އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް
ހ.ހޮޅުދޫގެ

          ބޭރު ބަސްބަހުން ލިޔެފައި ހުންނަ އަސަރުގަދަ ލޯބީގެ ވާހަކަ ކިޔައި، ލޯތައް ތެންމަމުން ދާއިރު އެފަދަ ދިވެހި ވާހަކައެއް ލިޔެވިދާނެބާވައޭ އަޅުގަނޑުމެން ކުރިން ހީކުރަމުއެވެ. އަމިއްލަ ޚިޔާލީ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި އެހާވެސް މަދުކަމުންނެވެ. ނުވަތަ ތަފާތު އަސަރު އެކުލަވާލައި ފަށުވި ޢިބާރާތްތަކުން ލިޔެފައިވާ ވާހަކަ ފެންނަލެއް މަދުކަމުންވެސް މެއެވެ. މިހެން ދެންނެވި ނަމަވެސް ޞަލާޙުއްދީން، މުޙައްމަދު ޖަމީލް، އަޙްމަދު ކާމިލް ފަދަ ބޭބޭފުޅުންގެ ރީތި ވާހަކަތަކެއް ދުނިޔެއަށް ނުކުމެފައި ނެތެކޭ ދަންނަވަނީއެއް ނޫނެވެ.

           ޝައްކެއްވެސް ނެތެވެ. އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމަކީ، މިދެންނެވި ބޭބޭފުޅުން ލިޔުއްވަމުން ގެންދެވި ރާގަށް ވަރަށް ބޮޑު ބަދަލެއް ގެންނެވި ބޭފުޅެއްކަމުގައި ނުހިމެނިއެއް ނުދާނެއެވެ. ދިވެހިންގެ ހިތްތަކާ ވަރަށް ބޮޑަށް ކުޅެލެއްވިވެސް ބޭފުޅެކެވެ. އޭނާގެ އަސަރުގަދަ ލޯބީގެ ވާހަކަތަކުންނެވެ. ޒަވާޖީ ޙަޔާތެއް ފަށާ ދެކުއްޖަކަށް ދިމާވެދާނެ ހުރިހާ ހުރަސްތަކަކާއި، މައިންބަފައިންނާ ދަރިންނާމެދު އޮންނަންވީ ކުލުނާއި ލޯބި ނެތިގެން ހިނގައްޖެނަމަ ނުކުމެދާނެ ހިތާމަވެރި ގޮތްތައް އޭނާގެ ވާހަކަތަކުގައި ހާމަކޮށްދެއްވައި މުޖްތަމަޢަށް ޢިބްރަތްތެރި ފިލާވަޅުތަކެއް ދެއްވާފައިވެއެވެ.

          ތަމްޘީލަށް ވާހަކަ ލިޔެދެއްވުމާއި، ދަސްކޮށްދެއްވުމުގައިވެސް އޭނާއަކީ، ކުޅަދާނަ އުސްތާޛެކެވެ. ތަމްޘީލުގެ ދުނިޔެއަށް ފަހަކަށްއައިސް ދިވެހިން ލޯހުޅުވާލަދެއްވީ، ސައިކުރާ އިބްރާހީމް ނަޢީމް ކަމުގައި ދެންނެވުމުން އެއީ އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެއެވެ. ހަމައެހެންމެ އޭނާއަކީ، ކުޅަދާނަ ޝާޢިރެއްވެސް މެއެވެ.

          ކުޑަކުދީންގެ ވާހަކަ ޓޭޕް ކުރައްވައިގެން ޢިބްރަތްތެރި ވާހަކަތަކެއް ނެރެދެއްވާފައިވެސް ވެއެވެ.