތިން ވަޒަން ކުރައްވައިފައެވެ. މިގޮތުން، ދިގު މުއްދަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ކާމިޔާބުގެ ރަން ކުލައާއި، ޚިދުމަތުގެ ކުލައާއި، އިޚްލާޞްތެރިކަމުގެ ކުލައާއި، އަދި ޤާބިލުކަމުގެ ކުލަ ލިބިވަޑައިގެންފައި ވެއެވެ. 1994 ވަނަ އަހަރު ކަސްޓަމްސްގެ ނަމޫނާ މުވައްޒަފަކަށް މުޙައްމަދު މޫސާ ހޮވިވަޑައިގެންފައި ވެއެވެ. އަދި ކަސްޓަމްސްގެ ރަން ބެޖުވެސް ހާސިލު ކުރައްވައިފައި ވެއެވެ.