2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގެ ޙާދިޘާއިން ޢިބްރަތް ޙާޞިލުކޮށް، އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިންތިޒާމު ކުރައްވައިގެން، މިއަދު ހެނދުނު އިސްލާމީ މަރްކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެދުވަހަކީ ހިތާމަވެރި އަދި އަސަރުގަދަ ދުވަހެއް ކަމަށް ވިދާޅުވެ، އެދުވަހު ދިވެހިން ދައްކައިދިން އެއްބައިވަންތަކަން ހަނދާނަށް ގެނެސް، ދިވެހިންގެ މެދުގައި އޮންނަންވާ އުޚުއްވަތްތެރިކަން ވަރުގަދަ ކުރުމަށް، ހުރިހާ ފަރާތްތަކަކުން މަސައްކަތް ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިންގެ މެދުގައި އޮންނަންވީ އިސްލާމީ އަދި ޤައުމީ އެއްބައިވަންތަކަން، އެދުވަހުވަނީ ވަރަށް ރީތިކޮށް ފެނިގެން ގޮސްފައިކަން ފާހަގަކުރެއްވިއެވެ. އަދި އެ ބޮޑު ނުރައްކަލާ ކުރިމަތިލާން ޖެހުނުހިނދު، އެ އެއްބައިވަންތަކަން އަޅުގަނޑުމެންގެ ކިބައިން ނުފެނުނުނަމަ، ލިބިގެންދިޔަ ބޮޑެތި ގެއްލުންތަކުން ސަލާމަތްވެ، ޤައުމު އާރާސްތު ކުރަން މާގިނަ ދުވަސް ހޭދަކުރަން ޖެހުނީސް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސުނާމީ ކާރިސާއަކީ އެ ހަނދާންތައް އަންނަ ކޮންމެފަހަރަކު، ދިވެހިންގެ ހިތްތައް ރޮއްވާލާ ކާރިސާއެއް ކަމަށް ސިފަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަދިވެސް ވިދާޅުވިއެވެ. [ސުނާމީ ކާރިސާއަކީ ގިނަ ރައްޔިތުންތަކެއްގެ ދިރިއުޅުން، މުޅިން އަލުން ފަށަން ޖެހުނު ދުވަހެއް. ގޯތިގެދޮރު ހަލާކުވެ، ދަނޑުތައް ހަލާކުވެ، އޮޑިދޯނިފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ދުވަހެއް. ނިޔާވެފައިވާ ފަރާތްތައް ވަޅުލެވޭނެ ގޮތެއް ނެތިފައި ތިބެން ޖެހުނު ދުވަހެއް. ޖިސްމާނީ ގޮތުން ލިބުނު ބޮޑެތި އަނިޔާތަކުގެ އިތުރުން، ނަފްސާނީ ގޮތުން ވަރަށް ބޮޑެތި އަސަރުތަކެއް އަޅުގަނޑުމެންނަށް ކޮށްފައިވާ ދުވަހެއް. އެދުވަހު ދިވެހި ހުރިހާ ރައްޔިތުން ގުޅިގެން ކުރި ބުރަ މަސައްކަތަކީ، މި ޤައުމު އަލުން އާރާސްތު ކުރުމަށް ލިބިގެންދިޔަ އެންމެބޮޑު ބާރު.]

