1.   ދީނީ ކަންތައްތަކުގައި ސަރުކާރަށް ލަފާދިނުމާއި، ދައުލަތުގެ ފަރާތުން އިސްލާމީ ޝިޢާރު ފާޅުކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން.

2. ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތު ހިފެހެއްޓުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމުތައް ރާވައި ހިންގުން.

3.   ޤާނޫނު ނަންބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން.

4.        ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދުގެ ޚުޠުބާ އެކުލަވައިލައި ޢާންމުކުރުން.

5.        ރާއްޖޭގައި ނެރޭ ދީނީ ފޮތްތަކާއި ދީނީ ލިޔުންތަކާއި، ރާއްޖެއިން ބޭރުން ގެންނަ ދީނީ ފޮތްތަކާއި ލިޔުންތައް ބަލައި ފާސްކުރުން. އަދި، ރާއްޖެއަށް އެތެރެކުރެވޭ ލިޔުންތަކާއި ފޮތްތަކާއި ރާއްޖޭގައި ނެރޭ ފޮތްތަކާއި ލިޔުންތަކުގައި އިސްލާމް ދީނާ ޚިލާފުވާފަދަ ވާހަކަތައް ހުރިތޯ ބަލައި އެފަދަ ކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުން.

6.   މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

7.   ރާއްޖޭގެ ރަށްރަށަށް ބޭނުންވާނެ މިސްކިތްތަކުގެ އަދަދު ކަނޑައެޅުމާއި، މިސްކިތްތައް ޢިމާރާތްކުރުމާއި، މިސްކިތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

8.        މިސްކިތް އިމާރާތްކުރަން އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުން.

9.        ރާއްޖޭގެ ރަށްރަށުގައި ހުކުރު ކުރުމުގެ ހުއްދަ ދޫކުރުމާއި، ރާއްޖޭގެ މިސްކިތްތަކަށް ބޭނުންވާ އިމާމުން ބިނާކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން.

10.   މިސްކިތްތަކަށް އިމާމުން އައްޔަންކުރުމާއި، އިމާމުންގެ މަސައްކަތްތައް ބެލެހެއްޓުން.

11.   ރަމަޟާންމަހާއި، ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުމާއި، ހަނދު ސާބިތުކުރުމާ ބެހޭގޮތުން ސަރުކާރުން ނިންމާގޮތް ކަނޑައަޅައި އިޢުލާން ކުރުން.

12.   ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުން މަނާކުރުމާއި، މިފަދަ މާނައެއް ކުރެވޭގޮތަށް ހިންގާ ކަންތައްތައް މަނާކުރުމާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

13.   ފަރުޟު ޒަކާތާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ކޮންމެ ހަމަހަކުން އެއްފަހަރު ނިޞާބު އިޢުލާނުކުރުމާއި، އަހަރަކު އެއްފަހަރު ފަޤީރުންގެ ލިސްޓު އާންމުކުރުން.

14.   ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތުގެ ފައިސާ ޙައްޤުވާ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކަށް މުދަލު ޒަކާތާއި ފިޠުރު ޒަކާތުގެ ފައިސާ ދޫކުރުން.

15.   އިސްލާމީ މަރުކަޒުގައިވާ އިސްލާމީ ކުތުބުޚާނާ ހިންގައި ބެލެހެއްޓުން.

16.   ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމުތައް ރާވައި ހިންގުން.

17.   ރާއްޖޭގެ މިސްކިތްތަކުގައި ފަރުޟު ފަސް ނަމާދާއި، ހުކުރުނަމާދާއި، ދެޢީދު ދެނަމާދާއި، ކޭތަ ނަމާދާއި، އެހެނިހެން ސުންނަތް ނަމާދުތައް ކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސާކަން ކަށަވަރުކުރުމާއި، އެކަންތައްތައް ހިނގާނުހިނގާގޮތް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

18.   ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަހައްދުތަކުގެ ގަބުރުސްތާނުތައް ބަލަހައްޓާނެ އުސޫލުތަކާއި، ކަށުކަމާކެމީގެ ކަންކަން ހިނގާނެގޮތުގެ އުސޫލުތައް ކަނޑައަޅައި، އުސޫލުތަކާއެއްގޮތަށް އެ ކަންކަން ހިނގާތޯ ބެލުން.

