ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރ. އަލިފުށީ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެެ ދަރިވަރުންނާ ޓީޗަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު އަލިފުށީ ސްކޫލަށް ކުރެއްވި މި ޒިޔާރަތުގައި އެކަމަނާ ވަނީ އަލިފުށީ ސްކޫލްގެ ލައިބްރަރީއަށް ގަނާކުރުމާ ބެހޭގޮތުންނާ، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ހަދިޔާކުރައްވާފައެވެ. އަދި، އެކަމަނާ ވަނީ ގަނާ ކުރުމާގުޅޭގޮތުން ހަދިޔާ ކުރެއްވި ފޮތް ސްކޫލްގެ ގްރޭޑް ދޭކުން ފެށިގެން ހަޔަކަށް ކިޔަވަމުންދާ ބައެއް ދަރިވަރުންނަށް ވިދާޅުވެދެއްވާފައެވެ. އަދި އެކަމަނާ ވަނީ ގަނާކުރުމުގެ ޝިކާރައަކަށް ވެއްޖެއްޔާ ކަންކުރާނެ ގޮތާއި ގަނާ ކުރުން ހުއްޓުވުމަށް ހުރިހާ ކުދިންނަށް ވެސް ޢަމަލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފައުންޑޭޝަން ލެވެލްއިން ފެށިގެން އޯ ލެވެލް އަށް ތައްޔާރުވަމުންދާ ކުދިންނާ ވަކި ވަކީން ބައްދަލުކުރައްވައި ކިޔެވުމާ ގުޅޭގޮތުން އެކުދިންނާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އެކަމަނާ ވަނީ އޯ ލެވެލްއަށް ތައްޔާރުވުމުގައި ސްޓްރެސް މެނޭޖްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ސްކޫލްގެ ޓީޗަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބޭއްވި ބައްދަލުކުރެއްވުމުގައި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ޢަމަލުތަކާއި ދޭތެރޭ ކުދިން ހޭލުންތެރިކުރުމާ، މުޖުތަމަޢުގައި ހިނގާ އެފަދަ ޢަމަލުތައް ހުއްޓުވުމުގައި ޓީޗަރުންނަށް އަދާކުރެވޭނެ ދައުރު ވަނީ ފާހަގަކުރައްވާފައެވެ. ސްކޫލްގެ ޓީޗަރުން ވަނީ މި ސަރުކާރުން ތަޢުލީމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

ސްކޫލްގެ ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އަލިފުށީ ސްކޫލްގައި އިމާރާތްކުރާ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތްކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. މި މަޝްރޫޢު ފަށާފައިވަނީ 11 މޭ 2021 ގައެވެ. އަދި ނިމޭނެކަމަށް ލަފާކުރެވެނީ 1 އޭޕްރީލް 2022 ގައެވެ. އަލިފުށީ ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް ދިހަޔަކާ ހަމަޔަށް 450 ދަރިވަރުން މިވަގުތު ކިޔަވަމުންދެއެވެ.