އަލްފާޟިލް މުޙައްމަދު ސަޢީދު
ކުދިމާވިލާ ގދ. ތިނަދޫ

ކުޅިވަރުގެ ދާއިރާއިން މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ މުޙައްމަދު ސަޢީދަކީ، ރާއްޖޭގައި އުފެދުނު ފުޓްބޯޅަ ރެފްރީންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ފުޓްބޯޅަ ރެފްރީއެއްގެ ގޮތުގައި ދަނޑަށް ނުކުމެވަޑައިގަތީ 1979 ވަނަ އަހަރުއެވެ. ރެފްރީއަކަށް ވެވަޑައިގެން، މި ރޮނގުން އެންމެމަތީ ހަރުފަތަށް ވަޑައިގަތުމަކީ ސަޢީދު އަބަދުވެސް ކުރައްވާ އުންމީދެކެވެ.

1980 ވަނަ އަހަރު ސްޕޯޓްސް ޑިވިޜަނުން ހިންގި ރެފްރީ ކޯހުން ފާސްވެގެން ރެފްރީއަކަށްވުމަށްފަހު، 1982ގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެއްދުމާ ގުޅިގެން އެ އެސޯސިއޭޝަންގައި ރެފްރީއެއްގެ ގޮތުގައި ރަޖިސްޓަރީވެ، ރެފްރީކަމުގެ ސެޓްފިކެޓް ހާސިލުކުރެއްވިއެވެ. އެހިސާބުން ފެށިގެން ރާއްޖޭގައި ބޭއްވުނު ވަރަށްގިނަ ފުޓްބޯޅަ މުބާރާތްތަކުގައި ސަޢީދުވަނީ އެސިސްޓެންޓް ރެފްރީކަމާއި ރެފްރީކަން ކުރައްވައިފައެވެ. މީގެތެރޭގައި، ރަށްރަށުގައި ބޭއްވުނު އެކިއެކި ފުޓްބޯޅަ މުބާރާތްތައްވެސް ހިމެނެއެވެ. ސަޢީދު ރެފްރީކަން ކުރައްވާ ކޮންމެ މެޗެއްގައިވެސް އިންސާފުވެރިކަމާއެކީގައި ރެފްރީކަން ކުރެއްވުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައެވެ. މިގޮތުން، ސަރަޙައްދީ ފެންވަރުގައި ކުޅޭ މެޗުތަކާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ކުޅޭ މެޗުތަކާއި، ވާރލްޑް ކަޕް މެޗުތަކުގައި ރެފްރީކަން ކުރާ ރެފްރީންގެ ނިންމުންތައް ބައްލަވައި، އެކަންކަން ދިރާސާ ކުރައްވައި، ރެފްރީކަން ކުރައްވަމުން ގެންދަވަނީ އެ ތަޖުރިބާތަކުގެ އަލީގައެވެ.

ބައިނަލްއަޤްވާމީ އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ސަޢީދު ހަމަޖެހުނީ 1993 ވަނަ އަހަރުއެވެ. އެހިސާބުން ފެށިގެން ސަޢީދު ބޮޑަށް އިސްކަން ދެއްވަން ފެށްޓެވީ، އެސިސްޓެންޓް ރެފްރީ ކަމަށެވެ. އޭގެ ފަހުންވެސް ރާއްޖޭގައި ކުޅޭ މުބާރާތްތަކުގައި، ރެފްރީކަމާއި އެސިސްޓެންޓް ރެފްރީކަން ސަޢީދު ކުރައްވަމުން ގެންދެވިއެވެ.

މުޙައްމަދު ސަޢީދު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކި ޤައުމުތަކުގައި ރެފްރީކަމާއި، ރެފްރީ އިންސްޓްރަކްޓަރުކަމުގެ ތަމްރީނުތައް ފުރިހަމަކުރައްވައިފައެވެ. މިގޮތުން، އީރާން، ޖަޕާން، އިންގްލެންޑް، އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް، ތައިލެންޑް، ސައުތުކޮރެއާ، މެލޭޝިއާ، އިޖިޕްޓް، ޗައިނާ، ލެބަނަން، ޖާރމަނީ، ފްރާންސް، ހޮލެންޑް، ނައިޖީރިއާ، ޕެރޫގައި ފީފާއާއި، އޭ.އެފް.ސީ.ގެ ތަފާތު ގިނަ ތަމްރީނު ކޯސްތަކެއް ސަޢީދު ވަނީ ފުރިހަމަކުރައްވައިފައެވެ.