19.   ރާއްޖޭ މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ހިންގުމާއި، ދީނީ ދަރުސް ދިނުމާއި، މިސްކިތްތަކުގައި ހިންގާ އެކިއެކި އެހެނިހެން ހަރަކާތްތައް ހިންގުމަށް ހުއްދަ ދިނުމާއި މިކަންކަން މޮނިޓަރކޮށް، ބެލެހެއްޓުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

20.   ރާއްޖެއަށް ބޭނުންވާ މިންވަރަށް ކަށުކަމާކެމީގެ ކަންތައްކުރާނެ މީހުން ބިނާކުރުމާއި ކަށުކަމާކެމީގެ ކަންތައްތައް ހިންގުމުގައި ލޯކަލް ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީއާއި، ލަފާދިނުން.

21. ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ސަރުކާރުން ހަމަޖައްސާ ބޭފުޅުން، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.

22.   ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ މީހުންނާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

23.  ރާއްޖެއިން ޙައްޖަށާއި ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެކަމަށް ހުއްދަ ދިނުމާއި، އެފަދަ ކުންފުނިތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، ޙައްޖާއި ޢުމްރާގެ ކަންތައްތައް ބެލެހެއްޓުމާގުޅޭ އުސޫލުތައް އެކުލަވައިލައި، އެ އުސޫލުތަކާ އެއްގޮތަށް ޙައްޖާއި ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ޢަމަލުކުރަމުންދާކަން ކަށަވަރުކުރުން.

24.   ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންތައްތައް ބެލެހެއްޓުމަށް އެހީތެރިވުމަށްޓަކައި، ޙައްޖު މޫސުމުގައި މައްކާގައި ޙައްޖު މިޝަނެއް  އެކުލަވާލައި، އެ މިޝަނުގެ ކަންތައްތައް ބެލެހެއްޓުން.

25.   ޣައިރު މުސްލިމުން އިސްލާމްދީން ޤަބޫލުކުރުމުން ދެވޭ ސެޓްފިކެޓް ދޫކުރުމާއި، އިސްލާމްދީނާބެހޭ އަސާސީ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށް ދިނުން.

26.   ރާއްޖެއިން ބޭރުން ދީނީ ތަޢުލީމު ޙާޞިލުކުރާ ޢިލްމުވެރިންނާބެހޭ މަޢުލޫމާތު ބެލެހެއްޓުން.

27.   އިމްސާކިއްޔާ ތައްޔާރުކޮށް ޝާއިޢުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

28.   އިސްލާމްދީނާއި ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ތަޢުލީމީ ދާއިރާގައި ބޭނުންކުރާ ފޮތްތައް ފާސްކުރުމާއި، ތަޢުލީމީ ދާއިރާއާގުޅޭ ދީނީ ކަންކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނަށް ލަފާދިނުމާއި، ކިޔަވާ ކުދިންގެ މެދުގައި ދީނީ ވަޙުދަތު ހިފެހެއްޓުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ޕްރޮގްރާމުތައް ހިންގުން.

29.   ކިޔަވާ ކުދިންގެ މެދުގައި އިސްލާމީ ޢަޤީދާ ވަރުގަދަ ކުރުމަށްޓަކައި ޕްރައިމަރީ ސްކޫލުން ފެށިގެން ސްކޫލު ދައުރު ނިމެންދެން އިސްލާމީ ތަހުޒީބާއި ތަރައްޤީގެ މަގުން ދީނީ ކަންކަމަށް ރައްކާތެރިވުމުގެ މުހިންމުކަމުގެ މައްޗަށާއި، އެހެން މީހުންގެ ޚިޔާލާއި ޙައްޤުތަކަށް ރައްކާތެރިވުމަށް ބާރުއަޅާނޭ ގޮތުގެ މަތިން، ކަރިކިއުލަމް އެކުލަވާލުމަށް ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް ލަފާ ދިނުން.

30.   ދީނީ ދަރުސްތައް ދިނުމާއި ދީން އުނގަންނައި ދިނުމުގެ ޕްރޮގްރާމުތައް ރާވައި ހިންގުން.

31.   ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ބާވަތްތަކަށް ޙަލާލު ސެޓްފިކެޓް ދޫކުރުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތަކާ އެއްގޮތަށް ޙަލާލު ސެޓްފިކެޓް ދޫކުރުމުގެ ކަންކަން ތަންފީޒުކުރުން.

32.   ރާއްޖޭގެ ރަސްމީ ކަލަންޑަރު (މީލާދީ ތާރީޚާއި، ހިޖްރީ ތާރީޚާއި، ނަކަތްތަކާއި ބަންދު ދުވަސްތައް އެނގޭގޮތަށް) ނެރުމަށް ބޭނުންވާ މަޢުލޫމާތު ކޮންމެ އަހަރަކު ޢާންމުކުރުން.

33.   މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަށުންނެވެ.

1.        އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް

2.        ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު

 

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއިން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.

