އަލްފާޟިލާ އާމިނަތު ސާމިޔާ
މ.ކެލްވީނިއާ

ފެހުމަކީ، އަންހެނުންނަށް ވަރަށް ޚާއްޞަ މަސައްކަތެކޭ ދެންނެވިދާނެއެވެ. ހަމަގައިމުވެސް ރާއްޖޭގައި މިކަންއޮތީ، މިހެންނެއެވެ. އަލްފާޟިލާ އާމިނަތު ސާމިޔާއަކީ، އަންހެނުންގެ ހެދުން ފެހުމަށް ވަކިން ޚާއްޞަކޮށް ކުޑަކުދިންގެ ހެދުން ފެހުމަށް މަޝްހޫރު ޖިންސުއްލަޠީފެކެވެ. އޭނާ އެންމެ ފުރަތަމަ ފަހަން ދަސްކުރެއްވީ، މީގެ އަށާރަ ވަރަކަށް އަހަރު ކުރިންނެވެ. ވަރަށް ގިނަ ވައްތަރުގެ ހެދުން ފައްސަވަން އޭނާ ދެނެލައްވައެވެ. އެންމެ ރަނގަޅަށް ފެއްސެވެނީ، ކުޑަކުދިންގެ ހެދުމެވެ. ފެއްސެވުމުގެ ރޮނގުގައި މަސައްކަތްކުރައްވައިގެން ދިވެހިރާއްޖޭގެ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މަޢުރަޟުގައި، ކުޑަކުދިންގެ ހެދުން ފެހުމުން ދެފަހަރެއްގެ މަތިން 1 ވަނަ އަށް ގޮސްގެން، އިނާމާއި ސަނަދު ލިބިލައްވާފައިވެއެވެ.

1984 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން، ފެހުމުގެ މަސައްކަތުގައި، އޭނާގެ ދަށުން 5 އަންހެން ކުދިންނަށް މުސާރަދީގެން، ދުވާލަކު އެތައް ހެދުމެއް ބާޒާރަށް ނެރުއްވާކަމަށްވެއެވެ. މިހާރު އެމަސައްކަތްކުރައްވަމުން ގެންދަވަނީ، ފެކްޓްރީ އުސޫލުންނެވެ. އޭނާގެ ފެކްޓްރީން ފައްސަވާ ވަރަށް ގިނަ އެއްޗެހި ވިއްކަވަނީ، އޭނާގެ ފިރިމީހާގެ ފިހާރަކަމުގައިވާ ކެލްވިން ޓެކްސްޓައިލްސްގައި ބަހައްޓަވައިގެންނެވެ.