ރާއްޖޭގައި ވަޒީރުންގެ މަޖިލީހެއް އުފެދުނުތާ މިއަދު 80 އަހަރު ފުރުމާ ގުޅިގެން، މިކަން ފާހަގަކުރެއްވުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދު ގަސް އިންދަވައިފިއެވެ. މިއަދު ހަވީރު 5 ޖެހިއިރު ސަލްޓަން ޕާކްގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާއި، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ގަސް އިންދެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވަޒީރުންގެ މަޖިލީހުގެ މި ވޭތުވެދިޔަ ދިގު ރާސްތާގައި ޚިދުމަތް ކޮށްދެއްވި މެންބަރުން ރާއްޖެއަށްޓަކައި ވަނީ ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންވެސް އެބަ ތިއްބެވި ކަމަށާއި، އަދި މި ދިގު ތާރީޚުގެ ތެރޭގައި އަންހެން ބޭފުޅުންވެސް އެކި ދުވަސްވަރު ވަޒީރުންގެ މަޖިލީހަށް ޚިދުމަތް ކޮށްދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދަކީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އެކުލަވާލެވުނުތާވެސް 80 އަހަރު ފުރުނު ދުވަސްކަން ފާހަގަކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އެމަޖިލީހުގެ މެންބަރުންނަށްވެސް މިއަދުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވިއެވެ.