އަލްފާޟިލާ ޙަފީޡާ އިބްރާހީމް
މ. ދިޖުލަތު ކޯރު

ޙަފީޡާ އިބްރާހީމަކީ، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 48 އަހަރު އަދި އެ މުއްދަތުގެ ތެރެއިން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 43 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ، ވަރަށް ހީވާގި ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް ފުރަތަމަ ފެށްޓެވީ 10 ޖޫން 1973 ގައި ޕޯސްޓް އޮފީހުގެ 2 ނަންބަރު ކާތިބާ ކަމުގެ ވަޒީފާއިންނެވެ. އޭގެ މަހެއްހާ ދުވަސް ފަހުން ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ 2 ނަންބަރު ކާތިބާ ކަމުގެ ވަޒީފާއަށް ބަދަލުކުރެއްވިއެވެ. އޭގެ ތިން އަހަރު ފަހުން ވަޒީފާގެ މެދުކެނޑުމަކަށްފަހު، އަލުން ޕޯސްޓް އޮފީހުގެ ވަޒީފާއަށް ވެދެވަޑައިގަތީ 3 ނޮވެންބަރު 1977 ގައެވެ.

ޙަފީޡާ އިބްރާހީމް އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ޕޯސްޓަލް ކްލާކް ކަމާއި، ސީނިއަރ ޕޯސްޓަލް ކްލާކް ކަމާއި، އެސިސްޓެންޓް ޕޯސްޓަލް އޮފިސަރ ކަމާއި، ސީނިއަރ ޕޯސްޓަލް އޮފިސަރ ކަމާއި، މެނޭޖަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި އަދި އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރގެ މަގާމު ހިމެނެއެވެ. ޕޯސްޓުގެ އެކިއެކި ދާއިރާގައި ޚިދުމަތް ކުރެއްވުމަށްފަހު، މިއަދު ޙަފީޡާ އިބްރާހީމް އަދާކުރައްވަމުން ގެންދަވަނީ، ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމެވެ. ކުންފުނީގެ އެންމެ އިސް އެއް މަގާމާ ހަމަޔަށް ޙަފީޡާއަށް ވަޑައިގެންނެވުނީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކުގެ ސަބަބުންނެވެ. އަދި މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމާއި، ޒިންމާދާރުކަމާއެކު ކަންކަން ކުރެއްވުމަށް ދެއްވި ޚާއްޞަ ސަމާލުކަމުގެ ސަބަބުންނެވެ.

ކުންފުނިން ކުރިއަށް ގެންދިޔަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާ ގުޅޭ އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ޙަފީޡާ އިބްރާހީމް ވަނީ ފުރިހަމަކުރައްވައިފައެވެ. މީގެއިތުރުން، އޭޝިއާ ޕެސިފިކް ޕޯސްޓަލް ކޮލެޖުން ބެންކޮކްގައި ހިންގި އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރައްވައިފައި ވެއެވެ.

ޙަފީޡާ އިބްރާހީމަކީ ޕޯސްޓުގެ ދާއިރާއިން ގިނަގުނަ ތަޖުރިބާތައް ހާސިލު ކުރައްވައިފައިވާ ފަންނީ ޤާބިލު ބޭފުޅެކެވެ. އަދި ކުންފުންޏަށް އެކިއެކި ދާއިރާތަކުގެ ފަންނީ މަސައްކަތްތަކުގައި ލަފައާއި މަޝްވަރާއަށް ބޭނުންވާހިނދު، އަމިއްލައަށް އިސްނަންގަވައިގެން އެހީތެރިކަން ފޯރުކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ޙަފީޡާ އިބްރާހީމް ވަނީ ކުންފުނިން އުފައްދަވައިފައިވާ ބައެއް ކޮމިޓީތަކުގައިވެސް ޚިދުމަތް ކުރައްވައިފައެވެ. މީގެތެރޭގައި، ބީލަން ކޮމިޓީގެ ޗެއަރޕަރސަންކަމާއި، އެޗް.އާރު.ކޮމިޓީގެ ޗެއަރޕަރސަން ކަމާއި، ގަވަރނަންސް ކޮމިޓީގެ ޗެއަރޕަރސަން ކަމާއި، މުވައްޒަފުންގެ ޝަކުވާ ބަލާ ކޮމިޓީ ހިމެނެއެވެ.

ޙަފީޡާ އިބްރާހީމަކީ، ވަޒީފާގެ މާޙައުލުގައި ދިމާވާ ދަތި އުނދަގޫ ކަންކަމާ ކުރިމަތިލައްވައި، އެކަންކަން ޙައްލު ކުރެއްވުމުގެ ޤާބިލުކަން ހުރި، ކުންފުނި ހިންގަވަން ތިއްބަވާ ބޭފުޅުންނަށް ހުރިހާ ވަގުތެއްގައިވެސް ފުރިހަމައަށް އެއްބާރުލުން ދެއްވާ ބޭފުޅެކެވެ. ޙަފީޡާ އިބްރާހީމްގެ މޭސްތިރިކަމުގެ ދަށުން ތަރުބިއްޔަތުވެ ތަމްރީނު ލިބިފައިވާ ގިނަ މުވައްޒަފުންނަކީ، މިހާރު ކުންފުނީގެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހީވާގި މުވައްޒަފުންނެވެ. މީގެއިތުރުން، ކުންފުނިން ކުރިއަށް ގެންގޮސްފައިވާ އެކިއެކި މުހިންމު މަޝްރޫޢުތަކުގައި ޙަފީޡާ އިބްރާހީމްގެ ހިއްސާ ބޮޑުކަން ފާހަގަކުރެވެއެވެ. އޭގެތެރޭގައި، އީ-ކޮމާސްގެ ޚިދުމަތް ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކާއި، ލޯކަލް އަދި އިންޓަރނޭޝަނަލް އީ-ޓުކުރީގެ ޚިދުމަތް ތަޢާރުފް ކުރުމަށް ހިންގުނު މަޝްރޫޢު ފާހަގަކުރެވެއެވެ. މީގެއިތުރުން، މަސައްކަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލައި، މުރާޖަޢާކޮށް ތަރައްޤީ ކުރުމަށް ކުރެވުނު މަސައްކަތްތަކުގައިވެސް ޙަފީޡާ އަދާކުރެއްވި ދައުރު ވަރަށް ބޮޑެވެ.