އަލްފާޟިލް ފަތުޙުﷲ އަޙްމަދު
މޫރިތިގެ ހއ. އިހަވަންދޫ

ފަތުޙުﷲ އަޙްމަދަކީ، ދިވެހިބަހަށް ދަރިވަރުންނާއި މުދައްރިސުން އަހުލުވެރިކުރެއްވުމާއި ބަހަވީ ދިރާސާތައް ކުރެއްވުމާއި ލިޔުންތެރިކަމުގެ ފަންނުތައް ދަސްކޮށްދެއްވުމުގައި ސާބިތުވެ ހުންނެވި ޒުވާން މުދައްރިސެކެވެ. ފަތުޙުﷲގެ ހިތްޕުޅުގައި ދިވެހިބަހާއި އަދަބަށް ޚާއްޞަ ލޯތްބެއް އުފެދި، ބަހަށް ޚިދުމަތް ކުރުމުގެ ރޫޙު އުފެދިގެން ދިޔައީ، ސްކޫލު ދައުރުގައި 2000 ވަނަ އަހަރު، ބޭއްވި ވާހަކަދެއްކުމުގެ 4 ވަނަ އަތޮޅު މުބާރާތުގައި ބައިވެރިވެވަޑައިގެން އެ މުބާރާތަށް ތައްޔާރުވުމަށް ކުރެއްވި މަސައްކަތުގެ ތެރެއިންނެވެ. ފަތުޙުﷲ ވަނީ އެ މުބާރާތުގެ 19 އަހަރުން ދަށުގެ އުމުރުފުރައިން 1 ވަނަ ހާސިލު ކުރައްވައިފައެވެ.

ސާނަވީ މުދައްރިސްކަމުގެ ސަނަދު ހާސިލުކުރެއްވުމަށްފަހު، 2006 ވަނަ އަހަރު އިހަވަންދޫ ސްކޫލާ ގުޅިވަޑައިގަތެވެ. އެ ސްކޫލްގައި ދިވެހިބަސް ކިޔަވައިދެއްވައި، އަދަބީ ޙަރަކާތްތައް ކުރިއަށް ގެންދެވުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވައެވެ. ފަތްތޫރަ މަޖައްލާއަށާއި، ޖަމާޢަތުގެ ޚަބަރުގެ އިތުރުން، އޮންލައިން މަޖައްލާތަކަށް ލިޔުއްވައެވެ. މިގޮތުން، ޖަމާޢަތުގެ ޚަބަރުގައި ފަތުޙުﷲ ޝާއިޢުކުރެއްވި ފެނުގައި ގަސް އިންދައި ހައްދާނެ ގޮތުގެ މަޢުލޫމާތުތައް މަޤްބޫލުވެ، އެ ދާއިރާއިން ފޮތް އެކުލަވައިލެއްވުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ފަރާތުން ދެއްވި ފުރުސަތުގެ ބޭނުންކުރައްވައި "ފެނުގައި ގަސް ހެއްދުން 1" އަދި "ފެނުގައި ގަސް ހެއްދުން 2" ގެ ނަމުގައި ދެ ފޮތް ލިޔުއްވިއެވެ. އޭގެއިތުރުން، "ޒިލާ" އަދި "އަފްޒަލް" ގެ ނަމުގައި ދެ ނާވިލުވަނީ ޝާއިޢުކުރައްވައިފައެވެ. މީގެއިތުރުން، ދިވެހިބަހާ ގުޅުންހުރި ތަފާތު މައުޟޫޢުތަކަށް ޢިލްމީ ދިރާސާތައް ހައްދަވައި، މަހާސިންތާތަކުގައި ދިރާސާތައް ހުށަހަޅުއްވައެވެ. ފަތުޙުﷲ ކުރައްވައިފައިވާ ބައެއް ޢިލްމީ ދިރާސާތަކަށާއި، ލިޔުއްވައިފައިވާ ބައެއް ވާހަކަތަކަށް ބިނާކޮށް، އެ މަސައްކަތްތައް ހިމަނުއްވައިގެން ދިވެހިރާއްޖޭގެ އަޑުން ތަފާތު ޕްރޮގުރާމުތައް އުފައްދަވައިފައިވެއެވެ.

ދިވެހިބަހާ ގުޅުންހުރި ކޯސްތަކުގެ ތަފާތު މާއްދާތައް ކިޔަވައިދެއްވުމުގައިވެސް ފަތުޙުﷲ އަކީ ފާހަގަކޮށްލެވޭ ދާރިހެކެވެ. މިގޮތުން، 2015 އިން 2020 އަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ވިލާ ކޮލެޖުން ކުރިއަށްގެންދިޔަ ދިވެހިބަހުގެ ޑިގްރީ ކޯސްތަކުގައި ބަހަވީ ޢިލްމާއި ލިޔުންތެރިކަމާ ގުޅުންހުރި ތަފާތު 5 މާއްދާއެއް ކިޔަވައިދެއްވިއެވެ.

