ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބ. ދަރަވަންދޫގެ ތަރައްޤީގެ މުހިންމު ކަންކަމާގުޅޭގޮތުން ބ. ދަރަވަންދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލު އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދަރަވަންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ދަރަވަންދޫ އެއަރޕޯޓް އެކަށީގެންވާގޮތެއްގައި ތަރައްޤީ ނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. މީގެ އިތުރުން ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް ފުލެޓް އެޅުން އެދޭކަމަށާއި ކްލާސްރޫމްތަކާއި މަލްޓިޕާރޕަސް ހޯލުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަމަށާއި ރަށަށް ކަރަންޓްދިނުމާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މިކަންކަން ފުރިހަމަކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.