ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު "އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" އިފްތިތާޙްކޮށްދެއްވައިފިއެވެ. އެކަމަނާ މި ކޮންފަރެންސް އިފްތިތާޙްކޮށްދެއްވާފައި ވަނީ މިއަދު ހެނދުނު ބަނޑޮސް މޯލްޑިވްސްގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ތީމަކީ "މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނަރޖީ" އެވެ. މި ކޮންފަރެންސްގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެން ޞިއްޙީ ދާއިރާގައި ބޭނުންކުރާ ބެސްޓް ޕްރެކްޓިސްއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާނެއެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ދާއިރާގައި ބޭނުންކުރަން އެންމެ ރަނގަޅު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.