އަލްފާޟިލް އަޙްމަދު ޢާޞިފް
ހ.ފޭދޫ

       ކުރެހުމާއި ގްރެފިކް ޑިޒައިނަރެއްގެ ރޮނގުން މަޝްހޫރު ބޭފުޅަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް ލިބުން އެއީ، ބައެއް ބޭފުޅުންގެ ހިތްޕުޅުގައި ސުވާލެއް އުފެދިދާނެ ކަމެކެވެ. އެހެން ނަމަވެސް ހެންވޭރު ފޭދޫ އަޙްމަދު ޢާޞިފަކީ، އޭނާއަށް ލިބިވަޑައިގެންފައިވާ ޢިލްމީ ހުނަރު ބޭނުންކުރައްވައިގެން، ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރު ކޮށްދެއްވުމުގައި، ކާމިޔާބީތަކެއް ޙާޞިލު ކުރައްވާފަައިވާ ބޭފުޅެކެވެ. އޭނާގެ މިމަސައްކަތް، ފަތުރުވެރިކަމުގެ ބައިނަލްއަޤްވާމީ ފެއަރއެއްގައި ފުރަތަމަ ފެނިގެންދިޔައީ، އަހަރަކު އެއްފަހަރު ދުނިޔޭަގައި ބާއްވާ އެންމެބޮޑު ޓޫރިޒަމް ފެއަރ ކަމުގައިވާ އައި.ޓީ.ބީ ބަރލިން ފެއަރއިން 1990 ވަނަ އަހަރުއެވެ. އެފެއަރގައި ހުރި ރާއްޖޭގެ ސްޓޭންޑް ފަރުމާ ކޮށްދެއްވި ހިސާބުން ފެށިގެންނެވެ. މިމަސައްކަތުގައި ފާހަގަކޮށްލަންޖެހޭކަމަކީ، މިވޭތުވެދިޔަ 20 އަހަރުގެ ދިގު މުއްދަތުގައި، އެއްވެސް އުޖޫރައަކާއި ނުލައި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާފައިވާ ކުރެއްވުމެވެ.

      ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ސްރީލަންކާއާއި، އިންޑިޔާއާއި، ސިންގަޕޫރާއި، ޖަޕާނާއި، ޔޫ.އޭ.އީ އާއި، ފްރާންސާއި، ޖަރުމަނާއި، އިނގިރޭސިވިލާތުގައި ބޭއްވުނު ފެއަރތަކުގެ 54 ސްޓޭންޑް ޢާޞިފް ފަރުމާ ކޮށްދެއްވާފައިވެއެވެ. އަދި މީގެތެރެއިން ބައެއް ސްޓޭންޑްތަކަށް، ރާއްޖެ ފަޚްރުވެރިވާފަދަ ރަން ވަނަތަކެއް ލިބިފައިވެއެވެ. އެގޮތުން އައި.ޓީ.ބީ ބަރލިން ފެއަރއިން 2002 ވަނަ އަހަރު 1 ވަނަ، 2003 ވަނަ އަހަރާއި 2005 ވަނަ އަހަރު 3 ވަނަ އަދި މިއަހަރު 3 ވަނަ ރާއްޖޭގެ ސްޓޭންޑަށް ލިބިފައިވެއެވެ. އަދި ދުނިޔޭގައި ބާއްވާ ދެވަނައަށް އެންމެބޮޑު ޓޫރިޒަމް ފެއަރ ކަމުގައިވާ ލަންޑަންގައި އޮންނަ ޑަބްލިޔޫ.ޓީ.އެމް ފެއަރއިން 2006 ވަނަ އަހަރު ރާއްޖޭގެ ސްޓޭންޑަށް 1 ވަނަ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

       ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން "ވަރލްޑް އޮފް އައިލެންޑްސް 2006" ނަމަކަށް ކިޔާ ޕްރޮޖެކްޓަކަށް، ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުން ދައްކައިދޭގޮތަށް ދުބާއީގެ ބީޗެއްގައި ކުރައްވާފައިވާ ފަރުމާއާއި، ޓޯކިޔޯގެ މައިމަގަށް ފެންނަގޮތަށް 2000 ވަނަ އަހަރު ފަރުމާ ކުރެއްވި "ވިންޑޯ ޑިސްޕްލޭ" އަކީވެސް ޢާޞިފްގެ ޚިދްމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދްމަތެކެވެ.

      މީގެއިތުރުން " ޑެސްޓިނޭޝަން 2000" ލޯގޯއާއި، "ގްރީން ރިޒޯޓް" ލޯގޯ ފަރުމާކޮށްދެއްވުމާއި، ބައެއް މަޖައްލާތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރައްވާފައިވާ ފަރުމާތަކާއި، ފަތުރުވެރިކަމުގެ ޙަފްލާތަކާއި، ފަތުރުވެރިކަމާ ގުޅޭ ބައްދަލުވުންތަކާއި ޖަލްސާތަކުގެ ހޯލް ފަރުމާ ކޮށްދެއްވާފައިވާ ކޮށްދެއްވުމަކީވެސް ޢާޞިފްގެ ހުނަރާއި، މިދާއިރާގައި އޭނާ ޙާޞިލު ކުރައްވާފައިވާ ތަޖުރިބާގެ އަލިގަދަ ހެއްކެކެވެ. މިމަސައްކަތުން ޢާޞިފަށް ލިބިވަޑައިގަންނަވާ އުފާފުޅަކީ، ދިވެހި ޤައުމަށްޓަކައި އިޚްލާޞްތެރިކަމާއެކު އޭނާ ކޮށްދެއްވާ މި މަސައްކަތް، ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ބޭފުޅުންނާއި، ސްޓޭންޑަށް ޒިޔާރަތް ކުރައްވާ ބޭރުގެ ފަރާތްތަކުން ދެއްވާ ތަރުޙީބާއި، ކުރައްވާ ތަޢްރީފާއި، ސްޓޭންޑަށް ލިބިފައިވާ ރަން ވަނަތަކެވެ. މިއަދުވެސް އޭނާ ހުންނެވީ މިރޮނގުގައި އާ ހިތްވަރަކާއެކު ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށެވެ.