އަލްފާޟިލް މުޙައްމަދު އިބްރާހީމް މަނިކު
ވ. ޕްލޭޓް

މުޙައްމަދު އިބްރާހީމް މަނިކަކީ، 1973 ވަނަ އަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހު 2 ނަންބަރު ކާތިބެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަޒީފާއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.

އޯޑިޓް އޮފީހުގެ އެސިސްޓެންޓް އެކައުންޓެންޓެއްގެ ގޮތުގައި، މުޙައްމަދު އިބްރާހީމް މަނިކު، އެ އޮފީހާ ގުޅިވަޑައިގަތީ، 1980 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. އޮޑިޓް ކުރުމުގައި ބެހެއްޓެވި ފަރުވާތެރިކަމާއި، ޝައުޤުވެރިކަމާއެކު ކުރެއްވި މަސައްކަތުން އެއް ހަރުފަތުން އަނެއް ހަރުފަތަށް ކުރިއަށް ވަޑައިގެންނެވިއެވެ. އޯޑިޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް އޮޑިޓްގެ މަގާމުގައި 2004 ން ފެށިގެން ހުންނެވުމަށްފަހު، 2007 ގައި މިނިސްޓްރީ އޮފް ފިނޭންސަށް ބަދަލުވެވަޑައިގެން، އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު،
2008 ވަނަ އަހަރު އަނެއްކާވެސް އޯޑިޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ ގޮތުގައި، އެ އޮފީހުގެ ޚިދުމަތާ ގުޅިވަޑައިގެންނެވިއެވެ. އޭގެފަހުން 2011 ވަނަ އަހަރު އޯޑިޓް އޮފީހުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލާ ގުޅިގެން، އޯޑިޓް މެނޭޖަރެއްގެ މަގާމަށް މުޙައްމަދު އިބްރާހީމް މަނިކު ހަމަޖެއްސެވުމަށްފަހު، 12 އޮކްޓޫބަރު 2021 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމައަށް މަސައްކަތް ކުރައްވަމުން ގެންދެވީ، އިންޓަރނަލް އޮޑިޓް ޔުނިޓުގެ މެނޭޖަރެއްގެ ގޮތުގައެވެ.

ވޭތުވެދިޔަ ދިގު މުއްދަތުގައި، މުޙައްމަދު އިބްރާހީމް މަނިކު ވަނީ އޯޑިޓް އޮފީހުގައި އޮޑިޓް ކުރުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ގިނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ. މިގޮތުން، މުޙައްމަދު އިބްރާހީމް މަނިކަކީ، އޮޑިޓް ކުރުމާއި، އޮޑިޓް ޓީމުތައް ލީޑް ކުރެއްވުމާއި، އެކިއެކި ތަމްރީނު ޕްރޮގްރާމްތަކުގައި އޮޑިޓާ ގުޅޭ ދާއިރާތަކުން މީހުން ތަމްރީނުކޮށްދެއްވުމާއި، އޮޑިޓުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އޯޑިޓް އޮފީހުގައި ކުރެއްވި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ޚިދުމަތްތެރި ބޭފުޅެކެވެ. މީގެއިތުރުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އެކުލަވައިލުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ މުޙައްމަދު އިބްރާހީމް މަނިކަކީ، އުނގެނި ދަސްކުރުމާއި، އެނގޭ އެއްޗެއް އެހެން މީހުންނާ ހިއްސާ ކުރެއްވުމަށް ނުހަނު އިސްކަން ދެއްވި ބޭފުޅެކެވެ.

މުޙައްމަދު އިބްރާހީމް މަނިކު ވަނީ އޯޑިޓް އޮފީހުގެ ވަޒީފާގައި އުޅުއްވަމުން، ސަރޓިފިކޭޓް އޮފް ލޯކަލް އެކައުންޓެންޓް ކޯސް ފުރިހަމަކުރައްވައި އަދި މި މަސައްކަތާ ގުޅޭ ވަރަށްގިނަ މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި، ސެމިނާރފަދަ ގިނަ ޕްރޮގްރާމެއް ފުރިހަމަކުރައްވައިފައެވެ. އަދި ރާއްޖެއިން ބޭރުން (މޯލްޓާއިން) އިންޓަރންޝިޕް ޕްރޮގްރާމެއްވެސް ފުރިހަމަކުރައްވައިފައެވެ.

މުޙައްމަދު އިބްރާހީމް މަނިކު، އޯޑިޓް އޮފީހުގައި އޮޑިޓަރެއްގެ ހައިސިއްޔަތުން ހޭދަކުރެއްވި ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި، ބުކް ކީޕިންގއާއި، އޮޑިޓިންގގައި ދަސްކުރެއްވި ކަންތައްތަކާއި، ލިބިވަޑައިގެންނެވި ތަޖުރިބާއާ ބެހޭގޮތުން "އަހަރެންގެ އޮޑިޓް ފޮތް" މި ނަމުގައި ވަނީ ފޮތެއް ލިޔުއްވައި، އޯޑިޓް އޮފީހަށް ހަދިޔާކުރައްވައިފައެވެ. އެ ފޮތުގައި އެކައުންޓިންގއާއި އޮޑިޓިންގއާ ބެހޭގޮތުން މުޙައްމަދު އިބްރާހީމް މަނިކަށް ލިބިވަޑައިގެންފައިވާ މަޢުލޫމާތުތަކާއި، ހާސިލު ކުރެއްވި ތަޖުރިބާތައް ވަނީ ގެނެސްދެއްވައިފައެވެ. މި ފޮތް މުޙައްމަދު އިބްރާހީމް މަނިކު އެކުލަވައިލެއްވީ، އަލަށް އޯޑިޓް އޮފީހާ ގުޅިވަޑައިގަންނަވާ އޮޑިޓަރުންނަށް މި ފޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެކަމުގެ އުންމީދުގައެވެ.