އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު

 ބޭރުބަހުން، ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ މަސައްކަތް މުޙަންމަދު ރަޝީދު ފެށްޓެވީ 1984 ވަނަ އަހަރުގެ ތެރޭގައެވެ. އުރުދޫބަހަކީ، ދަސްކުރަން ފަސޭހަ ބަހަކަށްވާތީ، އުރުދޫބަސް ކޮންމެވެސްވަރަކަށް އެނގިލެއްވުމުން އުނދަގުލަކާނުލައި ކުރިއަށް ވަޑައިގަތުމުގެ ދޮރު ހުޅުވުނު ކަމަށް އޭނާ ބުނުއްވައެވެ.

ދިވެހިބަސް މުއްސަނދި ކުރެއްވުމުގެ ނިޔަތުގައި ފެށްޓެވި މި މަސައްކަތުގައި މިހާތަނަށް 22 ވާހަކަ ތަރުޖަމާ ކުރައްވާފައިވެއެވެ. އެއީ ލޯބީގެ ވާހަކައާއި ޖާސޫސީ ވާހަކައެވެ. ގިނައިން ތަރުޖަމާ ކުރައްވާފައިވަނީ ލޯބީގެ ވާހަކައެވެ. މިހާރުވެސް ލޯބީގެ ވާހަކައެއް ތަރުޖަމާ ކުރައްވަމުން އެބަގެންދަވައެވެ.

އަމިއްލަ މާދަރީބަހާމެދު އޭނާގެ ހިތުގައި އުފެދިފައިވާ ޤަދަރެއްގެ ބޮޑުކަމުން، މުސްތަޤްބަލުގައި އިތުރު ބޭރު ބަހެއް ދަސްކުރައްވައިގެން، ތަރުޖަމާ ކުރުމުގެ ދާއިރާ ފުޅާކުރައްވަން ގަސްދުކުރައްވާ ކަމަށް އޭެނާ ބުނުއްވައެވެ.

ދިވެހިބަހަށް ޚިދުމަތް ކުރެއްވުމުގެ ގޮތުން ފެށްޓެވި މި މަސައްކަތުގެ ތެރޭގައި ޚިޔާލީ ވާހަކަ ލިޔުއްވުންވެސް ކުރިއަށް ގެންދަވަން ގަސްދުކުރައްވައެވެ. މިގޮތުން އަދި މިހާތަނަށް ލިޔުއްވާފައިވަނީ އެންމެ ވާހަކައެއް ކަމަށްވެސް އޭނާ ބުނުއްވައެވެ.