މިވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑުގައި ޚިދްމަތް ކުރެއްވި ބޭފުޅުން ކުރެއްވި ޚިދްމަތްތަކުން ފެނިގެންދަނީ، ޤައުމަށްޓަކައި އެބޭފުޅުންގެ ހިތްޕުޅުގައި އޮތް ލޯބި ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ ރަން ޔޫބީލް މުނާސަބަތުގައި، ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑަށް ޚިދްމަތް ކުރެއްވި ބޭފުޅުން، ޚިދްމަތް ކުރައްވަމުން ގެންދެވީ، އެބޭފުޅުންނަށް ލިބިވަޑައިގެންނެވި މުސާރައަކަށް ބައްލަވައިގެން ނޫން ކަމަށެވެ.

ޤައުމެއް ބިނާކުރުމުގައި، އެންމެ މުހިންމު ބާރުތަކަކީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް ނުވަތަ މިނިސްޓަރުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަނި ނޫންކަން، މިރޭ އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ކަމަށާއި، ޤައުމު ބިނާކޮށްދެއްވުމަށް އެތައް ބޭފުޅުންނެއް ވަރަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާކަން މިރޭ ސާބިތުވެގެން ހިނގައްޖެ ކަމުގައި ނައިބު ރައީސް ވިދާޅުވެއްޖެއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑުގައި ޚިދްމަތް ކުރެއްވި ބޭފުޅުން، ވަރަށްގިނަ އަގުހުރި މަޢުލޫމާތުތަކެއް ރައްޔިތުންނާ ވަނީ ޙިއްޞާ ކުރައްވާފައި ކަމަށް ވިދާޅުވެ، އެހުރިހާ ބޭފުޅުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މިއީ ޤައުމުދެކެ ލޯބިވާ ދިވެހި ދަރިން ކޮށްފައިވާ ޖިހާދެކެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި ރޭޑިއޯގެ ޚިދްމަތް ފަށްޓަވައިދެއްވި އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު، ދިވެހިރާއްޖޭގެ އަޑަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދްމަތްތަކާއި އަދި އޭގެފަހުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ އަޑުގެ ތަރައްޤީއަށާއި ކުރިއެރުމަށް ކޮށްދެއްވާފައިވާ ޚިދްމަތްތައް، ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. މިއިން ކޮންމެ ބޭފުޅަކުވެސް މަސައްކަތްޕުޅު ކުރައްވާފައިވަނީ، ދިވެހި ޤައުމަށްޓަކައި ކަމަށާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރައްވައި، ރޭޑިއޯގެ ޛަރީޢާއިން ރައްޔިތުންނަށް އުނގަންނަވައި ދެއްވަންޖެހޭ ކަންކަން އުނގަންނައިދެއްވުމަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި، ދިވެހިރާއްޖޭގެ އަޑުގެ 50 އަހަރުގެ ދިގު މާޒީގައި ފާހަގަކުރެވޭ ޚިދްމަތްތައް ކޮށްދެއްވި އެކި ބޭފުޅުންނަށް ހަނދާނީ ފިލައާއި، ޝަރަފްގެ އައްޑަނަ އެރުއްވިއެވެ. މިގޮތުން، މިވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ވަރަށް ޚާއްޞަ ޚިދްމަތްތަކެއް ކޮށްދެއްވި ހަތަރު ބޭފުޅަކަށް، ޚިދްމަތުގެ ރަން ހަނދާނުގެ ޝަރަފުގެ އައްޑަނަ ދެއްވީ، ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނެވެ. މި އައްޑަނަ ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންނަކީ، އަލްފާޟިލް ސަމަރުބްލޫ އިބްރާހީމް މަނިކާއި، އަލްފާޟިލް ބަދުރުއްނަޞީރާއި، އަލްފާޟިލް މައިޒާން އަޙްމަދު މަނިކާއި، އަލްފާޟިލް ކޮނޑޭ ޢަލިމަނިކެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ޚިދްމަތުގައި ދެމިހުންނަވަނިކޮށް، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ޝަހީދުކޮށްލި ޝަހީދު އިސްމާޢީލް ޙަލީމްގެ ޚިދްމަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ދެއްވީވެސް ނައިބު ރައީސެވެ.

މި ޖަލްސާގައި [ދިވެހިރާއްޖޭގެ އަޑު ޤައުމީ ޚިދްމަތުގައި 50 އަހަރު] މިފޮތް ނެރުއްވައިދެއްވީވެސް ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނެވެ.