އިރާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުޙަންމަދު ނަބީ ޙައްސާނީ ޕޫރް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އީރާނާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، އެގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމުގައި އީރާން ސަރުކާރުން އަބަދުވެސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި، އީރާން ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުޙަންމަދު ވަޙީދުއްދީނާއި، މިނިސްޓަރ އޮފް ފޮރިން އެފާޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޑޮކްޓަރ މުޙަންމަދު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.