1.          ދިވެހިރާއްޖޭގެ އިޤްތިޞާދީ ސިޔާސަތާއި، އިޤްތިޞާދީ ލަނޑުދަނޑިތައް ކަނޑައެޅުން. 

2.          ދިވެހިރާއްޖޭގެ އިޤްތިޞާދު، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާއި، އަމާޒުތަކާ އެއްގޮތަށް ބައްޓަންކޮށް ހަރުދަނާކުރުން.

3.          ރާއްޖޭގައި ޞިނާޢީ މަސައްކަތްތައް ކުރިއަރާނެ ގޮތްތައް ރާވައި، އެކަންކަން ހިންގައި ބެލެހެއްޓުން.

4.          ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް، ޒަމާނާއެއްގޮތަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ރޭވުން.

5.          އިޤްތިޞާދީ ތަރައްޤީއާއި، ވިޔަފާރިއާ ގުޅުންހުރި އެންމެހައި ކަންކަން (ފަތުރުވެރިކަން، މަސްވެރިކަން، ދަނޑުވެރިކަން އަދި މިނޫންވެސް، ރައްޔިތުންގެ އިޤްތިޞާދީ ޙާލަތާ ގުޅުންހުރި ދާއިރާތައް) އާއި ސިޔާސަތުތައް، ދައުލަތާއި ސަރުކާރު އަދި ޕްރައިވެޓް ސެކްޓަރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ވިލަރެސްކުރެވޭނެ ނިޒާމެއް ޤާއިމުކޮށް، މި ސިޔާސަތުތައް އެއް ވިސްނުމަކަށް ގެނައުމަށްޓަކައި، ކުރަންޖެހޭ ކަންތައްތައް ކުރުން.

6.          ރާއްޖޭގައި ކުދި ފަންތިއާއި، މެދު ފަންތީގެ ވިޔަފާރިތައް (ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިޒަސް) ތަރައްޤީކުރުމުގެ މަސައްކަތްތައް އެއްފުރާޅެއްގެދަށަށް ގެނެސް، މިފަދަ ވިޔަފާރިތަކަށް ބޭނުންވާ މާލީ އަދި ފަންނީ ލަފާ ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމުކޮށް، ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިޒަސްއަށް ބޭނުންވާ ސިޔާސަތުތަކާއި ގަވާއިދުތައް ހަދައި ހިންގުން.

7.          ރާއްޖޭގައި ބިދޭސީން އަމިއްލައަށް ވިޔަފާރި ހިންގުމާއި، ރާއްޖޭގައި ދިވެހިންނާ ގުޅިގެން ބިދޭސީން ވިޔަފާރި ހިންގުމާއި، އިންވެސްޓްކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި، އެ އިންވެސްޓްމަންޓުތައް ރަޖިސްޓަރީ ކުރުމާއި، މިކަންކަމާގުޅިގެން ހިންގަންޖެހޭ ކަންތައްތައް ގަވާއިދުން ހިންގައި ބެލެހެއްޓުން.

8.          އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދާއިރާތަކަށް ބޭނުންވާ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.

9.          ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި، ރާއްޖޭގައި އުފެދޭ އަދި އުފައްދާ ތަކެތި ގަނެ ވިއްކުމުގެ ވިޔަފާރީގެ ކަންތައްތައް ބެލެހެއްޓުން.

10.     ރާއްޖެއަށް މުދާ އެތެރެކުރުމާއި، ރާއްޖެއިން މުދާ ބޭރުކުރުމާބެހޭ ގަވާއިދުތައް ހަދައި ހިންގުން.

11.     ވިޔަފާރިއާގުޅޭ ޤައުމީ މިންގަނޑުތައް އެކުލަވާލުމާއި، މިނެކިރުމާއި، މިންއެޅުމުގެ ވަޒަންތައް ކަނޑައަޅައި ބެލެހެއްޓުން.

12.     އާމްދަނީ ހޯދުމުގެގޮތުން، ވިޔަފާރީގެ އުޞޫލުން ވިއްކުމަށް އުފެއްދޭ ތަކެތި ވިއްކުމާއި، ދެވޭ ޚިދުމަތްތައް ވިޔަފާރީގެ އުޞޫލުން ދިނުމާބެހޭ ގަވާއިދުތައްހަދައި، އެކަންކަމަށް ދޫކުރެވޭ ރަޖިސްޓްރޭޝަން ހެދުމާއި، ލައިސަންސް ދޫކުރުމާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

13.     ދިވެހިރާއްޖޭގައި ހިންގާ ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވްސް ރަޖިސްޓަރީކުރުމާއި، މިކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގުން.

14.     ރާއްޖޭގައި އިންވެސްޓްކުރުމާބެހޭ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރަމުންދޭތޯ ބެލުމާއި، އިންވެސްޓްމަންޓްތަކާ ބެހޭ މަޢުލޫމާތުގެ އަލީގައި ދާއިރާގެ ސިޔާސަތު ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުން.

15.     ޤާނޫނު ނަންބަރު 2010/23 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެގަވާއިދުތައް ހިންގުން.

16.     ޓްރޭޑްމާރކް، ލޯގޯ، ޑިޒައިން، ޕޭޓަންޓް ރައިޓްސް ފަދަ ފިކުރީ މުދަލުގެ ޙައްޤުތަކާ ބެހޭގޮތުން ނުކުންނަ ތަފާތު މައްސަލަތައް ބަލައި، އެކަމުގައި ހިމެނޭ ހުރިހައި ފަރާތްތަކެއްގެ މަޞްލަޙަތައް ވިސްނައިގެން، ބައިނަލްއަޤްވާމީ ގަވާއިދުތަކާއި، އުޞޫލުތަކާ އެއްގޮތަށް އެކަންތައްތައް ނިންމުމާ ގުޅޭގޮތުން ހިންގަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ހިންގުމަށް ކުރަންޖެހޭ ކަންތައްތައްކުރުން.

17.     އިޤްތިޞާދީ އެއްބާރުލުމާބެހޭ ބައިނަލްއަޤްވާމީ ވިޔަފާރި ޖަމްޢިއްޔާތަކުގެ ތެރެއިން، ރާއްޖެ ބައިވެރިވާ ޖަމްޢިއްޔާތަކުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ޙަރަކާތްތެރިވުން.

18.     ސަރުކާރުގެ އެކި އިދާރާތަކުން ރާވައި ހިންގަން ގަސްތުކުރާ އިންފްރާސްޓްރަކްޗަރުގެ ބޮޑެތި މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު އެ އިދާރާތަކުން ހުށަހެޅުމުން، އެ މަޝްރޫޢުތަކަށް ބޭނުންވާ އިންވެސްޓްމަންޓްތައް ރާއްޖެއިންނާއި، ރާއްޖެއިންބޭރުން ހޯދުމުގެ މަސައްކަތްކުރުން. އަދި، އެފަދަ އިންވެސްޓްމަންޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރެވެންދެން އެކަމާގުޅޭ މަސައްކަތްތައްކުރުން.

19.     ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދާއިރާތައްކަމަށް އިކޮނޮމިކް ކައުންސިލުން ކަނޑައަޅައި އިސްކަންދީފައިވާ ތަރުތީބުން އެ ދާއިރާތަކަށް ރާއްޖޭގެ އިންވެސްޓަރުންނާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ހޯދުމުގެ މަސައްކަތްކުރުން.

20. މަލްޓިލެޓަރަލް، ރީޖަނަލް އަދި ބައިލެޓަރަލް ފަންތީގައި ދިވެހިރާއްޖޭގެ ވިޔަފާރިއާއި، އިންވެސްޓްމަންޓުތައް ޤާއިމުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމާއި، މި މަސައްކަތްތައް ފުޅާކުރުމާއި ކަމާބެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

21.     ދިވެހިރާއްޖޭގައި މަސައްކަތްކުރުމާއި، މަސައްކަތްކުރުވުމުގެ ޤައުމީ ސިޔާސަތު އެކަށައަޅައި ހިންގުން.

22.     ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ތަންފީޒުކުރުމަށްޓަކައި، މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.

23.     ދިވެހިންނަށް ވަޒީފާއާއި، މަސައްކަތުގެ ފުރުސަތު އިތުރުކުރުމަށް މަސައްކަތްކުރުން.

24.     މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހިން، އާމްދަނީ ލިބޭފަދަ މަސައްކަތެއް ކުރުމަށް ބާރު އެޅުމަށާއި، މަސައްކަތަށް އަހުލުވެރިކުރުމަށްޓަކައި ޕްރޮގްރާމްތައް ރާވައި ހިންގުން.

25.     މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެންހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ޚިޔާރުކުރުމަށް ލަފަޔާއި، އިރުޝާދުދެވޭނެ ގޮތްތައް ރާވައި ހިންގުން.

26.     މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ކުރާނެ ސްކިލްޑް އަދި ސެމީ-ސްކިލްޑް މަސައްކަތްތައް ދަސްކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، އެކިއެކި ވަޒީފާތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި، ހުނަރުވެރިކަން ދަސްކުރުމުގެ ފުރުސަތުތައް ބޭނުންކުރުމުގައި އެހީތެރިވުން.

27.     ވަޒީފާދޭ ފަރާތްތަކާއި، ދިވެހިންކުރެ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތައް ރާވައި ހިންގުން.

28.     ވަޒީފާ އަދާކުރާ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހި ކުރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.

