އަލްފާޟިލް ސައްޔިދު ޢަލީ
މއ. މާފަތްވަރު

ސައްޔިދު ޢަލީއަކީ، ވަރަށް ޅަޢުމުރުގައި ކުޅިވަރު ކުޅުއްވަން ފެށްޓެވި އަދި ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ވަރަށްގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ކުޅިވަރު ދަނޑަށް އެންމެ ފުރަތަމަ ނުކުމެވަޑައިގަތީ، މާލޭ ޓެނިސް ކްލަބުން 1973 ވަނަ އަހަރު ޤައުމީ ވޮލީބޯޅަ މުބާރާތަށެވެ. އޭގެ މައިގަނޑު ސަބަބަކީ، ޢާއިލާގެ ގިނަ މެންބަރުންނަކީ، ކުޅިވަރުގައި ފާހަގަކޮށްލެވޭ ނަންތަކަކަށްވުމެވެ.

ސައްޔިދު ޢަލީއަކީ، ތަފާތު ގިނަ ކުޅިވަރުތަކެއްގައި ނަން މަޝްހޫރު ބޭފުޅެކެވެ. ވޮލީގެ އިތުރުން، ފުޓްބޯޅަ، ޓެނިސް، ބާސްކެޓްބޯލް، ޓޭބަލްޓެނިސް އަދި އެތްލެޓިކްސްފަދަ މުބާރާތްތަކުގައި ވާދަކުރައްވައި ފާހަގަކޮށްލެވޭ ވަރަށްގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ފުޓްބޯޅައިގެ ރޮނގުން ސައްޔިދު ޢަލީ އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވަނީ މޮޅު ގޯލްކީޕަރެއްގެ ގޮތުގައެވެ. ވޮލީގެ ރޮނގުން މަޝްހޫރުވެފައިވަނީ މޮޅު ޝޮޓްޖެހުންތެރިއެއްގެ ގޮތުގައެވެ.

ސައްޔިދު ޢަލީ އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅުއްވަން ފެށްޓެވީ 1976 ވަނަ އަހަރުއެވެ. އެ އަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުގެ އެންމެމޮޅު ގޯލްކީޕަރުކަން އޭނާ ހޯއްދަވާފައިވަނީ ގޯލް ދިފާޢު ކުރައްވައި، އިދިކޮޅު ޓީމަށް އެއްވެސް ގޯލެއް ޖެހުމުގެ ފުރްޞަތުވެސް ނުދެއްވައެވެ. އޭގެފަހުން 1978 ވަނަ އަހަރުގެ ޤައުމީ މުބާރާތުގެ އެންމެމޮޅު ގޯލްކީޕަރުކަންވެސް ހޯއްދެވިއެވެ. 1979 ވަނަ އަހަރު ސައްޔިދު ޢަލީ ކުޅުއްވީ ލަޔަންސް ސްޕޯޓްސް ކްލަބަށެވެ. އެ އަހަރު ޤައުމީ ޗެމްޕިއަންކަން އެ ކްލަބުން ހޯދިއިރު، އެންމެމޮޅު ގޯލްކީޕަރަކަށް ހޮވުނީވެސް ސައްޔިދު ޢަލީއެވެ. 1984 ވަނަ އަހަރު ނޭޕާލްގައި ބޭއްވުނު ސާފް ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ޤައުމީ ޓީމު ލޯ މެޑެލް ހާސިލުކުރިއިރު، އެ ޓީމުގެ ގޯލް ބެލެހެއްޓެވީ ސައްޔިދު ޢަލީއެވެ. ސައްޔިދު ޢަލީ އެންމެ ބޮޑަށް ފާހަގަކުރައްވަނީ، އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހޯއްދަވައިދެއްވުނު ކާމިޔާބީތަކެވެ. ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން އެކިފަހަރުމަތިން ނިއުރޭޑިއަންޓް ހޯދިއިރު، އެ ކާމިޔާބީގެ ފަހަތުގައި ސައްޔިދު ޢަލީގެ ޙިއްޞާ ނުހަނު ބޮޑެވެ.

ފުޓްބޯޅަ ކުޅުއްވުން ހުއްޓަވައިލެއްވުމަށްފަހު، ދެން ޚިދުމަތް ފެށްޓެވީ ކޯޗެއްގެ ގޮތުންނެވެ. 1988 ވަނަ އަހަރު، 19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗްކަން ކުރެއްވިއެވެ. ޤައުމީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، 1990 ވަނަ އަހަރާއި، 1991 ވަނަ އަހަރު ނިއުރޭޑިއަންޓް ހޯދިއިރު، ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަޔާއި، ގޯލްކީޕަރ ޓްރެއިނަރެއްގެ ގޮތުގައިވެސް ހުންނެވީ، ސައްޔިދު ޢަލީއެވެ. އޭގެފަހުން ނިއުރޭޑިއަންޓްގެ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަމާއި، އެ ކްލަބުގެ ވައިސް ޗެއަރމަންކަން ކުރައްވާފައިވެއެވެ. 2017 ވަނަ އަހަރު ނިއުރޭޑިއަންޓުން ރާއްޖޭގެ ފުޓްބޯޅަ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު، އެ ކްލަބުގެ ވައިސް ޗެއަރމަނަކަށް ހުންނެވީ އޭނާއެވެ. ފުޓްބޯޅަ ކުޅުއްވި ދުވަސްވަރު ރާއްޖޭގެ އެކި ރަށްރަށުގަޔާއި، މާލޭގައި ގޯލްކީޕަރުން ތަމްރީނު ކުރުމުގެ ކޯޗިންގ ކޯސްތައްވެސް ސައްޔިދު ޢަލީ ހިންގަވައިދެއްވާފައިވެއެވެ.

ފުޓްބޯޅައާ އެއްވަރަށް ސައްޔިދު ޢަލީގެ ގިނަ ކާމިޔާބީތަކާއި ޚިދުމަތް އެންމެ ބޮޑަށް ފެންނަން އޮތީ ވޮލީބޯޅައިންނެވެ. ސައްޔިދު ޢަލީ ވަނީ ޤައުމީ ފެންވަރުގައި މެދުނުކެނޑި 16 އަހަރު ކުޅުއްވައި ޤައުމީ ތަށި 10 އަހަރު ހޯއްދަވައިދެއްވައި 14 އަހަރު ރަންވަނަތައް ހާސިލުކުރައްވާފައެވެ. އަދި ފަހުން ޖޫނިއަރ ޤައުމީ ޓީމުތަކާއި، ޤައުމީ ސީނިއަރ ޓީމުގެ ހެޑްކޯޗްކަންވެސް އެތައް ފަހަރަކު ވަނީ ކުރައްވާފައެވެ. އަތޮޅުތެރޭގެ ޓީމުތަކަށް ކޯޗްކޮށްދެއްވާފައިވަނީ ހިލޭސާބަހަށެވެ. ވޮލީ ކުޅުއްވަން ފެށްޓެވީ 1973 ވަނަ އަހަރުއެވެ. އެއަހަރު އޭނާ ކުޅުއްވި މާލޭ ޓެނިސް ކްލަބަށް ޤައުމީ ތަށި ހޯއްދަވައި، މުބާރާތުގެ ދެވަނަ ކުޅުންތެރިޔާގެ މަޤާމު ހޯއްދެވިއެވެ. އޭގެފަހުން 1974 ވަނަ އަހަރުވެސް ޤައުމީ ތަށި ހޯއްދަވައި، އެފަހަރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯއްދެވިއެވެ. މީގެއިތުރުން، 1980 ވަނަ އަހަރާއި، 1981 ވަނަ އަހަރުވެސް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވަނީ ހޯއްދަވާފައެވެ. އަދި 1985 ވަނަ އަހަރާއި، 1988 ވަނަ އަހަރާއި، 1989 ވަނަ އަހަރު ކުޅުއްވި ކްލަބަށް ޤައުމީ ތަށި ހޯއްދަވައިދެއްވާފައި ވެއެވެ.

ސައްޔިދު ޢަލީ ވަނީ ވޮލީގެ ރޮނގުންވެސް ރާއްޖެއިން ބޭރުގައި ކޯޗިންގ ކޯސްތައް ފުރިހަމަކުރައްވާފައެވެ. އަދި ރާއްޖޭގެ ބައެއް ޓީމުތަކަށާއި، ރާއްޖެއިން ބޭރަށްދިޔަ ބައެއް ޓީމުތަކަށް ކޯޗްކަންވެސް ކޮށްދެއްވާފައެވެ. މިގޮތުން، ގިނަ ފަހަރުތަކެއްގައި ފިރިހެން ޓީމުތަކަށާއި، އަންހެން ޓީމުތަކަށް ސައްޔިދު ޢަލީ ވަނީ ކޯޗްކޮށްދެއްވާފައެވެ. އަދި ކޯޗްކޮށްދެއްވި ބައެއް ޓީމުތައްވަނީ ފާހަގަކުރެވޭފަދަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ.

