ކާނަލް (ރިޓަޔަރޑް) ރަންވިއްކާ އާދަމް މަނިކު
ހ. އާދުނި

ކާނަލް (ރިޓަޔަރޑް) ރަންވިއްކާ އާދަމް މަނިކަކީ، 1957 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.)ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. މި ދިގު މުއްދަތުގެ ތެރޭގައި، އެމް.އެން.ޑީ.އެފް.ގެ ޕްރައިވެޓް ކަމާއި، ލާންސްކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރުގެ މަގާމުގެ އިތުރުން، ލެފްޓިނަންޓް ކާނަލްކަމުގެ މަގާމުވެސް ފުރުއްވިއެވެ.

ކާނަލް (ރިޓަޔަރޑް) ރަންވިއްކާ އާދަމް މަނިކު، ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި، 8 މެޑެއްޔާއި 6 ކުލަ ވަނީ ލިބިވަޑައިގެންފައެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، އަޚްލާޤީ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، ޖިހާދުގެ ރަތް މެޑެލް، ސައްތައިގެ މެޑެލް، އަދި 3 ނޮވެންބަރުގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ކުލަތަކަކީ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލައެވެ. އަދި އަޚްލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައިވެއެވެ.

ކާނަލް (ރިޓަޔަރޑް) ރަންވިއްކާ އާދަމް މަނިކަކީ، ސިފައިންގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އާދަމް މަނިކު ބައިވެރިވެވަޑައިގެންނެވި ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި، ހުވަދޫ ބަޣާވާތުގައި ސިފައިންގެ ބޭފުޅެއްގެ ގޮތުން ޙަރަކާތްތެރިވެވަޑައިގެންނެވުމާއި، ތަފާތު ބޮޑެތި މައްސަލަތައް ތަޙުޤީޤު ކުރެއްވުމަށްޓަކައި ރާއްޖެތެރޭގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ އިތުރުން، މާލެއަށް ބޮޑުރާޅު އެރި ހާދިސާއާއި، މާލޭ ފަޅުން ބިންހިއްކުމަށް ސިފައިން ވެލި ހަދިޔާ ކުރުމާއި، މާލޭގެ މަގުތައް ހެދުމަށް އަކިރި ހަދިޔާ ކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އިންޓަރނޭޝަނަލް އެއަރޕޯޓް، ހުޅުލޭގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރެއްވިއިރު، އެއަރޕޯޓުގެ ރަންވޭ އެޅުމަށްޓަކައި ރަންވޭ ސަރަޙައްދުން ކޮންނަން ހަވާލުކުރާ އޭރިޔާގައި ހުންނަ ވެލި (ވެލިގޮޅި) ނެގުމަށް އެ ސަރަޙައްދު ކޮނުމަށް އެކިފަހަރު މަތިން ހުޅުލެއަށް ވަޑައިގެން، ވަރަށް ފޯރިއާއި ޖޯޝާއެކީގައި ވަނީ މަސައްކަތް ކުރައްވައިފައެވެ.

ސަރުކާރުން ލ.ކައްދޫގައި ހެއްދެވި ޑޮމެސްޓިކް އެއަރޕޯޓުގެ މަސައްކަތުގެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ކާނަލް ރަންވިއްކާ އާދަމް މަނިކު ފޮނުއްވުމުން، 1981 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހުން ފެށިގެން 1982 ވަނަ އަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހާ ހަމަޔަށް އެއަރޕޯޓުގެ ކަންކަމުގައި ވަރަށްބުރަކޮށް މަސައްކަތްކޮށްދެއްވުންފަދަ ކަންކަން ކުރައްވައިފައިވާކަން ފާހަގަކުރެވެއެވެ. އޭގެއިތުރުން، އެކިއެކި ކުޅިވަރުތައް ކުޅުމާއި ރާވައި ހިންގުން ފަދަ އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެވަޑައިގެން، ސިފައިންގެ ތެރޭގައި އިޖުތިމާޢީ ރޫޙު ދިރުވުމުގެ ގޮތުން އިސްވެ ޙަރަކާތްތެރިވެވަޑައިގެންފައިވެއެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގެ ބިރުވެރި ވަގުތުގައިވެސް، ޤައުމީ ވާޖިބު އަދާކުރެއްވުމަށްޓަކައި، ބިރެއްނެތި ސިފައިންގެޔަށް ވަޑައިގެންނެވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ ތެރޭގައި، ދުޝްމަނުންގެ ޙަމަލައިގައި، ފައިންޕުޅަށް ވަޒަންއެރިއެވެ.

ކާނަލް ރަންވިއްކާ އާދަމް މަނިކަކީ، ސިފައިންގެ ތެރޭގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރެއްވި ލާމަސީލު ބޭފުޅެކެވެ. މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި، މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭ ޒުވާން ފަހުލަވާނުންނަށް ސިފައިންވަންތަކަން ދައްކަވައިދެއްވި ވަރަށް ރީތި މިސާލެކެވެ.

ދިވެހި ޢަސްކަރިއްޔާއަށް 52 އަހަރަށްވުރެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވުމަށްފަހު، ކާނަލް ރަންވިއްކާ އާދަމް މަނިކު ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތީ 1 އޮގަސްޓު 2009 ގައެވެ.