1.      ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޤާއިމުކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި މުޖުތަމަޢަށް ބޭނުންވާ ދީނީ ފަތުވާ ޢާންމުންނަށް ފޯރުކޮށްދިނުން.

2.        ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުން.

3.        އިސްލާމީ އުންމަތަށް ދިމާވާ ފިޤްހީ އައު މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ މައްސަލަތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ދީނީގޮތުން ފަތުވާ ދިނުން މުހިންމުކަމަށް މަޖިލީހަށް ފެންނަ މައްސަލަތަކުގައި، ދީނީ ފަތުވާ ޢާންމުންނަށް ފޯރުކޮށްދިނުން.

4.        ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ ޢާންމުންނަށް ފޯރުކޮށްދިނުން.

5.        ދިވެހި ރައްޔިތުންގެ މެދުގައި އުފެދޭ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށާއި، މުޖުތަމަޢުގެ މަޞްލަޙަތު ހިމެނޭ ދީނުގެ އެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމަށްޓަކައި، ދީނީ ޢިލްމުވެރިންގެ މަހާސިންތާތަކާއި ސެމިނަރތައް ރާވައި ހިންގުން.

6.        ދީނީ ކަންކަމުގައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ތަފާތު ދީނީ މައުޟޫޢުތަކަށް ދިރާސާކޮށް ލިޔެފައިވާ ލިޔުންތައް ޝާއިޢުކޮށް ނެރުން.

 

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ މަސައްކަތްތައް

1.      ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތް ފުޅާ ދާއިރާއެއްގައި އުނގަންނައި ދިނުމުގެ މަސައްކަތްކުރުން.

2.   ކީރިތި ޤުރުއާން ތަޖްވީދު މަގުން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި، ހިތުދަސްކޮށްދިނުމުގެ މަސައްކަތް ކުރުން.

3.   ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ސައިންޓިފިކް ހަޤީގަތްތައް ދިރާސާކޮށް، ޝާއިޢުކުރުން.

4.  ޙަދީޘް ޢިލްމާބެހޭ ދިރާސާތައް ކުރުމާއެކު ފުޅާ ދާއިރާއެއްގައި ޙަދީޘް ޢިލްމް ފެތުރުން.

5.      ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތާބެހޭ ދިރާސާތައް ކުރުމަށް ބޭނުންވާ މީހުންނަށް އެމަގު ތަނަވަސް ކޮށްދިނުން.

6.      ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތާއި، ސްކޫލު މުބާރާތާއި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމަށް ބޭނުންވާ ކަންކަން ރާވައި ހިންގުން.

7. ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިކުރާނެ ފަރާތްތައް ކަނޑައަޅައި، އެމުބާރާތްތަކުގައި  ބައިވެރިކުރުމާއި، އެކަމާގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުން.

8. ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާކުރުމާއި، މުރާޖަޢާކުރުމާއި ޝާއިޢު ކުރުމުގެ މަސައްކަތް ކުރުމާއި، ޤުރުއާނުގެ ތަރުޖަމާ ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނޭ މަގު ފަހިކޮށްދިނުން.

9.  ޙަދީޘް ފޮތްތަކާއި އެއާ ގުޅުންހުރި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކޮށް ޢާންމުންނަށް ލިބޭނެގޮތް ހެދުން.

10. ބޭނުންނުކުރެވޭ ވަރަށް ބާވެ ހަލާކުވެފައިވާ މުޞްޙަފުތައް ނައްތާލުމާއި، މުޞްޙަފުތައް ނައްތާލުމަށް ބޭނުންވާ ފަރާތްތަކަށް ލަފައާއި މަޝްވަރާދިނުން.

11. ރާއްޖެއަށް ބޭނުންވާ ޤުރުއާން މުދައްރިސުންނާއި، އިމާމުންނާއި، ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ކޯސްތައް ރާވައި ހިންގުން.

12. ޙާފިޡުކަމުގެ އިމްތިޙާނުކޮށް، ސަނަދު ދިނުމާއި، ޙާފިޡުންގެ ދަފްތަރު ބެލެހެއްޓުން.

13. ރާއްޖޭގައި ހިންގާ ޤުރުއާން ކްލާސްތަކުގެ ރެކޯޑު ބެލެހެއްޓުން.

14. ކީރިތި ޤުރުއާނާއި ސުންނަތާބެހޭ ބައިނަލްއަޤްވާމީ މުއައްސަސާތަކާ ގުޅިގެން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ބޭނުންވާ ޢިލްމީ، ފަންނީ އަދި މާލީ އެހީތެރިކަން ހޯދުން.