ސަޢީދު ރެފްރީކަން ކުރައްވައިފައިވާ ބައެއް މުބާރާތްތަކުގެ ތެރޭގައި، ރާއްޖޭގައި ބޭއްވޭ އަތޮޅު މުބާރާތާއި، ޒޯން މުބާރާތާއި، އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތާއި، ސްކޫލް ފުޓްބޯޅަ ޓޯނަމެންޓާއި، ޤައުމީ ފުޓްބޯޅަ މުބާރާތާއި، ޕްރެޒިޑެންޝަލް އިންވިޓޭޝަނަލް ސޮކަރކަޕް ފުޓްބޯޅަ މުބާރާތާއި، އެފް.އޭ.ކަޕް ފުޓްބޯޅަ މުބާރާތާއި، ކަޕް ވިނަރސް ކަޕް ފުޓްބޯޅަ މުބާރާތާއި، ދިރާގު ދިވެހިލީގު ފަދަ މުބާރާތްތައް ހިމެނެއެވެ. ސަޢީދު އެސިސްޓެންޓް ރެފްރީކަން ކުރައްވައިފައިވާ ބައިނަލްއަޤްވާމީ މުބާރާތްތަކުގެ ތެރޭގައި، ފީފާ ވާރލްޑް ކަޕްއާއި، ފީފާ ކޮންފެޑެރޭޝަން ކަޕްއާއި، ފީފާ ޔޫތު ވާރލްޑް ކަޕްއާއި، ފީފާ އަންޑަރ ސެވަންޓީން ވާރލްޑް ކަޕްއާއި، އެފްރިކަން ނޭޝަންސް ކަޕްއާއި، އޭޝިއަން ކަޕްއާއި، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން ކަޕްއާއި، އޭ.އެފް.ސީ ކަޕްއާއި، ކަޕް ވިނަރސް ކަޕްއާއި، އޭ.އެފް.ސީ ޗެމްޕިއަންސް ލީގްއާއި، އޭ.އެފް.ސީ. ޕްރެޒިޑެންޓް ކަޕްއާއި، އޭ.އެފް.ސީ. އަންޑަރ 20 ފުޓްބޯލް ޓޯނަމެންޓާއި، އޭ.އެފް.ސީ. އަންޑަރ 17 ފުޓްބޯލް ޓޯނަމެންޓާއި، އޮލިމްޕިކް ގޭމްސް ފުޓްބޯލް ޓޯނަމެންޓް ހިމެނެއެވެ.

މި ދެންނެވި މުބާރާތްތަކުގެ މެޗުތަކުގެ ތެރެއިން ރާއްޖެއިން ބޭރުގައި 139 މެޗުގެ އެސިސްޓެންޓް ރެފްރީކަން ކުރައްވައިފައިއެވެ. އަދި ރާއްޖެއިން ބޭރުގައި، 8 މުބާރާތެއްގެ ފައިނަލް މެޗުގައްޔާއި، 10 މުބާރާތެއްގެ ސެމީ ފައިނަލް މެޗުގައްޔާއި، 6 މުބާރާތެއްގެ ކުއާރޓަރ ފައިނަލް މެޗުގައިވެސް ސަޢީދު ރެފްރީކަން ކުރައްވައިފައި ވެއެވެ. މިގޮތުން، ފީފާ ވާރލްޑް ކަޕް 2002ގެ ކުއާރޓަރ ފައިނަލް މެޗާއި، 2001ގެ ފީފާ ކޮންފެޑެރޭޝަން ކަޕް ސެމީ ފައިނަލް މެޗާއި، އޭޝިއާ ކަޕް 2002 ވަނަ އަހަރާއި، 2007 ވަނަ އަހަރުގެ ފައިނަލް މެޗާއި، 2006 ވަނަ އަހަރުގެ އޭޝިއަން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ރެފްރީކަން ކުރައްވައިފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަންގެ ރެފްރީޒް އިންސްޓްރަކްޓަރެއްގެ ގޮތުންނާއި، އަމިއްލައަށް އިސްނަންގަވައިގެން، ރާއްޖޭގައި ގިނަ ރެފްރީންތަކެއް ތަމްރީނު ކުރައްވައި، ރެފްރީންގެ ފެންވަރު މަތިކުރެއްވުމުގެ މަސައްކަތް 2000 ވަނަ އަހަރުން ފެށިގެން ސަޢީދު ކުރައްވަމުން ގެންދަވައެވެ. މީގެއިތުރުން، 2009 ވަނަ އަހަރު، ސަޢީދުގެ އިސްނެންގެވުމާއެކު މުއައްސިސެއްގެގޮތުން، ފެންވަރު ރަނގަޅު އަދި ދުނިޔެ ގަބޫލުކުރާފަދަ މޮޅު ރެފްރީން އުފެއްދެވުމުގެ މަޤްޞަދުގައި "މޯލްޑިވްސް ފުޓްބޯލް ރެފްރީޒް އެސޯސިއޭޝަން"ގެ ނަމުގައި އެސޯސިއޭޝަނެއް ރަޖިސްޓަރީ ކުރައްވައިގެން، އެ އެސޯސިއޭޝަނުން ގިނަ ރެފްރީންތަކެއް ތަމްރީނު ކުރައްވައިފައި ވެއެވެ. އެތަނުން ހިންގި 15 ކޯހެއްގައި އިންސްޓްރަކްޓަރެއްގެގޮތުން ސަޢީދު ކިޔަވައިދެއްވައި، 200 އަށްވުރެ ގިނަ ރެފްރީން ތަމްރީނު ކުރައްވައިފައި ވެއެވެ. އޭގެތެރެއިން ބައެއް ރެފްރީން މިހާރުވެސް މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ކުޅޭ މެޗުތަކުގައި ރެފްރީކަން ކުރަމުން ގެންދެއެވެ.

