އަލްފާޟިލާ ފާޠިމަތު ޖިސްތީ
ގ.ޖަނަވަރީމާގެ

               ފާޠިމަތު ޖިސްތީއަކީ، ކޭކު އެޅުމާއި، ކޭކު ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މި މަސައްކަތް ދަސްކުރެއްވުމަށް 3 އަހަރު ދުވަހުގެ މެނޭޖްމަންޓް ޑިޕްލޯމާ އިން ޕްރޮފެޝަނަލް ކުކަރީ ކޯހެއް ހައްދަވާފައި ވެއެވެ. އަދި 75 މީހަކަށް، މިހާތަނަށް މި މަސައްކަތް މީނާ ދަސްކޮށްދެއްވާފައިވެސް ވެއެވެ.

               ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޭއްވޭ އެކިއެކި މުބާރާތްތަކުގައި ފާޠިމަތު ޖިސްތީ ބައިވެރިވެވަޑައިގެން، ހޯއްދަވާފައިވާ ކާމިިޔާބީތަކުގެ ތެރޭގައި، ރާއްޖޭގައި ފުރަތަމަ ބޭއްވުނު ކެއްކުމުގެ ހުނަރުވެރިކަން ދައްކާލުމުގެ މަޢުރަޒުން، ކައިވެނިކޭކު އެޅުމުން 1 ވަނަ، އަަދި 2 ވަނަ މަޢުރަޒުން، ސެލެބްރޭޝަން ކޭކު އެޅުމުން 1 ވަނަ، އަދި 4 ވަނަ މަޢުރަޒުން ކައިވެނިކޭކު އެޅުމުން 1 ވަނަ ލިބިވަޑައިގެންފައިވުން ހިމެނެއެވެ. އަދި ސްރީލަންކަން ކޮލިނެއަރ - 1993 ގައި ބައިވެރިވެވަޑައިގެން، ކައިވެނިކޭކު އެޅުމުގެ ރަންވަންލޯ މެޑެއްޔާއި، މި އަހަރު ސިންގަޕޫރުގައި ބޭއްވުނު 11 ވަނަ ފުޑް އެންޑް ހޮޓެލް އޭޝިޔާ އިންޓަރނޭޝަނަލް ސެލޫން ކޮލިނެއަރގައި ބައިވެރިވެވަޑައިގެން ރިހި މެޑެލް ހޯއްދަވާފައި ވެއެވެ.