އަލްފާޟިލާ އަނީސާ މުޙައްމަދު
ބީޗްހެވަން، ގދ. ގައްދޫ

އަނީސާ މުޙައްމަދަކީ 1970 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ތުނޑުކުނާވިޔުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކުނާވިޔުމުގެ މަސައްކަތަށް ޝައުޤުވެރިވެވަޑައިގަތީ، ގޭތެރެއިން ކުނާވިޔާތަން ފެނިވަޑައިގަންނަވައިގެންނެވެ. އޭރު މަންމައާއި ދައްތަ ވިޔަން ފަށާފައި ހުންނަ ކުނަލުގައި ތަންތަންކޮޅު ވިޔެ، މުޅި މަސައްކަތުގެ ތެރެއަށް ވެދެވަޑައިގެންނެވުނެވެ. ކުރިން މި މަސައްކަތް ދަސްކުރަނީ ކޯހެއްގެ ސިފައިގައި ބުނެދެވިގެނެއް ނޫނެވެ. އެހެންކަމުން، އަނީސާ މި މަސައްކަތަށް ބެހެއްޓެވި ޝައުޤެއްގެ ބޮޑުކަމުން، އެދުވަސްވަރު ވިޔަމުން އައި ހުރިހާ ޑިޒައިންތަކެއް ދަސްކުރެއްވިއެވެ. އަނީސާ ކުނާވިޔުމުގެ މަސައްކަތް ފެށްޓެވީ އުމުރުން 13 އަހަރުގައެވެ.

ކުނާވިޔުމަށް ބޭނުންވާ ރޮދި ނުވަތަ ވަކަ ހެދުމަށްޓަކައި ގައްދޫއާ ކައިރީގައި އޮންނަ ގަމަށް ވަޑައިގެން، ދިއްގާދަނޑި ކަނޑައި، އޭގެ ތޮށި ފޯކޮށްގެން ވަކައިން ކުނަލަށް ބޭނުންވާ ރޮދި ހައްދަވައެވެ. ކުނާވިޔަން ބޭނުންވާ ވަކަ ހެދުމަކީ، ކުނާވިޔާ ކޮންމެ މީހަކަށް ކުރެވޭނޭ މަސައްކަތެއް ނޫނެވެ. ވަކައިން ރޮދި ހެދުމުގެ މަސައްކަތް އަނީސާ ދަސްކުރައްވާފައިވާތީ، އެންމެ ސަގާފީ ގޮތަށް ކުނާވިޔުމަކީ، އަނީސާއަށް ދަތިކަމެއް ނޫނެވެ.

އެކި ބާވަތުގެ މަސައްކަތް ކުރުމާއި ކުރިއެރުވުމުގެ ދާއިރާއިން އަނީސާއަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމެއް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމެވީ، މި މަސައްކަތުގައި އަނީސާ ހޭދަކުރައްވާފައިވާ މުއްދަތާއި، އަދި މިކަމަށް އޭނާ ބަހައްޓަވާ ޝައުޤުވެރިކަމާއި، ކުރައްވާ މަސައްކަތުގެ ފެންވަރާއި، ދެއްވާ އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. ކުނާވިޔުމުގެ މަސައްކަތް އަނީސާ ކުރައްވާ ގޮތް ބައްލަވައިލެއްވުމަށް ޤައުމީ އިނާމު ކޮމިޓީގެ ބޭފުޅުން ގައްދުއަށް ކުރެއްވި ދަތުރުފުޅުންވެސް ފެނިވަޑައިގަތީ، އަނީސާއަކީ، ކުނާވިޔުމުގެ ރޮނގުން ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅުއްވާ، މިފަދަ ހިތްވަރެއް އެރުވުން އެކަށީގެންވާ ބޭފުޅެއް ކަމަށެވެ.

މި މަސައްކަތް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ދަސްކޮށްދެއްވުމަކީވެސް އަނީސާއަށް ލިބިވަޑައިގަންނަވާ އުފާފުޅެކެވެ. ގޭދޮށު ކުދިންނާއި، އިތުރަށް މި މަސައްކަތް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ކުނާވިޔަން އެނގޭވަރަށް ވިދާޅުވެދެއްވައެވެ. މީގެއިތުރުން، ދަސްކުރަން ބޭނުންވާ މީހުންގެ ގޭގެއަށް ވަޑައިގެންވެސް ކުނާވިޔަން ދަސްކޮށްދެއްވައެވެ. މީގެއިތުރުން، ގައްދޫ ކައިރީގައި އޮންނަ އަޔާޑާ ރިޒޯޓަށް ހަފުތާއަކު އެއްދުވަހު ވަޑައިގެން ކުނާވިޔުމުގެ މަސައްކަތް ފަތުރުވެރިންނަށް ދައްކަވައިދެއްވައެވެ.

2003 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ތިނަދޫ ކެމްޕަސްގައި ކުނާވިޔަން ދަސްކޮށްދިނުމަށް ހިންގި ދެ މަސްދުވަހުގެ ކޯހުގައި ކިޔަވައިދެއްވި ދެ އިންސްޓްރަކްޓަރުންގެ ތެރެއިން އެއް ބޭފުޅަކީ އަނީސާއެވެ. އޭގެފަހުން ދެ އަހަރެއްގެ މަތިން ގދ. ފިޔޯރީގެ 27 މީހަކަށް ކުނާވިޔަން ދަސްކޮށްދެއްވިއެވެ. އަދި 2017 ވަނަ އަހަރުވެސް ކުނާވިޔަން ދަސްކޮށްދޭ ކޯހެއް ފުވައްމުލަކު ސިޓީގައި ހިންގަވައިދެއްވިއެވެ. މި ދެ ރަށުގައި ކުނާވިޔުމުގެ މަސައްކަތް އުވިފައި ވަނިކޮށް، މި ފަންނު އާލާކުރުމަށް ކުނާވިޔަން ދަސްކޮށްދެއްވިއިރު، ހައުކަނޑައި ހައުހިއްކައި އަދި ކުލަޖައްސާނެ ގޮތްވެސް ކިޔައިދެއްވުމުގައި އަނީސާގެ ހިއްސާ ވަރަށްބޮޑެވެ.

1995 ވަނަ އަހަރު މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުން ބޭއްވެވި ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ 29 ވަނަ މައުރަޒުން ކުނާވިޔުމުގެ މަސައްކަތުން އަނީސާ ދެވަނަ ހާސިލު ކުރައްވާފައިވެއެވެ. އަދި ހަމަ އެ މައުރަޒުން ކުނާވިޔުމުގެ މަސައްކަތުން ތިންވަނަވެސް ހާސިލު ކުރެއްވިއެވެ.

އަނީސާގެ އުއްމީދަކީ، މި ރޮނގުން އަދިވެސް އިތުރަށް ކުރިއަށް ވަޑައިގެން، ވީހާ ގިނަބަޔަކަށް މި މަސައްކަތް ދަސްކޮށްދެއްވުމެވެ. މި މަސައްކަތް ރާއްޖެއިން އުވުނަ ނުދެއްވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރެއްވުމަށް އަނީސާ ހުންނެވީ ތައްޔާރަށެވެ.