އަލްފާޟިލް ޔޫސުފް ރިފްޢަތު
ނޫވިލު ޅ. ހިންނަވަރު

ޔޫސުފް ރިފްޢަތަކީ، ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން އެންމެ ގިނަދުވަސްވީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތަޖުރިބާކާރު ބޭފުޅެކެވެ. 1982 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގެންނެވި ރިފްޢަތަކީ، އެ ދާއިރާގައި މިއަދު އެންމެ ކާމިޔާބު އެއް ޓްރެވަލް އޭޖެންސީ ކަމަށްވާ ކެޕިޓަލް ޓްރެވަލް ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރުވެސް މެއެވެ.

ޔުނިވަރސަލް އެންޓަރޕްރައިޒަސްއިން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތް ފެށްޓެވި ރިފްޢަތުގެ އޯނަރޝިޕްގެ ދަށުގައި އުފަން ކުރެއްވި "ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް"އަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރުވެސް އެންމެ މަޤްބޫލު އެއް ޓްރެވަލް އޭޖެންސީ އަދި ޓުއަރ އޮޕަރޭޓަރެވެ. ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގިނަ ޤައުމުތަކުގެ އިތުބާރު ހޯދާފައިވާ އެ ކުންފުނީގައި ދިވެހިންނާއި ބޭރު މީހުން ހިމެނޭހެން 100 އަށްވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ. މިންތީގެ ހަމަހަމަކަމަށްވެސް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ނިސްބަތަކީ 65 އިންސައްތައެވެ.

ޔޫސުފް ރިފްޢަތަކީ، ޔުނައިޓެޑް ނޭޝަންސް ވާރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބްލިޔޫ.ޓީ.އޯ.)ގެ ރާއްޖޭގެ އެޑްވައިޒަރު ކަމާއި، 1994 ވަނަ އަހަރުން ފެށިގެން އެމެރިކަން ސޮސައިޓީ އޮފް ޓްރެވަލް އޭޖެންޓްސް (އަސްޓާ)ގެ ޗެޕްޓަރ ޕްރެޒިޑެންޓް ކަމާއި، 2009 އިން 2014 އަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމް.އެމް.ޕީ.އާރު.ސީ.)ގެ ބޯޑު މެންބަރުކަމާއި، 2009 އިން 2012 އަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) ގެ ފައުންޑިންގ މެންބަރު އަދި ޕްރެޒިޑެންޓް ކަމުގެ މަގާމު ފުރުއްވައިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، 2007 ވަނަ އަހަރު އުފަންވި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ ފައުންޑަރ ކަމާއި، 2014 ވަނަ އަހަރު އުފަންވި އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް (އާޓާ) ގެ ފައުންޑިންގ މެންބަރު އަދި ޕްރެޒިޑެންޓްކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރެއްވުމަށް ރިފްޢަތު ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ޕޮކެޓްމަނީ ލިބޭގޮތަށް 75 ދަރިވަރަކަށް އިންޓަރންޝިޕްގެ ފުރުސަތު ފަހިކޮށްދެއްވުމާއި، މުވައްޒަފުން ބިނާކުރުމަށްޓަކައި މަސައްކަތުގެ މާޙައުލުގައި އެކި ފެންވަރުގެ ވަރކްޝޮޕްތައް ހިންގެވުން ހިމެނެއެވެ.

ރިފްޢަތަކީ، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ތަފާތު އެހެން މަސައްކަތްތައްވެސް ކުރައްވާ ބޭފުޅެކެވެ. މިގޮތުން، "މޯލްޑިވްސް އެކްސްޕްލޯރާ" ގެ ނަމުގައި ލަގްޒަރީ ސަފާރީ އޮޕަރޭޝަނެއް ހިންގެވުމުގެއިތުރުން، ރިޒޯޓުތަކާއި، ގެސްޓްހައުސްތަކާއި، ރެސްޓޯރެންޓްތަކަށް ބޭނުންވާނޭ ތަކެތި ސަޕްލައިކޮށްދެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ރިފްޢަތު ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ދިވެހިރާއްޖެ ބައިވެރިވާ ރާއްޖެއިން ބޭރުގައި ބާއްވާ ގިނަ ފެއަރތަކުގައި އަމިއްލަފުޅަށް ބައިވެރިވެވަޑައިގެން، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމާއި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި ތަރައްޤީވެގެން އައި ގޮތުގެ މަޢުލޫމާތު، ބޭރުގެ ފަރާތްތަކަށް ދެއްވުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، މިހާރުވެސް އެކަމުގައި ދެމިހުންނެވިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.