އަލްފާޟިލް އަޙްމަދު ކަމާލް
އަމާޒު މ. މުލި

އަޙްމަދު ކަމާލަކީ، މުލަކަތޮޅު ކައުންސިލް އިދާރާގައި މިވަގުތު ތިއްބެވި މުވައްޒަފުންގެ ތެރެއިން އެންމެ ގިނަ ދުވަހު ޚިދުމަތުގައި ދެމިހުންނެވި މުވައްޒަފެވެ. 1977 ވަނަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު، މ. އަތޮޅު ކޯޓުގެ 2 ނަންބަރު ކާތިބުކަމުގެ ވަޒީފާއިން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި އަޙްމަދު ކަމާލް، ޚިދުމަތުގައި 44 އަހަރު ހޭދަކުރެއްވިއިރުވެސް އަދިވެސް ދެގޮތެއްނުވެ ޚިދުމަތުގައި ދެމިހުންނެވުން އެއީ، އޭނާގެ ޚިދުމަތުގެ ވަފާތެރިކަމާއި، ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަން ވަރަށް ފުރިހަމައަށް ދަލީލުކޮށްދޭ ކަމެކެވެ.

އަޙްމަދު ކަމާލް، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ، މ. އަތޮޅު އަތޮޅުއޮފީހުގައެވެ. އެއީ 2011 ވަނަ އަހަރު ކައުންސިލް އިދާރާތައް އުފެއްދެވުމާ ހަމަޔަށެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގައި އަޙްމަދު ކަމާލު ވަނީ ތަފާތު މަގާމުތަކެއް ފުރުއްވައިފައެވެ. އަދި މުލަކަތޮޅު ކައުންސިލް އިދާރާގެ ހުރިހާ ޔުނިޓެއް ހިންގެވުމުގެ ޒިންމާ އުފުއްލަވައިފައެވެ.

2018 ވަނަ އަހަރު ޕްރޮޖެކްޓް އޮފިސަރަކަށް ހުންނަވައިގެން، އަތޮޅު ކައުންސިލް އިދާރާގެ ވަގުތީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތުވެސް އަޙްމަދު ކަމާލް އަދާކުރެއްވިއެވެ. 2021 ޖޫން 1 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް އަޙްމަދު ކަމާލް ހުންނެވީ، އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އޮފިސަރުގެ މަގާމުގައެވެ. އަތޮޅު ކައުންސިލްގެ އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް ހިންގެވުމާ ޙަވާލުވެ ހުންނެވީ އަޙްމަދު ކަމާލެވެ.

އަޙްމަދު ކަމާލް ފަހަކަށްއައިސް، އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވަނީ އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓުގައެވެ. އެ ޔުނިޓަކީ އަތޮޅުގައި ހިންގާ ހުރިހާ ޕްރޮޖެކްޓެއްގެ ކަންކަން ވިލަރެސް ކުރާ ޔުނިޓަށްވުމުން، މ. އަތޮޅުގައި ސަރުކާރުން ހިންގެވި ވަރަށްގިނަ ޕްރޮޖެކްޓްތަކެއް ކާމިޔާބުކަމާއެކު ނިންމައިލުމުގައި ކަމާލް އަދާކުރެއްވި ދައުރު ފާހަގަކޮށްލަން ޖެހެއެވެ.

ވޭތުވެދިޔަ 44 އަހަރު ދިވެހިރާއްޖެ ދުށް އެތަކެއް އުނދަގޫ ދަތި ދުވަސްތަކުގައި އަޙްމަދު ކަމާލް ވަނީ އަގުނުކުރެވޭފަދަ މަތިވެރި ޚިދުމަތްތަކެއް، ސަރުކާރަށާއި ރައްޔިތުންނަށް ކޮށްދެއްވައިފައެވެ. މިގޮތުން، 1982 ގައި ރާއްޖޭގައި ފެތުރިގެންދިޔަ ޝިގެއްލާ ރޯގާގެ ދުވަސްވަރު، އެ ރޯގާއިން އަތޮޅުގެ ރައްޔިތުން ރައްކާތެރި ކުރެއްވުމަށާއި، ބަލިމީހުންނަށް ދޭންޖެހޭ އެހީތެރިކަން ދެއްވުމަށް ސަރުކާރުން ކުރެއްވި މަސައްކަތުގައި އަޙްމަދު ކަމާލް އަދާކުރެއްވި ދައުރުވެސް ހަނދާންކޮށްލަންޖެހެއެވެ. އަދި 1988 ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައާ ގުޅިގެން ސަރުކާރުން ކުރެއްވި މަސައްކަތްތަކުގައި، 24 ގަޑިއިރު އަތޮޅުއޮފީސް ހުޅުވައިގެން ކަމާލް އަދާކުރެއްވި ދައުރާއި، 2004 ވަނަ އަހަރު ޑިސެންބަރު 26 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު ލިބުނު ގެއްލުންތަކުން އަރައިގަނެ، މ.އަތޮޅު އަލުން އާރާސްތު ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ހިންގުނު ޕްރޮޖެކްޓްތަކުގައި އަޙްމަދު ކަމާލް، މުރާލިކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްދެއްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. އަދި ކޯވިޑް19-ގެ ޢާލަމީ ވަބާއާ ގުޅިގެން 2020 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުން، ކޯވިޑުން އަރައިގަތުމަށާއި، އެ ބަލިން އަތޮޅުގެ ރައްޔިތުން ރައްކާތެރިކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި އަޙްމަދު ކަމާލްގެ ޚިދުމަތްތައްވެސް ހަނދާންކޮށްލަން ޖެހެއެވެ.