ސައްޔިދު ޢަލީއަކީ ވޮލީ ކޯޗެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވިއިރު، ގިނަ ކުޅުންތެރިންތަކެއް އުފެއްދެވި ބޭފުޅެކެވެ. އެ ކުޅުންތެރިންނަކީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިންނެވެ. 500 އަށްވުރެ ގިނަ ކުޅުންތެރިން ވޮލީ ކޯޓުތަކަށް ނެރެދެއްވާފައިވާއިރު، ރާއްޖޭގެ އެންމެމޮޅު ވޮލީ ކުޅުންތެރިޔާގެ މަޤާމު، ގިނަ އަހަރުތަކެއްގައި ހޯދި އިބްރާހީމް ނިޒާރަކީވެސް، ސައްޔިދު ޢަލީ އުފެއްދެވި އެއް ކުޅުންތެރިޔާއެވެ. މީގެއިތުރުން، ރާއްޖޭގެ ވޮލީ ބޯޅައިގެ ކުރިއެރުމަށް ސައްޔިދު ޢަލީ ވަނީ ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. މިގޮތުން، އެންމެ ފާހަގަކުރެވޭ އެއްކަމަކީ، ވޮލީ ބޯޅައިގެ ވެޓަރަންސް ޓީމެއް އުފައްދަވައި، ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލު ކުރައްވަމުން ގެންދެވުމެވެ. ސައްޔިދު ޢަލީގެ ޚިދުމަތްތަކުގެ ތެރެއިން ދެން ފާހަގަކުރެވޭ އަނެއް ޚިދުމަތަކީ ކުޑަކުދިންނަށް ވޮލީ ބޯޅައިގެ ހުނަރު ދަސްކޮށްދެއްވުމަށް ޗީބޯ ސްޕޯޓްސްއާ ގުޅިގެން އުފެއްދެވި ވޮލީބޯޅަ އެކެޑަމީއެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ފެށި ޙަރަކާތަކަށްވާއިރު، މިއީ ވޮލީ ކުޅުންތެރިން ކުރިމަގުގައި ތަމްރީނު ކުރުމަށް މިހާތަނަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

ސައްޔިދު ޢަލީއަކީ ޓެނިހުގައިވެސް ކްލަބަށާއި އަމިއްލަފުޅަށް ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. މިގޮތުން، ވިކްޓްރީ ސްޕޯޓްސް ކްލަބަށް 1974 ވަނަ އަހަރާއި، 1975 ވަނަ އަހަރާއި، 1976 ވަނަ އަހަރު ޤައުމީ ޓެނިސް ޗެމްޕިއަންކަން ހޯއްދަވައިދެއްވިއެވެ. އަދި 1978 ވަނަ އަހަރާއި، 1986 ވަނަ އަހަރު ޓެނިހުގެ ޤައުމީ ޗެމްޕިއަންކަން ހޯއްދަވައި، އަދި 1979، 1980، 1981، 1982، 1985 ގައި ޤައުމީ ޓެނިސް މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަންވެސް ހޯއްދެވިއެވެ. މީގެއިތުރުން، އެތްލެޓިކްސްއާއި، ބާސްކެޓްގައި ޤައުމީ ޗެމްޕިއަންކަން ހޯއްދަވާފައި ވެއެވެ.

ސައްޔިދު ޢަލީ ފާހަގަކުރެވިފައިވަނީ، ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައިވެސް ގިނަ ކުޅިވަރުތަކުން ވިދާލި ވިދުންގަދަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި މިހާރުވެސް ރާއްޖޭގެ ކުޅިވަރަށް ޚިދުމަތް ކުރެއްވުމުގެ ޝައުޤުވެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. ސައްޔިދު ޢަލީއަށްވަނީ ކުޅިވަރުގެ ރޮނގުން 1995ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.