ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ހެންވޭރު ކާރނޭޝަންވިލާ އަލްފާޟިލް މުޙަންމަދު ރަޝީދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. ފަތްކޮޅު ދެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު ދެއްވުމަށްފަހު، މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، މިހާރަށްވުރެ ބޮޑަށް ބަދަހިކުރައްވައި އެކިކަންކަމުގައި ޗައިނާއިން ރާއްޖެއަށް ލިބޭ އެހީތެރިކަން އިތުރުކޮށްދެއްވުމަށް އެދިވަޑައިގަންނެވިއެވެ. އަދި ޤައުމުގެ މަޞްލަޙަތު ރައްކާތެރި ކުރައްވައި، ރައްޔިތުންނަށް އިޚްލާޞްތެރިވެވަޑައިގަތުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

އަލްފާޟިލް މުޙަންމަދު ރަޝީދު، ޗައިނާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިންނެވެ.