އަލްފާޟިލާ ދޮންކަނބުލޮ
ފިނިހިޔާގެ/ ލ.މާބައިދޫ

          ދިވެހިބޭސްވެރިކަމަކީ، ރާއްޖޭގައި ވަރަށްގިނަ މީހުންގެ ގާތުގައި މަޤުބޫލު ބޭސްވެރިކަމެކެވެ. އަންހެނުންވެސް ދިވެހި ބޭސްވެރިކަމުގައި ވަރަށް މުހިއްމު ބުރައެއް އަދާކުރެއެވެ. ރުއްގަލު ބޭހާއި، ޙަކީމީ ބޭސްވެސް ކޮށްއުޅެއެވެ. މިކަމަށް އަންހެނުންނެކޭ ފިރިހެނުންނެކޭ ހަމައެއްވެސް ތަފާތެއްނެތެވެ. ހައްދުންމަތީ މާބައިދޫ ފިނިހިޔާގޭ ދޮންކަނބުލޮއަކީވެސް، މިދެންނެވިފަދަ ބޭސްވެރިއެކެވެ. އޭނާ ބޭސްކޮށްދެއްވާފައިވާ އެންމެންނަށް ކާންދެއްވަނީވެސް އޭނާގެ ޚަރަދުގައެވެ. އަދި އޭނާ އަރިހުން ބޭސްކުރާ މީހުން އޭނާގެ ރަށުގައި ބަލަހައްޓަނީވެސް އޭނާ އަމިއްލައަށްކަމަށް އެނގިފައިވެއެވެ. ތެދުތެދަށް ދަންނަވާނަމަ، ބޭސްވެރިކަމާއި، އިންސާނިއްޔަތާއި، އިޙްސާންތެރިކަމާ ގުޅިފައިވާ މިންވަރު އޭނާގެ ޢަމަލުންވެސް ގެންދަވަނީ، ހާމަކޮށްދެއްވަމުންނެވެ. އޭނާގެ ހުރިހާވެސް އުފަލަކީ، އަދި ހިތްހަމަޖެހުމަކީވެސް، ބަލިމީހުންނަށް އެހީތެރިވުމެވެ. އޭނާގެ ދިރިއުޅުމުގެ މައިދާނުގެ އެއްބަޔަކީވެސް އެއީ ކަމުގައި ވަނީ ހައްދަވާފައެވެ.