އަލްފާޟިލް ޢަލީ ރަޝީދު
ނ.ހެނބަދޫ/ ތުނޑި

ޢަލީ ރަޝީދަކީ، އޭނާގެ ހިތްޕުޅުގައި ވަރަށް ކުރިއްސުރެ ދިވެހިބޭސްވެރިކަމަށް ޚާއްޞަ ޝައުޤުވެރިކަމެއް އުފެދިފައިވާ، ވަރަށް ޅަޢުމުރުގައި އެކަމުގެ ތެރެއަށް ވެދެވަޑައިގެންނެވި ބޭފުޅެކެވެ. އެކަމުގެ ސަބަބަކީ، ބޭސްވެރިކަމާ އޭނާގެ ޢާއިލާއާ ގުޅިފައިވާ ގުޅުމެވެ. އެ ޝައުޤު ޢަލީ ރަޝީދުގެ ހިތްޕުޅުގައި އުފެދުމުގައި އެންމެ ބޮޑު ހިއްސާއެއް ވެދެއްވި ބޭފުޅަކީ، އޭނާގެ ބޮޑުބޭބެ މޫސާ ޙަސަނެވެ. މޫސާ ޙަސަނަކީ، ވަރަށް މަޝްހޫރު ބޭސްވެރިއެކެވެ.

ޢަލީ ރަޝީދު، ޢުމުރުން 16 އަހަރުގައި މާލެ ވަޑައިގަތުމުގެ ހަމައެކަނި ބޭނުންފުޅަކަށްވެފައި އޮތީ، މިޒަމާނާ ގުޅޭގޮތަށް ދިވެހި ބޭސްވެރިކަން ދަސްކުރެއްވުމެވެ. އެ ދަތުރުގައި ގިނަ ދަތިތަކެއް ކުރިމަތިވެވަޑައިގެންނެވި ކަމުގައިވިޔަސް، ޢަލީ ރަޝީދުގެ ޢަޒުމަކަށް، އުންމީދަކަށް ބަދަލެއްނައެވެ. ނ.އަތޮޅުގެ ކޮންމެ ރަށަކުން ކުއްޖަކަށް ޚިތާނުކުރަން ދަސްކޮށްދިނުމުގެ ކޯހެއް، ސަރުކާރާއި، ޔޫ.އެން.ޑީ.ޕީ.ގެ އެހީގައި ލިބުން ވެގެންދިޔައީ، ޢަލީ ރަޝީދަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްވަރަކަށެވެ. ހެނބަދޫން މިކޯހުގައި ބައިވެރިވެވަޑައިގަތީ، ޢަލީ ރަޝީދެވެ. ކޯހުގެ ބައިވެރިން ވަކިވަމުން ވަކިވަމުންގޮސް، ކޯސް ފުރިހަމަކުރެއްވި ހަމައެކަނި ބޭފުޅަކަށްވީވެސް، ޢަލީ ރަޝީދެވެ. ޚިތާނުކުރުމުގެ ސަނަދު ލިބިވަޑައިގެންނެވި ކަމުގައިވިޔަސް، އޭނާގެ އަޞްލު މަޤްޞަދު ޙާޞިލުނުވާތީ، އެފަދަ ފުރްޞަތެއްގެ އިންތިޒާރުގައި ހުންނަވަނިކޮށް، އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސަސްއިން ދިވެހި ބޭސްވެރިކަން ދަސްކޮށްދިނުމުގެ 10 މަސްދުވަހުގެ ކޯހަކުން އޭނާއަށް ފުރްޞަތު ލިބިވަޑައިގެންެނެވިއެވެ. ކޯހުގައި ކިޔެވުމުގެ ބައި ނިމިގެން، ޢަމަލީ ތަޖުރިބާ ހޯއްދެވުމުގެ ގޮތުން، މާލޭގައި ދިވެހިބޭސްކޮށްދޭ ކްލިނިކެއްގައި އެއްހާސް ގަޑިއިރު މަސައްކަތް ކުރައްވަން ޖެހިވަޑައިގަތެވެ. އޭގެފަހުން އެ އިންސްޓިޓިއުޓުން ހިންގެވި 1 އަހަރު ދުވަހުގެ އެޑްވާންސްޑް ސެޓްފިކެޓް އިން ޓްރެޑިޝަނަލް މެޑިސިން ކޯހެއްވެސްވަނީ، ފުރިހަމަކުރައްވާފައެވެ.   

ޢަލީ ރަޝީދު އެންމެ ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވަނީ، ރުއްގަލު ބޭހަށެވެ. އޭގެ އިތުރުން، ވައިގެ ބަލިތަކަށާއި، އައްސި ބައްޔަށާއި، ވާގިނެތޭ ބައްޔަށާއި، ނާރުތަކުގެ ބައްޔަށާއި، ހުޅުހުޅުގައި ރިއްސުންފަދަ ބަލިތަކަށް ބޭސްކޮށްދެއްވަމުން އޭނާ ގެންދަވައެވެ. އަދި އެރޯމާތެރަޕީ ނުވަތަ މާމަލުގެ ތެލުން ކުރާ ތަފާތު ފަރުވާއާއި،  ރިފްލެކްސްލޮޖީގެ ފަރުވާއާއި، ފިޒިއޮތެރަޕީވެސް ދެއްވަމުން ގެންދަވައެވެ. ބޭސްވެރިކަމަށް ބޭނުންވާ ފަތްޕިލާވެލި ރާއްޖޭގެ އެކިތަންތަނުން މާލެ ގެންނަވައިގެން، އެތަކެތި މާލޭގެ ތަފާތު ދިމަދިމާގައި އިންދަވައި ހައްދަވަމުން ގެންދަވާކަން އެއީ، ޢަލީ ރަޝީދުގެ ހިތްޕުޅުގައި މިކަމަށް އޮތް ޚާއްޞަ ޝައުޤުވެރިކަމުގެ ވަރަށްބޮޑު ހެއްކެކެވެ.  ނަމަވެސް އެފަދަ މަސައްކަތެއް ކުރެއްވުމަށް އަމިއްލަފުޅު ބާރުފޯރާ ވަކި ބިންކޮޅެއް ނެތުމުން، ބޭސްވެރިކަމަށް ބޭނުންވާ ކުދި ވެޔޮތަކާއި، ގަސްތައް އިންދައި ނިމޭއިރު، ބިން ސާފުކުރާ މީހުން އެތަކެތި ނޮޅާލައި، ބިންމަތި ސާފުކުރަމުން ގެންދާކަން އެއީ އޭނާ ވަރަށް ހިތާމަކުރައްވާ ކަމެކެވެ.

ޢަލީ ރަޝީދު، ޢާންމުކޮށް މިހާރު ޚިދްމަތް ދެއްވަމުން ގެންދަވަނީ، މާވާ މުޙައްމަދު މަނިކުގެ ކްލިނިކްގައެވެ. އެ ކްލިނިކްގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ 13 އަހަރު ދުވަސް ވެއްޖެއެވެ. އަދި ބަލިމީހުންގެ ގާތަށް ވަޑައިގެންވެސް ޚިދްމަތް ދެއްވަމުން ގެންދަވައެވެ.

