އަލްފާޟިލް ޢަލި މަނިކު
ހ.ސީޓްމާގެ

އަލްފާޟިލް ޢަލި މަނިކަކީ، ޒުވާން ވަޑިއެކެވެ. އޭނާވަނީ، ރާއްޖޭގައި ބޭއްވުނު އަތްތެރި މަސައްކަތުގެ މަޢުރަޟުގައި، ވަޑާމުގެ މަސައްކަތުން ވިދިވިދިގެން 3 އަހަރު އެއްވަނަ ހޯދާފައެވެ.

ޢަލިމަނިކު ބުނުއްވާގޮތުގައި، އޭނާ ވަޑާމުގެ މަސައްކަތް ފެށްޓެވީ، މަޝްހޫރު އަލިއާ ފަރުނީޗަރ މާރޓްގައެވެ. މިހާރުވެސް އޭނާގެ ގޭގައި ވަޑާންކުރުމުގެ މަސައްކަތް އަމިއްލައަށްވެސް ކުރައްވަމުން ގެންދަވައެވެ.

ޢަލިމަނިކު ވިދާޅުވިގޮތުގައި އޭނާ ވަޑާމުގެ މަސައްކަތް ފެށްޓެވި ދައުރާއި މިހާރާ އަޅާ ބަލާއިރު، ރާއްޖޭގައި ކުރިން ވަޑާމަށް ބޭނުންކޮށް އުޅުނު ސާމާނު ދޫކޮށް، މިޒަމާނުގެ މެޝިނަރީ (ކަރަންޓް ބުރުމާއާއި، ކަރަންޓް ކީސް) އަށް ބަދަލުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން، އޭނާ ދެކެލައްވާގޮތުގައި ރާއްޖޭގެ ވަޑާމުގެ މަސްތަޤްބަލް އޮތީ،  ކެރޭ ހީވާގި ބަޔަކަށްޓަކައި ވަރަށް އަލިކޮށެވެ.

ޢަލިމަނިކުގެ ބެއްލެވުމުގެ ދަށުން ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި، ޣާޒީ ބިލްޑިންގގެ ޕާރޓިޝަން ހެދުމާއި، ދޮރުފަތްތައް ޖަހައި ހަރުކޮށް ހެދުން ހިމެނެއެވެ. ހުޅުލޭ އެއަރޕޯޓްގެ ޕާރޓިޝަން ހައްދަވައި، ކައުންޓަރުތައް ޖަހައި ހެދުންވެސް ހިމެނެއެވެ.