އަލްފާޟިލް ކެނެރީ ޢަބްދުއްސައްތާރު
ގ.ކެނެރީގެ

އަލްފާޟިލް ކެނެރީ ޢަބްދުއްސައްތާރަކީ، ކުޅިވަރުގެ ރޮނގުގައިވެސް، ޚާއްޞަކޮށް ކުޅިވަރު ތަރައްޤީކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެގޮތުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާގެ ޢުމުރުން އެންމެ އަށް އަހަރުއްސުރެ ކުޅިވަރުގެ ދާއިރާއިން ވަކިނުވެ ޙަރަކާތްތެރިވަމުން ވަޑައިގަންނަވާ ބޭފުޅެކެވެ. މަދްރަސަތުލް ފަރީދިއްޔާގައި ކިޔަވައިވިދާޅުވާން އުޅުއްވި ދުވަސްވަރުން ފެށިގެން މަޖީދިއްޔާ ސްކޫލުގައިވެސް އަދި މާލޭ ސްޕޯރޓްސް ކްލަބުގައިވެސް އަދި މިހާރު ވިކްޓްރީ ސްޕޯރޓްސް ކްލަބުގައިވެސް އޭނާއަކީ، ވަރަށް ޙަރަކާތްތެރި ސްޕޯރޓްސްމަނެކެވެ. އާދެ، ކްރިކެޓްގެ ދަނޑުގައި ވިދިވިދިގެން އެންމެ މޮޅު ވިކެޓް ކީޕަރުގެ މަޤާމު ހޯއްދަވާފައިވެއެވެ. އޭނާއަކީ ޢަމަލީގޮތުން، ފުޓްބޯޅަ، ހޮކީ، ކްރިކެޓް އަދި ޓެނިސް ކުޅުއްވާ ބޭފުޅެކެވެ. މިހުރިހާ ކަމެއްގެ އިތުރަށް، ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތްކުރައްވައެވެ. އޭނާގެ އަމިއްލަ ޚަރަދުގައި ދެކުއްޖަކަށް ކްރިކެޓް ދަސްކޮށްދެއްވުމަށްޓަކައި އިންޑިޔާގެ ހައިދަރުއާބާދަށް ފޮނުއްވައިގެން ކުރެއްވި މަސައްކަތްޕުޅުވެސް ފާހަގަކޮށްލެވެއެވެ. މިރޮނގުންނޫނަސް، ކުޅިވަރު ކުރިއަށް ގެންދެވުމަށްޓަކައި އޭނާ ވަރަށް މަތިވެރި ޚިދުމަތްތަކެއް މާއްދީ ގޮތުންނާއި، އަޚްލާޤީ ގޮތުން ކުރައްވަމުން ގެންދަވައެވެ.