ފަތުޙުﷲ ވަނީ، ޤައުމީ ފެންވަރުގައި ބޭއްވި ލިޔުންތެރިކަމުގެ ތަފާތު މުބާރާތްތަކުން ތަފާތު ކާމިޔާބީތައް ހާސިލުކުރައްވައިފައެވެ. މިގޮތުން، ވާހަކަލިޔުމާއި މަޒުމޫނު ލިޔުމުގެ ޤައުމީ ފަސް މުބާރާތަކުން 1 ވަނަ އަދި 3 މުބާރާތަކުން 2 ވަނަ ހާސިލުކުރައްވައިފައިވެއެވެ. މީގެއިތުރުން، 2015 ވަނަ އަހަރު ހަވީރު ނޫހުން "ފިނިހަވީރު" ގެ ނަމުގައި ބޭއްވި ކުރު ވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނަ ހޯއްދެވުމާއެކު، އެ ނޫހަށް ވާހަކަލިޔުމުގެ ފުރުސަތު ލިބިވަޑައިގެންނެވިއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، ދެފަހަރެއްގެ މަތިން ފަތުޙުﷲ ވަނީ ހާސިލު ކުރައްވައިފައެވެ. އެއީ، ޤައުމީ ޔުނިވަރސިޓީން ހިންގި ދިވެހިބަހުގެ ޑިގްރީ ކޯހުން، 2012 ވަނަ އަހަރު 1 ވަނަ ހާސިލުކުރެއްވުމުންނާއި، 2013 ވަނަ އަހަރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގި ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް އިން އެޑިޔުކޭޝަން ކޯހުން 1 ވަނަ ހާސިލު ކުރެއްވުމުންނެވެ. މީގެއިތުރުން، ފަތުޙުﷲ ވަނީ ޤައުމީ ޔުނިވަރސިޓީން ހިންގެވި ދިވެހިބަހާއި ސަގާފަތުގެ މާސްޓަރޒް ކޯހާއި، ދިވެހިބަސް އުނގަންނައިދެއްވުމުގެ މާސްޓަރޒް ކޯސް ފުރިހަމަކުރައްވައި، އެ ދެ ކޯހުންވެސް ޝަރަފުގެ އެވޯޑު ހާސިލުކުރައްވައިފައެވެ.

2016 ވަނަ އަހަރުން ފެށިގެން، ފަތުޙުﷲ ގެންދަވަނީ އޮންލައިން ނޫސްތަކުގައި، ކުރު ވާހަކައާއި ދިގު ވާހަކަ ޝާއިޢު ކުރައްވަމުންނެވެ. މިހާތަނަށް 10 ދިގު ވާހަކައާއި، 120 ކުރު ވާހަކަ، އޮންލައިން ނޫސްތަކުގައި ޝާއިޢު ކުރައްވައިފައިވެއެވެ. މިހާރުވެސް އަދަދު އޮންލައިން ނޫހުގައި ކޮންމެ ހަފުތާއަކު ދެ ދުވަހު ފަތުޙުﷲގެ ވާހަކަތައް ޝާއިޢުކުރައްވައެވެ. މީގެއިތުރުން، ފަތުޙުﷲގެ ވާހަކަތައް ހިމަނުއްވައިގެން "ފަޞްލު" ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް އުފައްދަވައި އާއްމުކުރައްވައިފައި ވެއެވެ.

ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުން، މަންހަޖަށް އަހުލުވެރިކުރުވުމާއި ތާޒާކުރުމުގެ މަސައްކަތްތަކުގައި ފަތުޙުﷲ ގެންދަވަނީ ސްކޫލުތަކަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އަދި އިމްތިޙާނުތަކަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން، ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ހިލޭސާބަހަށް ދިވެހި މާއްދާ ކިޔަވައިދެއްވަމުން ގެންދަވައެވެ. ދިވެހިބަސް އުނގަންނައި ދެއްވުމުގައި، ފަތުޙުﷲ ޚާއްޞަ އިސްކަމެއް ދެއްވަނީ ލިޔުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދެއްވުމަށެވެ. ލިޔުންތެރިކަމުގެ ތަފާތު ބާވަތްތަކާއި ވާހަކަލިޔަން ދަސްކޮށްދެއްވުމަށެވެ. ފަތުޙުﷲގެ އަމާޒަކީ ހުނަރުވެރި ޒުވާން ލިޔުންތެރީން އުފެއްދެވުމެވެ.

ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ކުރިއަށް ގެންދަވާ، ކުރު ވާހަކަ ލިޔުމާއި މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތްތަކަށް އިހަވަންދޫ ސްކޫލުގެ ދަރިވަރުން ތަމުރީނު ކުރައްވައި، އެ މުބާރާތްތަކުން އިހަވަންދޫ ސްކޫލު ހޯދަމުންގެންދާ ކާމިޔާބީގެ ފަހަތުގައި ހުންނެވީ ފަތުޙުﷲ އެވެ. ފަތުޙުﷲ ކިޔަވައިދެއްވާ ދަރިވަރުން، ޤައުމީ ފެންވަރުގެ އިމްތިޙާނުތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރައްވައި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ދެއްވާ "ތިލަ އުތުރު އުއްތަމަ އަރުތަވެރި އިނާމު" އާއި، އަތޮޅުގެ "އެންމެ ކާމިޔާބު އެދުރު"ގެ އެވޯޑު، 2014 ވަނަ އަހަރު ފަތުޙުﷲ ވަނީ ހާސިލު ކުރައްވައިފައެވެ.

ފަތުޙުﷲ އަޙްމަދު މިހާރު ހުންނެވީ، އިހަވަންދޫ ސްކޫލްގެ ސީނިއަރ ލީޑިންގ ޓީޗަރުގެ މަގާމުގައެވެ.