މުޙައްމަދު ސަޢީދަށް މިހާތަނަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، އޭޝިއާގެ އެންމެމޮޅު އެސިސްޓެންޓް ރެފްރީކަމުގެ އެވޯޑާއި، މެދުނުކެނޑި 10 އަހަރު ރެފްރީކަމުގެ ޚިދުމަތުގައި ދެމިހުންނަވައިފައިވާތީ، ފީފާއިން ދިން އެވޯޑާއި، މެދުނުކެނޑި 15 އަހަރު ރެފްރީކަމުގެ ޚިދުމަތުގައި ދެމިހުންނަވައިފައިވާތީ، ފީފާއިން ދިން އެވޯޑު ހިމެނެއެވެ. މީގެއިތުރުންވެސް، ތަފާތު އެތައް އެވޯޑެއް ސަޢީދު ވަނީ ހާސިލުކުރައްވައިފައެވެ.

ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން 2002 ވަނަ އަހަރު ސަޢީދަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2001 ވަނަ އަހަރު އޭޝިއާ ސަރަޙައްދުގެ އެންމެމޮޅު އެސިސްޓެންޓް ރެފްރީގެ ގޮތުގައްޔާއި، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން "އޭ.އެފް.ސީ" އިން ހޮވާ އޭޝިއާގެ އެންމެމޮޅު އެސިސްޓެންޓް ރެފްރީގެ ގޮތުގައި ސަޢީދު ހޮވިގެންދިޔުމަކީ، ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ ރެފްރީއަކަށް މިހާތަނަށް ލިބުނު އެންމެބޮޑު ޝަރަފުވެސްމެއެވެ. މީގެ އިތުރުން، އޭޝިޔާއަށާއި ދުނިޔޭގެ ފުޓްބޯޅައަށް ސަޢީދު ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، 2015 ވަނަ އަހަރު އޭ.އެފް.ސީ.އިން ސަޢީދަށް ވަނީ ސިލްވަރސްޓާރ އެވޯޑު ދެއްވައިފައެވެ.

2002 ވަނަ އަހަރު ބޭއްވުނު ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގިނަ މެޗުތަކެއްގައި ސަޢީދު އެސިސްޓެންޓް ރެފްރީކަން ކުރައްވައިފައިވާކަން އެއީ ސަޢީދަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ފަޚްރަކާއި އުފާފުޅެކެވެ. ވާރލްޑް ކަޕްގެ މެޗެއްގައި އެސިސްޓެންޓް ރެފްރީކަން ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަން އެއީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެންދާނޭ ކަމެއް ނޫނެވެ. އެފުރުޞަތު ފީފާއިން ސަޢީދަށް ދިނީ، ސަޢީދު ރެފްރީކަން ކުރެއްވުމުގައި، އެ ގެންގުޅުއްވާ ހުނަރާއި، އެ ނިންމަވާ ނިންމެވުންތަކަކީ ހަރުދަނާ ނިންމެވުންތަކެއް ކަމަށް ފީފާއިންވެސް ގަބޫލުކުރާތީކަން ކަށަވަރެވެ. ފީފާގެ އެސިސްޓެންޓް ރެފްރީއެއްގެ ގޮތުން ބައިނަލްއަޤްވާމީ ދަނޑުގައި ސަޢީދު ހޯއްދެވި ކާމިޔާބީއަކީ މިހާތަނަށް ދިވެއްސަކަށް މި ރޮނގުން ހާސިލު ކުރެއްވުނު އެންމެބޮޑު އެއް ކާމިޔާބީއެވެ.

ސަޢީދުގެ ރެފްރީކަމުގެ ޙަޔާތުގައި މި ހޭދަކުރެއްވި ދިގު މުއްދަތުގައި، ރެފްރީން ތަމްރީނު ކުރެއްވުމުގެ ކޯސްތައް ހިންގަވައި، ގިނަ ރެފްރީންތަކެއް ތަމްރީނު ކުރައްވައިފައިވެއެވެ. އެހެންކަމުން، ސަޢީދަކީ، ރާއްޖޭގެ ފުޓްބޯޅައިގެ އެއް ޝަޚްޞިއްޔަތަކަށް ބަލާނަމަ، މޮޅު ދެވަނައެއް ނެތް އަގުހުރި ޚިދުމަތްތެރިއެއްކަން ފާހަގަކޮށްލަންޖެހެއެވެ.