މި ދާއިރާގައި މި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި، ހިލޭ ސާބަހަށް  29 ކުއްޖަކަށް ދިވެހި ބޭސްވެރިކަން ދަސްކޮށްދެއްވާފައިވެއެވެ. އަދި މާލޭގައިވެސް ދިވެހި ބޭސްވެރިކަމުގެ ކޯސްތައް ހިންގަވައި، ކޯސް ފުރިހަމަކުރި ބައެއް ދަރިވަރުން މި މަސައްކަތަށް ނެރުއްވާފައިވެއެވެ. 2010 ވަނަ އަހަރުގެ ޖޫންމަހުން ފެށިގެން އޯގަސްޓްމަހުގެ ނިޔަލަށް ދިވެހިބޭސްވެރިކަމުގެ 3 މަސްދުވަހުގެ ކޯހެއްވެސް އޭނާ ވަނީ ހިންގަވާފައެވެ. އަދި ކޮންމެ އަހަރެއްގެވެސް ސްކޫލް ބަންދުގައި، އޭނާގެ އުފަން ރަށަށް ވަޑައިގެން، ރަށުގައި ޚިތާނުކުރަން ބޭނުންވެފައި ތިބޭ ކުދިންގެ ތެރެއިން ނިކަމެތި ޢާއިލާތަކުގެ ކުދިން، ހިލޭ ޚިތާނުކޮށްދެއްވަމުން ގެންދަވައެވެ. އަދި އަތޮޅުގެ ރަށްރަށަށް ވަޑައިގަންނަވާއިރު، ޚިތާނުކުރުމުގެ މަސައްކަތް ދަސްކުރުމުގެ ޝައުޤުވެރިކަން ހުންނަ ކުދިން ގެންދަވައިގެން، އެކުދިންނަށް އެކަން ހިލޭ ސާބަހަށް ދަސްކޮށްދެއްވަމުން ގެންދަވާފައިވެއެވެ.  

ދިވެހި ބޭސްވެރިކަން ދިރުވައި އާލާކުރެއްވުމުގެގޮތުން، ޢަލީ ރަޝީދު އޭނާގެ އުފަން ރަށް ހެނބަދޫގައި ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާއެއް ހިންގަވަމުން ގެންދަވައެވެ. މި ޖަމްޢިއްޔާގެ  އެއްމުއައްސިސަކީ، ޢަލީ ރަޝީދެވެ. މި ޖަމްޢިއްޔާ ރަޖިސްޓަރީކުރެއްވީ 23 ނޮވެމްބަރ 2006 ގައެވެ. މި ޖަމްޢިއްޔާ އުފައްދަވައިގެން، ދިވެހިބޭސްވެރިކަން ދަސްކޮށްދެއްވުމުގެ ދެކޯހެއް ހިލޭސާބަހަށް ހިންގަވައިދެއްވާފައިވެއެވެ. މި ދެކޯހުގައި 30 މީހުން ބައިވެރިވެ، ކޯސް ފުރިހަމަކުރިއެވެ.  

ދިވެހި ބޭސްވެރިކަމުގެ ރޮނގުން މީހުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ އެކިއެކި ޕްރޮގްރާމްތަކުގައިވެސް ޢަލީ ރަޝީދުވަނީ، ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ހދ.މީޑިއާ ސެންޓަރުން ފޮނުއްވަމުން ގެންދަވާ [އޮޑިހަނު] މި ޕްރޮގްރާމްގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބައިވެރިވެވަޑައިގެން، 21 ޕްރޮގްރާމެއްގައި ދިވެހި ބޭސްވެރިކަމުގެ މަޢުލޫމާތު ދެއްވާފައިވެއެވެ. މީގެއިތުރުން، އެމް.އެން.ބީ.ސީ 1 އަށް ދިވެހި ބޭސްވެރިކަމުގެ ޕްރޮގްރާމްތަކެއް، 2010 ވަނަ އަހަރު ހިލޭސާބަހަށް ހައްދަވައިދެއްވާފައިވެއެވެ.

ޢަލީ ރަޝީދު މި ދާއިރާއިން ކުރައްވާ އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ، ބޭސްވެރިކަން ކުރައްވަމުން ގެންދަވާއިރު ދިމާވާ އެކިއެކި ޙާދިޘާތަކާބެހޭ ފޮތެއް ލިޔުއްވުމުގެ މަސައްކަތެވެ. މިއީ އޭނާ ވަރަށް ޝައުޤުވެރިކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެކެވެ.