1.      ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ސިޔާސަތުތައް އެކަށައަޅައި، މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމުކުރުން.

2.      މަތީ ތަޢުލީމާއި ތަމްރީނުގެ ނިޒާމުގެ ފެންވަރު ހިފެހެއްޓުމުގެ އުސޫލުތައް ހަދައި ހިންގުން.

3.      ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ނިޒާމަކީ، ފުޅާ ދާއިރާއެއްގައި ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ފަހިވެފައިވާ ނިޒާމެއްކަން ކަށަވަރުކުރުން.

4.      ވަޒީފާތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތައް ކަނޑައަޅައި، އެފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސިޔާސަތުތައް އެކަށައެޅުން.

5.      ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ދާއިރާ ތަރައްޤީކޮށް، ކާމިޔާބުކަމާއެކު ތަޢުލީމު ނިންމާ ދަރިވަރުން އިތުރުކުރުމަށް، ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން މަސައްކަތްކުރުން.

6.      ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތަކުން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުން.

7.      މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދަރިވަރުންނަށް މާލީއެހީ ފޯރުކޮށްދިނުމުގެ ސިޔާސަތު އެކަށައަޅައި، އެކަމުގެ އުސޫލުތައް އެކުލަވާލައި ތަންފީޛުކުރުން.

8.      މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެފަދަ ތަންތަނުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމާއި، ކަމާބެހޭ ތަފާސްހިސާބު ބެލެހެއްޓުން.

9.      ޤާނޫނަކުން ބާރު ލިބިގެން އުފައްދާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ބެލެހެއްޓުމަށްޓަކައި، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެ މަރުކަޒުތަކުން ޢަމަލުކުރޭތޯ ބަލައި، އެކަން ކަށަވަރުކުރުން.

10. މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވާގޮތަށް ކިޔަވައިދޭ ޕްރޮގްރާމްތަކާއި، ދަރިވަރުން ހާޒިރުވާންނުޖެހޭ ގޮތަށް ހިންގާ ޕްރޮގްރާމްތައް އަދި އެ ދެބައި ހިމެނިގެން ހިންގާ ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާބެހޭ ސިޔާސަތުތައް ކަނޑައެޅުން.

11. މަތީ ތަޢުލީމާއި ތަމްރީނު ދިނުމާބެހޭ ކަންތައްތަކުގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މަޝްވަރާއާއި ލަފާދިނުން.

12. ދިވެހިރާއްޖެއިން ބޭރުގެ ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރާ ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުން.

13. ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ތަންފީޛުކުރުމާއި ހިންގުމާ ގުޅޭގޮތުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް އެކުލަވާލައި، ތަންފީޛުކުރުން.

14. ރާއްޖޭގައި އެކި ފަރާތްތަކުން ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމުތަކުގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް (އެޕްރޫވަލް، އެކްރެޑިޓޭޝަން އެންޑް އޮޑިޓިންގ ނިޒާމެއް) އެކުލަވާލައި، މިކަންކަމާބެހޭ ސިޔާސަތުތައް އެކަށައެޅުން.

15. ބޭރުގެ އެހީގެ ދަށުން މީހުން ތަމްރީނުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ދަށުން، މީހުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކޯސްތަކުގައި ބައިވެރިކުރުމުގެ ކަންތައްތައް ހިންގުމާއި، ހިންގުވުމާއި، އެކަންކަން ބެލެހެއްޓުން.

16. އެހީދޭ ބޭރުގެ ފަރާތްތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއަށް ލިބޭ ކޯސްތަކުގައި މީހުން ބައިވެރިކުރުމާބެހޭ އުސޫލުތައް އެކުލަވައިލައި، އެކަންކަން ވިލަރެސްކުރުން.

17. މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދަރިވަރުންނަށް މާލީ އެހީ ދިނުމުގެ ސިޔާސަތު އެކަށަޅައި، އެކަމާބޭ އުޞޫލުތައް އެކުލަވައިލައި ތަންފީޒުކުރުން.

18. މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދަރިވަރުންނަށް މާލީ އެހީދިނުމުގެ ޕްރޮގްރާމްތަކަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރާއި ޤައުމީ ބޭނުންތަކާގުޅޭ ޕްރޮގްރާމްތަކެއްކަން ކަށަވަރު ކުރުމާއި، މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދަރިވަރުންނަށް މާލީ އެހީދިނުމުގެ ޕްރޮގްރާމްތަކުގެ މަޤްޞަދު ހާސިލުވަމުންދޭތޯ ބެލުން.

19. ދުރުންދޭ ތަޢުލީމުގެ ޕްރޮގްރާމްތައް ހިންގުމާބެހޭ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.

20. މަސައްކަތްތެރިކަމުގެ ދާއިރާއިން ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުމާއި، ކެރިއަރ ގައިޑެންސް ދިނުން.

21. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން ޢިލްމީ ދިރާސާ ކުރުމަށް ހިތްވަރުދީ، ޢިލްމީ ދިރާސާ ކުރެވޭނޭގޮތްތައް ތަނަވަސްކުރުމާއި، އެފަދަ ދިރާސާތަކުގެ ހޯދުންތައް ޢާންމުކޮށް ފެތުރުމުގެ ނިޒާމެއް ޤާއިމުކުރުން.

22. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

23. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން އަދާކުރަންޖެހޭ އެހެނިހެން ޒިންމާތައް އަދާކުރުން.

ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުންނެވެ.

1.      މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

2.      މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ

3.      މޯލްޑިވްސް ޕޮލިޓެކްނިކް

 

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް

 ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.

1.      ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އުސޫލުތައް ހަދައި ހިންގުން.

2.      ޤައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވައިލުމާއި، މުރާޖަޢާކޮށް އިޞްލާޙުކުރުމާއި، އެ އޮނިގަނޑު ތަންފީޛުކުރުން.

3.      ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅާފައިވާ ފެންވަރާއި އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުން.

4.      ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ހުއްދަދިނުމާއި، އެކްރެޑިޓްކުރުމާއި، އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޛުކުރުން.

5.      ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާގުޅޭ އުސޫލުތައް އެކުލަވާލައި ތަންފީޛުކުރުން.

6.      މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ސަނަދުތަކާއި، އެ ސަނަދުތައް ހާސިލުކުރާ ފަރާތްތަކުގެ ދަފްތަރެއް ބެލެހެއްޓުން.

7.      ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ޕްރޮގްރާމްތައް ޢާންމުކުރުން.

8.      މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުން.

9.      ތަފާސްހިސާބާއި ރިސާރޗްގެ ބޭނުމަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން މަޢުލޫމާތު ހޯދުން.

10.  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުން.

11.  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޭ ޚިދުމަތްތަކަށް ފީއެއް ނަގާނަމަ އެ ފީއެއް ނަގާނެ އުސޫލު ކަނޑައަޅައި، ޢާންމުކުރުން.

12.  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމެއް ޤާއިމުކުރުން.

13.  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ލަފާ ހޯދުން.

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.

1.       ވަޒީފާތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތައް ކަނޑައަޅައި، އެފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސިޔާސަތުތައް އެކަށައެޅުން.

2.       އެޕްރެންޓިޝިޕް ނިޒާމް ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި، އެޕްރެންޓިޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ މަޢުލޫމާތު އެއްކޮށް، ރައްކާކުރުމާއި، އެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.

3.       މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޕްރޮގްރާމްތަކުގައި ތަމްރީނުދޭ ފަރާތްތަކާއި، އެޕްރެންޓިޝިޕް ޕްރޮގްރާމް ހިންގުމުގައި ބައިވެރިވާ ވަޒީފާ ދޭ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން.

4.       އެމްޕްލޯޔަރ ބޭސްޑް ޓްރެއިނިންގ ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި، އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ މަޢުލޫމާތު އެއްކޮށް، ރައްކާކުރުމާއި، އެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން،

5.       ރަސްމީ ނިޒާމެއްގެ ތެރެއިން ދެވޭ ސަނަދެއް ނެތި އެއް ބާވަތެއްގެ މަސައްކަތުގައި ދެމިތިބޭ މުވައްޒަފުންނަށް މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން، މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމުގެ ތެރެއިން ރިކޮގްނިޝަން އޮފް ޕްރަޔަރ ލަރނިންގ ނިޒާމެއް ޤާއިމުކޮށް އެ ނިޒާމް ތަންފީޛުކުރުން.

6.       މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ދާއިރާތަކަށް މީހުން ބިނާކުރުމަށް ބޭނުންވާނެ ކޮމްޕިޓެންސީ ސްޓޭންޑަރޑްތައް އެކުލަވާލުމާއި، ޓްރެއިނިންގ މެޓީރިއަލް އުފެއްދުމާއި، އެ ތަކެތި މުރާޖަކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

7.       ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކުގައި ބަޔާންކުރާ މިންގަނޑާއި ދަރިވަރުން ހާސިލުކުރަންޖެހޭ ފެންވަރު ވަޒަންކުރާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން، ހުނަރު ހާސިލުވެފައިވާ މިންވަރު ދެނެގަތުމުގެ އިމްތިޙާނުތައް ކުރިއަށް ގެންދިއުން.

8.       ދިވެހިރާއްޖޭގެ ސަރަޙައްދުތަކާއި ރަށްރަށުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި، ނެތެމުންދާ ސަޤާފަތާއި ފަންނުތައް ދިރުވައި އާލާކުރުމަށްޓަކައި އެ ފަންނުތައް ފާހަގަކޮށް، އެ ދާއިރާތަކުން މީހުން ތަމްރީނުކުރަންޖެހޭ މިންވަރާއި ފެންވަރު ކަނޑައެޅުން.

9.       މަސައްކަތުގެ ތަޢުލީމާއި ތަމްރީނުދޭ ފަރާތްތަކާއި އިމްތިޙާނުދޭ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއި ބެލެހެއްޓުމުގެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރުން.

10.  ފަންނީ މާހިރުންގެ ޕެނަލްތައް އެކުލަވާލުމާއި، އެ ޕެނަލްތަކުގެ ފަންނީ އެހީގައި ކޮންޕިޓެންސީ ސްޓޭންޑަރޑްތައް ތައްޔާރުކޮށް ސެކްޓަރ ކައުންސިލްތަކަށް ހުށަހަޅައި ފާސްކުރުން.

11.  މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމުގެ ތެރޭގައި ހިންގާ ތަމްރީނުތަކާއި ޕްރޮގްރާމްތަކާ ގުޅޭގޮތުން އެކި ފަރާތްތަކަށް ފަންނީ ލަފާދިނުން.

12.  ވަޒީފާދޭ ފަރާތްތަކާއި، ދަރިވަރުންނާއި، ސަރުކާރާއި، ދައުލަތުގެ އިދާރާތައް ގުޅިގެން މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ހިންގުމަށް ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމެއް ޤާއިމުކުރުން.

13.  މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކާބެހޭ މަޢުލޫމާތު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދީ، ތަމްރީނުދޭނެ ފަރާތްތަކާއި، ތަމްރީނު ލިބިގަންނަ ފަރާތްތައް ހޯދުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

14.  ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމް ފަރުމާކޮށް އެ ނިޒާމުގެ ފެންވަރު ހިފެހެއްޓުން.

15.  މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ލަފާ ހޯދުން.

 

މޯލްޑިވްސް ޕޮލިޓެކްނިކްގެ މަސައްކަތްތައް

1.      ވަޒީފާތަކަށް އެވަގުތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތަކުގެ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމާއި، މި ތަމްރީންތައް ހިންގުމުގައި ވަޒީފާދޭ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުން.

2.      މޯބައިލް ސްކިލްސް ޓްރޭނިންގ ޕްރޮގްރާމްތައް ރާވައި ހިންގުން.

3.      ވަޒީފާ ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ހުނަރުތަކާބެހޭ މަޢުލޫމާތު ދިނުން.

4.      ފަންނީ ހުނަރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ތަމްރީނު ދިނުމުގެ ވަސީލަތްތައް ހަމަޖެއްސުން.

5.      މަސައްކަތްތެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީނުގެ މަރުޙަލާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިވާގޮތަށް ތަމްރީނުތައް ފަރުމާކުރުން.

6.      ހުނަރުވެރި މަސައްކަތްތެރިންނަށް އޯޕަން ލާރނިންގއާއި އީލާރނިންގ މެދުވެރިކޮށް ތަމްރީނުވުމުގެ ފުރުސަތުތައް ހޯދައިދިނުން.

7.      ރާއްޖޭގެ އެކިއެކި ރަށްރަށުގައި ނުވަތަ ސަރަޙައްދުތަކުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި ޚާއްޞަ ފަންނުތައް (މިސާލު: ކިއްސަރު ވަޑާން، އަތްކަން ކުރުން، ލިޔެލާޖެހުން، ވިޔުމާއި ޖަރީކުރުމުގެ މަސައްކަތް) ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުން.

8.      ޓެކްނިކަލް އަދި ވޮކޭޝަނަލްގެ ދާއިރާތަކުން އައު އުފެއްދުންތައް އުފެއްދުމަށާއި އައު އީޖާދުތައް އީޖާދުކުރުމަށް ބާރުއަޅައި، އެފަދަ އުފެއްދުންތަކާއި އީޖާދުތައް ފެތުރުން.

9.      ޕޮލިޓެކްނިކުން ހިންގާ ތަމްރީނާގުޅޭ ދިރާސާތައްކޮށް، އެ ދިރާސާތައް ޝާއިޢުކުރުން.