މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ: ރައީސުލްޖުމްހޫރިއްޔާ 
 
• 2022 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ އިޤްތިޞާދު ވަނީ، 12.3 އިންސައްތަ ކުރިއަރާފައި 
• ސަރުކާރުގެ ވުޒާތަކުގައި، %35 އެލަވަންސް މިހާރު ނުލިބި ތިބި މުވައްޒަފުންނަށް މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ އެލަވަންސް ދޭން ފަށާނެ 
• ހުސްވި ޖެނުއަރީ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ވަނީ 3.5 ބިލިޔަން ރުފިޔާ ލިބިފައި 
• ހުސްވި އަހަރު މަސްވެރިންނަށް ސަރުކާރުން ވަނީ 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައި
 
ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން މިއަދު އިއްވަވައިފިއެވެ. މި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައި ވަނީ ގުޅުންބޮޑު، ދިރުންހުރި އިޤުތިޞާދެއް އުފެއްދުމަށް ކަމަށެވެ.  
 
މިގޮތުން، ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރައްވާފައި ވަނީ ޞިއްޙީ ދާއިރާއަށާއި، ވުޒާރާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެވޭ ހެޔޮ ބަދަލަށެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންނަށް މުސާރަ ބޮޑުވެގެންދާނެ ކަމަށާއި، ސަރުކާރުގެ ވުޒާރާގައި، %35 އެލަވަންސް މިހާރު ނުލިބި ތިބި މުވައްޒަފުންނަށް ވެސް މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެންް އެ އެލަވަންސް ދޭން ފަށާނެކަމުގައެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި މާރިޗު މަހުން ފެށިގެން ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮބަދަލެއް އަންނާނެ ކަމަށާއި، ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތް ނިމިގެން ދާއިރު، ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން އޭގައި ޝާމިލްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 
 
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ، މިނިމަމް ވޭޖުގެ ބޮޑު ބަދަލާއި، ސާރވިސް ޗާޖަށް ގެނެވުނު ބަދަލާއި އެކު، ޢާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެން ދިޔަކަން ފާހަގަކުރައްވާފައެވެ. މަސައްކަތާ ދިރިއުޅުމުގެ މާޙައުލުގައި ޤާނޫނުގެ ރައްކާތެރިކަމާއި ޙިމާޔަތް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، އެކަމާއި ގުޅޭ ބިލްތައް މި ފެށުނު މަޖިލީހުގެ ފުރަތަމަ ދައުރުގައި ފާސްކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. 
 
ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނަ ގޮތުގެ މައްޗަށް އަލި އަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިޞާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ފުރަތަމަ ލަފާކުރީ %7.6 ކަމަށާއި  އެހެންނަމަވެސް، އަހަރު ނިމުނުއިރު ރާއްޖޭގެ އިޤްތިޞާދު %12.3 ކުރިއަރާފައިވާ ކަމަށެވެ. ހުސްވި ޖެނުއަރީ މަހަކީ މިހާތަނަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް ކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޖެނުއަރީ މަހު އެކަނިވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. 
 
އިޤްތިޞާދީ ކުރިއެރުމަށް ދަތުރުފަތުރުގެ މުހިންމުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ހުވަދު އަތޮޅާއި، ފުވައްމުލައްސިޓީ އަދި، އައްޑޫ ސިޓީ އާރް.ޓީ.އެލް ގެ ނިޒާމުން ގުޅައިލެވޭނެ ކަމުގައެވެ. އަދި، ސަރުކާރުގެ އަމާޒަކީ އާރް.ޓީ.އެލް ގެ ޚިދުމަތުން މުޅި ރާއްޖެ ގުޅައިލުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 
 
މީގެ އިތުރުން ވެސް ޑޮމެސްޓިކް އެއަރޕޯރޓްތައް ޤާއިމްކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން، ފަރެސްމާތޮޑާ އެއަރޕޯރޓް އަންނަމަހު ހުޅުވޭނެ ކަމަށާއި، ފ. މަގޫދޫ އަދި، މ. މުލީ އެއަރޕޯރޓްގެ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އިންޓަރނޭޝަލް އެއަރޕޯރޓްތަކުގެ ތެރޭގައި ހިމެނޭ ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައިވާއިރު، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ޢަމަލީ މަސައްކަތް ފެށުމަށް މިމަހު ޙަވާލު ކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.  
 
ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވި ގޮތުގައި ކަރަންޓާއި، ބަނދަރާއި، މަގުހެދުމާއި، ފެނާ ނަރުދަމާގެ ޚިދުމަތާއި، އާރް.ޓީ.އެލް ފެރީގެ ނިޒާމަކީ މުޅި ރާއްޖޭގެ އިޤްތިޞާދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގަލެވެ. އަދި، ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމަ ކުރެވިގެންދާއިރު އެރަށް ރަށުގެ އިޤްތިޞާދު ފުޅާވަމުން ބިމުގެ އަގު އުފެލުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.  
 
ރާއްޖޭގެ އިޤްތިޞާދީ މައި ޞިނާޢަތްތަކުގެ ތެރޭގައި ހިމެނޭ ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާ އަދި، ދަނޑުވެރިކަމުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުން ކަމަށެވެ. އަދި މިދައުރުގެ ތެރޭގައި 16،758 އެނދު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކުރެވިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
 
މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ އަހަރަކީ މަސްވެރިކަމުގެ ތާރީޚުގައި މިފްކޯއިން އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދޫކުރި އަހަރު ކަމަށާއި، އެކުންފުނިން މަސްވެރިންނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި، މަސްވެރިންނަށް އެކަށޭނަ އަގެއް ހޯއްދަވައި ދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި އެކުގައި، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސި ވިލާތާ، ވިލާތުގެ އިއްތިޙާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.