އަލްފާޟިލް ހޯރަފުށީ އާދަމް ސަލީމް
ރަބީޢީމަންޒިލް / ހއ.ހޯރަފުށި

          އަލްފާޟިލް އާދަމް ސަލީމަކީ، ވަރަށް އާދަޔާ ޚިލާފު ޅެންވެރިޔެކޭ އަޅުގަނޑުމެނަށް ދެންނެވިދާނެއެވެ. އޭނާ ދާރުލްއިޤާމާގައި ކިޔަވާ ކުއްޖަކަށް ހުންނެވި ދުވަސްވަރު، ޅެން ހެއްދެވުމުގެ މަސައްކަތް ވަނީ، ފަށްޓަވާފައެވެ. މިދެންނެވި ދިގު މުއްދަތުގައި އޭނާ ހައްދަވާފައިވާ ޅެންތަކުގެ ޢަދަދަކީ، ގުނާލަން ފަސޭހަ ޢަދަދެއް ނޫނެވެ. އެ ޅެންތަކުގެ ތެރޭގައި، ޗާޕު ކުރައްވައިގެން ބައެއް ޅެން ފޮތްވެސް މިހާރު ވަނީ އަޅުގަނޑުމެންގެ ތެރެއަށް ނެރުއްވާފައެވެ. އާދެ "ގުލްދަސްތާ"ގެ ނަމުގައި ޅެން ފޮތެއް ނެރުއްވާފައިވެއެވެ. ހަމައެހެން، މަދަޙައިގެ ޅެންތަކެއް "މަދާއިޙިލް މަޙުމޫދިއްޔާ"ގެ ނަމުގައި ނެރުއްވާފައިވެއެވެ. މާލޫދު ޅެން ފޮތެއް "އައްނޫރުލް މުޙައްމަދިއްޔާ"ގެ ނަމުގައި ނެރުއްވާފައިވެއެވެ. އަދި މިހާރު "ގުލިސްތާނު"ގެ ނަމުގައި މުޅިން ތަފާތު ޝުޢޫރުތަކުގެ ޅެންތައް އެކުލެވިގެންވާ ފޮތެއް ޗާޕުކުރައްވާފައިވެއެވެ. އެއާ އެކީގައި އަޅުގަނޑުމެންގެ ތެރެއަށް ވަރަށް މަޝްހޫރު ބަރުޒަންޖީ ނަޡުމް ކިޔާ މާލޫދު ޅެމެއްގެ ދިވެހި އިޤްތިބާސެއް، އާދެ އޭގެ ތަރުޖަމާއެއްވެސް މިހާރުވަނީ، ޅެންބަހުން އެކުލަވައިލައްވާފައެވެ.

          އަލްފާޟިލް ހޯރަފުށީ އާދަމް ސަލީމްގެ ޅެންތަކުގެ ތެރެއިން، އަޅުގަނޑުމެން ވަރަށް އަހާހިތްވާ ބައެއް ލަވައިގެ ތަންކޮޅެއް ދަންނަވާލެވިދާނެއެވެ. އޭނާ ހައްދަވާފައިވާ "ފާގަތި ރަބީޢު" އެއީ ވަރަށް ޚާއްޞަ މުނާސަބަތެއްގައި އޭނާ ހެއްދެވި ޅެމެކެވެ. އެޅެމަކީ، ނުވަތަ ލަވަޔަކީ، އޭނާގެ ރަށަށް، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށްޓަށް ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އަލްއަމީރު މުޙައްމަދު އަމީން ޒިޔާރަތް ކުރެއްވުމާ ގުޅިގެން އޭނާ ހެއްދެވި ލަވައެކެވެ.