އަލްފާޟިލް މުޢީނުއްދީން ދޮންތުއްތު
މއ.ޖޫޓްފްލާވަރ

          މުޢީނުއްދީނު ދޮންތުއްތުއަކީ، އަތްތެރިމަސައްކަތުގެ މަޢުރަޟުގައި ވަރަށްމަތީ ވަނަތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ގާތްގަނޑަކަށް، ރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢުރަޟުގައި 3 އަހަރު އެއްވަނަ ހޯއްދެވުމުގެ އިނާމުވަނީ އޭނާ ހޯއްދަވާފައެވެ. އަދި އެއަށްވުރެ މާކުރިން، މަދަރުސާގެ ދަރިވަރެއްގެ ގޮތުގައި ހުންނަވައިގެން އޭނާ މިމަސައްކަތް ފެށްޓެވި ހިސާބުގައިވެސް މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރެއްގެ ގޮތުން ހުންނަވައިގެންވެސް ވަނީ އޭނާ އެ މަދަރުސާއިން އެއްވަނަ އިނާމު ހޯއްދަވާފައެވެ.

          އަލްފާޟިލް މުޢީނުއްދީނު ދޮންތުއްތު ބަޔާންކުރައްވާ ގޮތުގައި، ކަހަނބުފަތާއި، މުތްތޮށި އަދި އެންދެރީގެ މަސައްކަތް އޭނާ ކުރައްވަމުން ގެންދަވަނީ، ވަރަށްބުރަ މަސައްކަތާއެކު ވަރަށް ޝައުޤުވެރިކަމާއެކުގައެވެ. ގާތްގަނޑަކަށް ފަންސާހަކަށް ޑިޒައިންގެ އެއްޗެހި، މިދެންނެވި ތަކެތިން އޭނާ ހައްދަވާފައިވެއެވެ. އޭނާ ހެއްދެވި އެއްޗެތީގެ ޢަދަދަށް ބަލާއިރު، ގުނަ ނުކުރެވޭހާ ގިނަ އަދަދަކަށް ތަކެތި ހައްދަވާފައިވެއެވެ. އޭނާ ބަޔާންކުރައްވާ ގޮތުގައި، އޭނާގެ މަސައްކަތަށް ގާތްގަނޑަކަށް އަހަރެއްގެ ތެރޭގައި ބައި މިލިއަން ރުފިޔާގެ މަސައްކަތް ކުރައްވައެވެ. އާދެ، ބައިމިލިއަން ރުފިޔާ ހޯދާހާ މަސައްކަތް އަހަރެއްގެ ތެރޭގައި އޭނާ ކުރައްވާފައިވެއެވެ.