މިއަދު ސުނާމީ ކާރިސާއަށް 8 އަހަރު ފުރިގެންދާއިރު، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަން އޮތްގޮތާމެދު ސުވާލު އުފެދޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ފެންނަ މަންޒަރުތަކާއި، އިވެމުންދާ އަޑުތަކުން އަދި ދެކެވޭ ވާހަކަތަކާއި، ލިޔެވޭ ލިޔުންތަކާއި، ކުރެހޭ ކުރެހުންތަކުން ފެންނަމުންދަނީ، އުޚުއްވަތްތެރިކަމުގެ ފޭރާން ބާވެ، ހަލާކުވެފައިވާ މިންވަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ފެންނަ މަންޒަރުތަކާއި، އިވެމުންދާ އަޑުތަކުން އަދި ދެކެވޭ ވާހަކަތަކާއި، ލިޔެވޭ ލިޔުންތަކާއި، ކުރެހޭ ކުރެހުންތަކުން ފެންނަމުންދަނީ އުޚުއްވަތްތެރިކަމުގެ ފޭރާން ވީދި ހަލާކުވެފައިވާ މިންވަރެވެ. ސިޔާސީ އަމިއްލަ މަންފާއަށްޓަކައި މުޅި ޤައުމު ހަލާކުގެތެރެއަށް ވައްޓާލަން ކުރެވޭ މަސައްކަތްތަކެވެ. އަމިއްލަ މަޞްލަޙަތުގެ ކުރިމަތީގައި ޤައުމުގެ މަޞްލަޙަތު ފަހަށްޖައްސާލެވޭ ތަނެވެ. މިއީ ހިތާމަހުރި ކަމެކެވެ. މިއީ އަޅުގަނޑުމެން ވިސްނައި ފިކުރުކޮށް، އިޞްލާޙުކޮށް ރަނގަޅުކުރަން ޖެހިފައިވާ ކަމެކެވެ.

ހީނަރުވެފައިވާ ޤައުމީ އެއްބައިވަންތަކަން ދިރުވައި އާލާކުރުމަކީ، ކޮންމެ ދިވެހި ރައްޔިތެއްގެ މަސްއޫލިއްޔަތެއްކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވަމުން، މިފަދަ ޙާލަތަކަށް ޤައުމެއް ވެއްޓިގެންދާހިނދު، އޭގެ ހަމައިސްކޮޅަށް ތެދުވުމަށްޓަކައި، ކުރެވޭ މަސައްކަތްތަކަށް އެއްވެސް ޢުޒުރެއް އޮވެގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ އެއަށްވުރެ މާބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. ފަރުދީ ޒިންމާއަށް ފަސްނުޖެހި، އެއްބައިވަންތަ ކަމަށްޓަކައި އަމިއްލަ މަޞްލަޙަތަށްވުރެ ކުރިއަށް، ޤައުމީ މަޞްލަޙަތު އިސްކުރަން އެބަޖެހޭ ކަމަށެވެ. އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދި، ފިތުނައިގެ އަލިފާންގަނޑުތައް ބޮޑުވެ އަނދަމުންދާނަމަ، އެ ހޫނުގެ ނޭދެވޭ އަސަރު، މިޤައުމަށް ނުކޮށް ނުދާނެކަން ގަބޫލުކުރަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވިއެވެ. އަދި ޤައުމުގެ އެއްބައިވަންތަކަން ހީނަރުވާ ކޮންމެ ވަގުތަކީ، ބޭރުގެ ނުފޫޒުތަކަށް ފުރްޞަތުދެވޭ ވަގުތު ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، އަޅުގަނޑުމެންނަށް ތަރައްޤީއާއި ކާމިޔާބީގެ އުސް ހަރުފަތްތައް ގިރާކުރެވޭނީ، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ، ވާގިވެރިވެގެންކަމާއި، އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތު ކުރުމުގައި، ރީތި އަދަބުތަކާއި، އަޚްލާޤީ ރީތި ސިފަތައް ގެންގުޅެގެންކަން ހަނދާންކޮށްދެއްވަމުންނެވެ. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާ ގުޅުންތަކަށް ބުރޫއަރާފާނެ ހުރިހާ ކަމަކުން ދުރުހެލިވެގެން، ލޭގެ ގުޅުމާއި، އަވަށްޓެރިކަމުގެ ގުޅުމާއި، އިޖްތިމާޢީ ގުޅުންތައް ދަމަހައްޓައި، އިޙްތިރާމްކޮށްގެންކަންވެސް ހަނދާންކޮށްދެއްވަމުންނެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، މިއަދު ހެނދުނު އިސްލާމީ މަރްކަޒުގައި ބޭއްވެވި ޖަލްސާގައި، ކާރިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމުގެ ދާއިރާގައި ބޭނުންކުރާ އިސްތިލާޙުތައް ހިމެނޭ ފޮތެއް، ރައީސުލްޖުމްހޫރިއްޔާ ނެރުއްވައިދެއްވިއެވެ.