29.     ރާއްޖޭގެ މަސައްކަތާއި ވަޒީފާގެ މާޙައުލަކީ ޞިއްޙީގޮތުން ސަލާމަތްކަންބޮޑު، ރައްކާތެރި މާޙައުލަކަށް ހެދުމަށްޓަކައި ހަދަންޖެހޭ ޤާނޫނުތަކާއި، ގަވާއިދުތަކުގެ ދެލިކޮޕީ އެކުލަވާލުމުގައި ބޭނުންވާ ކޮންސެޕްޓް ކަރުދާސްތައް ތައްޔާރުކުރުން.

30.     ރާއްޖެއިން ބޭރުގެ ވަޒީފާތަކަށް ދިވެހިން ފޮނުވުމާބެހޭ ސިޔާސަތު އެކަށައަޅައި، އެ ސިޔާސަތު ހިންގުން.

31.     ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި، ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި، އެކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.

32.     ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންކަން ހިންގައި ވިލަރެސްކުރުން.

33.     ވަޒީފާގެ ބާޒާރާބެހޭ ތަފާސް ހިސާބު ބެލެހެއްޓުމާއި، ދިރާސާތައް ކުރުމާއި، ވަޒީފާގެ ބާޒާރާބެހޭ މަޢުލޫމާތު ޝާއިޢުކޮށް، ޢާންމުކޮށް ލިބޭނެ ނިޒާމެއް ހަމަޖެއްސުން.

34.     ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތަކުގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ހިފުމާބެހޭ ސިޔާސަތުތައް އެކަށައެޅުމާއި، އެ ސިޔާސަތުތަކާގުޅޭ ރޭވުންތައް ރޭވުމާއި، އެ ސިޔާސަތުތަކަށާއި ރޭވުންތަކަށް ޢަމަލީސިފަ ގެނައުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.

35.     މުޖްތަމަޢު ބިނާކުރުމުގައި، އެކިއެކި ކަންތައްކުރުމަށް ބޭނުންވާ ޤާބިލް މީހުން އުފެއްދުމަށްޓަކައި ސަރުކާރުގެ އެކި ފަރާތްތަކުންނާއި، އަމިއްލަ ފަރާތްތަކުން ކުރާ އެކިއެކި މަސައްކަތުގައި މިނިސްޓްރީގެ ފަރާތުން އެހީތެރިވެދިނުން.

36.     އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންއާ ގުޅޭގޮތުން ރާއްޖެއިން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.

37.     ބޭރުގެ ވޮލަންޓިއަރުން ރާއްޖެއަށް ގެނައުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް ހެދުން.

38.     މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

1.      ލެބަރ ރިލޭޝަންސް އޮތޯރިޓީ

2.      އިންވެސްޓް މޯލްޑިވްސް

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް

1.      ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)އާ އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުންނާއި ވަޒީފާއަދާކުރާ ފަރާތްތަކުން އަމަލުކުރަމުންދޭތޯ ބަލައި، އެކަންކަން ތަންފީޒުކުރުމަށްޓަކައި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

2.      ޤާނޫނު ނަންބަރު 2008/2 އާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ހޭލުންތެރިކަން އިތުރުކުރުން.

3.      ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތާއި ލަފާދިނުން.

4.      ޤާނޫނު ނަންބަރު 2008/2 އާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައި ހިމެނިގެންނުވާ ކަންތައްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި މައްސަލަތަކާއި، އެފަދަ ކަންކަމުން ނަހަމަގޮތުގައި ފައިދާ ނަގާނަމަ، އެކަންކަން މިނިސްޓަރަށް އެންގުން.

5.      ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކާ ދެމެދު މުޢާމަލާތުކުރުމުގައި ޢަމަލުކުރާނެ ގަވާއިދުތައް ހެދުން.

6.      ޤާނޫނު ނަންބަރު 2008/2 އާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައިވާ ކަންކަން ރަނގަޅަށް ތަންފީޒުކުރެވެމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން، މަސައްކަތްކުރާ ތަންތަން ދޭތެރެދޭތެރެއިން ބަލައި ޗެކްކުރުން.

7.      ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާފަރާތާއި ދެމެދުގައިޖެހޭ މައްސަލަތަކަށް އަވަސް އަދި ޞުލްޙަވެރި ހައްލެއް ހޯދައިދެވޭނެ ގޮތްތައް ރާވައި ހިންގުން.

8.      ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވަޒީފާއާއި މަސައްކަތާ ގުޅުން ހުރި ކަންކަން ބަލައި މޮނިޓަރ ކުރުން.

9.      މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކުގެ ޖަމްޢިއްޔާތަކާގުޅޭ މުޢާމަލާތުތައް ކުރުން.

10. ލޭބަރ ރިލޭޝަންސް އޮތޯރިޓީއާ ގުޅުން ހުރި ކަންކަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ މުޢާމަލާތުކުރުން.

އިންވެސްޓް މޯލްޑިވްސްގެ މަސައްކަތްތައް

މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން އަންނަނިވި ކަންކަން ކުރުން:

1.      ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓުކުރާ މިންވަރު އިތުރުކުރުމަށް ޓަކައި ކޮންފަރަންސްތަކާއި ސެމިނާރުތައް ރާއްޖެއާއި ބޭރުގެ ޤައުމުތަކުގައި ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމާއި، އިންވެސްޓްމަންޓް ޕްރޮމޯޝަންގެ އެހެނިހެން ހަރަކާތްތައް ހިންގުމާއި، ބޭރުގެ އިންވެސްޓަރުންނާ ދިވެހި ވިޔަފާރިތަކާ އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ހަރަކާތްތައް ހިންގުން.

2.      ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިކަން ފާޅުކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއާ ގުޅޭ މަޢުލޫމާތާއި، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި،   އެ ފަރާތްތަކުން ރާއްޖޭގައި ވިޔަފާރި ފެށުމަށް ނުވަތަ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

3.      ސަރުކާރުން ރާވައި ހިންގަން ކަނޑައަޅާ ބޮޑެތި މަޝްރޫޢުތަކުގެ އިންވެސްޓްމަންޓްތައް ޕްރޮމޯޓު ކުރުމުގެ  މަސައްކަތްތައް ކުރުން.

4.      ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދާއިރާތައްކަމަށް އިކޮނޮމިކް ކައުންސިލުން ކަނޑައަޅައި އިސްކަންދީފައިވާ ތަރުތީބުން އެ ދާއިރާތައް ރާއްޖޭގެ އިންވެސްޓަރުންނާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ޕްރޮމޯޓްކުރުން.

5.      ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓަރުން އިތުރުކުރުމަށް ޓަކައި ޤައުމުތަކުގެ ސަރުކާރުތަކާއި ސަރަޙައްދީ އަދި މަލްޓިލެޓަރަލް އިދާރާތަކާއި ޖަމާޢަތްތަކާއެކުގައި ހަރަކާތްތައް ހިންގުން.

6.      ރާއްޖޭގައި ބިދޭސީން އަމިއްލައަށް ވިޔަފާރި ހިންގުމަށާއި، ރާއްޖޭގައި ދިވެހިންނާ ގުޅިގެން ބިދޭސީން ވިޔަފާރި ހިންގުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތައް ދިރާސާކޮށް (އެޕްރެއިޒްކޮށް)،        އެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުއްދަދިނުމާއި، މިކަންކަމާ ގުޅިގެން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

7.      ސަރުކާރުން ކުރިޔަށްގެންދަން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ އުސޫލުން ކުރިޔަށް ގެންދަން ކަނޑައަޅާ މަޝްރޫޢުތަކަށް، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު އިންވެސްޓަރުން ހޯދުމާއި، އެ މަޝްރޫޢުތަކަށް އިންވެސްޓްމަންޓް ހަމަޖެހެންދެން ޓްރާންސެކްޝަން ޕްރޮސެސް މެނޭޖްކުރުން.

8.      އަންސޮލިސިޓެޑް ޕްރޮޕޯޒަލް ޕޮލިސީގެ ދަށުން ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތަކާ ގުޅޭ އިދާރީ މަސައްކަތްތައް ހިންގުން.

9.      އިންވެސްޓްމަންޓްތަކާބެހޭ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތުގެ ބޭނުންކޮށްގެން ކަމާބެހޭ ދިރާސާތައް ކުރުން.

10. ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެނޫން ޤާނޫނުތަކުން ބޯޑް އޮފް އިންވެސްޓްމަންޓުގެ މަސްއޫލިއްޔަތު ކަމުގައި ހަމަޖައްސާ ކަންތައްތައް އިދާރީގޮތުން ހިންގައި ބެލެހެއްޓުމާއި، އެ ބޯޑަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ފަންނީ އެހީތެރިކަމާއި އެހެނިހެން އެހީތެރިކަން ދިނުން.

11. ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޛު ކުރުމުގައި ބޯޑް އޮފް އިންވެސްޓްމަންޓަށް އެހީތެރިވެދިނުން.

12. ބޯޑް އޮފް އިންވެސްޓްމަންޓުން އެކުލަވައިލާ ޓެކްނިކަލް ކޮމިޓީގެ ކަންތައްތައް އިދާރީގޮތުން ހިންގައި ބެލެހެއްޓުމާއި، އެ ކޮމިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެހެނިހެން އެހީތެރިކަން ދިނުމާއި، ބޯޑް އޮފް އިންވެސްޓްމަންޓާއި ޓެކްނިކަލް ކޮމިޓީއާ ދޭތެރޭގައި ވިލަރެސްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން.

13. ބޯޑް އޮފް އިންވެސްޓްމަންޓްގެ ނިންމުންތައް ތަންފީޛު ކުރުން.