ފާނަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު އިފްތިތާޙު ކުރައްވައިފިއެވެ. މި ޕްލޭން އިފްތިތާޙު ކޮށްދެއްވުމަށް މިއަދު ހެނދުނު ނަސަންދުރަ ޕެލަސް ހޮޓެލްގައި އޮތް ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަސްވެރިކަން ރާވައިގެން ބެލެހެއްޓޭ ގޮތަކަށް ޕްލޭނެއް ތައްޔާރުކުރެވި، އެ ޕްލޭން އިފްތިތާޙު ކުރެވޭކަން އެއީ ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރަންޖެހޭ ކަމެއް ކަމަށާއި، މި ޕްލޭންގެ ދަށުން ރާއްޖޭގައި ފާނަ މަސްވެރިކަން ކުރުމުގެ މަސައްކަތް، ދެމެހެއްޓެނިވި ގޮތެއްގައި އަބަދަށް ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްވެރިކަމަކީވެސް ޙައްދެއްނެތި އަޅުގަނޑުމެން ކުރާނެ ގޮތަކަށް ކުރަންއޮތް މަސައްކަތެއް ނޫންކަން އެއީ މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ ޕްލޭނެއް އެކުލަވައިލުމުގެ އެންމެބޮޑު ބޭނުމަކީ، އެކަން ދަނެގެން، މަސްވެރިކަން މެނޭޖްކޮށްގެން ރަނގަޅަށް ހިންގުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފާނަ މަސްވެރިކަމަކީ ފައިދާހުރި މަސްވެރިކަމެއްކަން ފާހަގަކުރައްވަމުން، އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށާއި އަދި އެކަން ތަރައްޤީވެސް ކުރެވޭނެ ކަމަށާއި، އެހެން ނަމަވެސް، އެކަންކަން ކުރެވޭނީ، މިފަދަ ޕްލޭނެއްގެ ދަށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ޕްލޭން ތަންފީޛު ކުރުމުގައި، މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަކުން ވަރަށް އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތް ކޮށްދެއްވަމުން ގެންދެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި މި ޕްލޭނަށް ޢަމަލުކުރަން ފެށުމާ އެކީގައި، މަސްވެރިކަމަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި މެރިން ރިސަރޗް ސެންޓަރުގެ ފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކުރިއަށް ގެންދެވުމަކީވެސް ވަރަށް މުހިންމު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެ އަންނަ ބަދަލުތައް މުޠާލިޢާ ކުރައްވައި، އެ މަޢުލޫމާތުތައް މަސްހިފާ ފަރާތްތަކަށާއި، މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށާއި އަދި ތިމާވެށްޓާބެހޭ އެކިއެކި އެޖެންސީތަކަށް ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ފާނަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން އިފްތިތާޙު ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، މި ޕްލޭން ތައްޔާރުކޮށްދެއްވުމަށް އެހީތެރިވެދެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ހަނދާނީ ފިލާ ދެއްވިއެވެ.