ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމު ކުރިތާ 40 އަހަރު ފުރުމުމުގެ މުނާސަބަތުގައި ރޭ ޓްރޭޑަރޒް ހޮޓެލްގައި ބޭއްވެވި ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ބައިވެރިވެވަޑައިގެންފިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވިއެވެ. އަދި، ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމު ކުރިތާ 40 އަހަރު ފުރުނު ކަމުގައި ވީނަމަވެސް، ދެ ޤައުމުގެ ދެމެދުގައިވާ ތާރީޚީ ގުޅުން އެތައް ޒަމާނަކަށް ދެމިގެންގޮސްފައިވާ ކަމުގެ ހެކި އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޗައިނާއަކީ ވަރަށް ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި ރާއްޖެއިން އަބަދުވެސް ދެކެމުންދާ ކަމަށާއި، ރާއްޖޭގެ ޡަޤާފީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ޗައިނާއިން ވެދީފައިވާ އެހީތަކަކީ، ގުނާ ޢަދަދު ނުކުރެވޭ ވަރުގެ އެހީތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޗައިނާއަކީ ރާއްޖޭގެ ވިޔަފާރީގެވެސް ވަރަށް ބޮޑު ބައިވެރިއެއް ކަމަށާއި، ރާއްޖެއަށް ފަހަކަށްއައިސް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއްޤައުމަކީ ޗައިނާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ރާއްޖޭގެ ގެދޮރު ޢިމާރާތްކުރުމަށާއި، ޢުމްރާނީ އެހެނިހެން މަޝްރޫޢުތަކުގައިވެސް ޗައިނާގެ ބައިވެރިވުން ވަރަށް ބޮޑުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާއާއި ރާއްޖެއާ ދެމެދުގެ ގުޅުން ކުރިއަށް އޮތްތާނގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެ، ޗައިނާއިން ރާއްޖެއަށް ވެދީފައިވާ ގިނަގުނަ އެހީތަކަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޙްލާސްތެރިކަމާއެކުގައި ޝުކުރުއަދާކުރެއްވިއެވެ. އަދި، ރާއްޖެއިން ޗައިނާއަށް ވެދެއްވެން އޮތްހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.