މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ކުއްޔަށް ދިނުމަށް 2010 ޖޫން 28 ވަނަ ދުވަހު، ޖީ.އެމް.އާރ އެމް.އޭ.އެޗް.ބީ ކޮންސޯޓިއަމްއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، ދިވެހި ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުން ރޫޅާލުމަށް މިއަދު ސަރުކާރުން ނިންމަވައި، ސަރުކާރުގެ % 100 ޙިއްޞާވާ ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށްވެސް މިގޮތަށް ލަފާދިނުމަށްވެސް ނިންމަވައިފިއެވެ.
ސަރުކާރުގެ މި ނިންމުން ބިނާވެފައިވަނީ، ވޭތުވެދިޔަ 9 މަހެއްހާ ދުވަހުގެ ތެރޭގައި، ވަޒީރުންގެ ފެންވަރު ކޮމިޓީއަކުން ކުރައްވާފައިވާ މަސައްކަތްތަކުގެ މައްޗަށް މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް އެޓާރނީޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ކަރުދާހުގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކުއެވެ. މިކަރުދާހުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، ސިވިލްއޭވިއޭޝަން އޮތޯރިޓީ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން މިއެއްބަސްވުމާ ބެހޭގޮތުން ކުރެވިފައިވާ ދިރާސާތަކުގައި ފާހަގަކުރެވިފައިވާ ފަންނީ، މާލީ އަދި އިޤްތިޞާދީ މައްސަލަތަކާއި، މަޢުލޫމާތު ހިމެނިފައިވެއެވެ. އަދި މިއެއްބަސްވުމާ ބެހޭގޮތުން، އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާގެ އިތުރުން އިނގިރޭސިވިލާތް އަދި ސިންގަޕޯރގެ ޤާނޫނީ ވަކީލުންގެ ލަފާ މިކަރުދާހުގައި ހިމެނިފައިވެއެވެ.
މިއެއްބަސްވުމާ ބެހޭގޮތުން ހެދިފައިވާ، ފަންނީ، އިޤްތިޞާދީ އަދި މާލީ ކަންކަމުގެ ދިރާސާތައް ހައްދަވާފައިވަނީ ކަމާބެހޭ ދައުލަތުގެ މުވައްޒަފުންގެ އިތުރުން، ރާއްޖޭގައި ތިބި މިދާއިރާތަކުގެ ފަންނީ މާހިރުންނެވެ. ޤާނޫނީ ދިރާސާތައް ހަދާފައިވަނީ، އިނގިރޭސިވިލާތާއި، ސިންގަޕޯރ އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުންނެވެ. އަދި މީގެއިތުރުން އެމް.އޭ.ސީ.އެލްގެ، ރާއްޖެއިން ބޭރުގެ އަދި ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ޚިޔާލުވެސް ހޯދާފައިވެއެވެ.
މިދެންނެވި، ދިރާސާތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ވަރަށް ތަފްޞީލްކޮށް މަޝްވަރާ ކުރުމަށްފަހު، މިއަދުގެ ޖަލްސާގައި ނިންމާފައިވަނީ، މިއެއްބަސްވުމަކީ ބޮޑެތި މައްސަލަތަކެއް ހުރި، ޤާނޫނީގޮތުން ޞައްޙަ ނޫން، މިހާރު ކުރިއަށް ގެންދެވެން ނެތް އެއްބަސްވުމަކަށްވުމާއެކު، މިއެއްބަސްވުން ނިމުމަކަށް ގެނައުމަށެވެ. ވަޒީރުން މަޖިލީހުން މިއަދު ނިންމާފައިވަނީ، އެއްބަސްވުމުގައި ސޮއިކުރިއިރުގެ ޙާލަތާއި، އޭގެފަހުން އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖާ ބެހޭގޮތުން ކޯޓުން ކޮށްފައިވާ ޙުކުމާއި، 5 ޖެނުއަރީ 2012 ގައި ދިވެހި ސަރުކާރުންނާއި އެމް.އޭ.ސީ.އެލްއާއި، މިނިސްޓްރީ އޮފް ފިނޭންސުން ދީފައިވާ ސިޓީތަކާއި، އަދި އެއްބަސްވުމުގައި ސޮއިކުރެވުނު ފަހުން، ހިނގާފައިވާ އެހެން ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް، ހެދިފައިވާ ޤާނޫނީ ލަފާތަކުގައި؛ މިއެއްބަސްވުމަކީ، މިއެއްބަސްވުން ގަވަރންކުރާ އިނގިރޭސިވިލާތުގެ ޤާނޫނުތަކުގެ ދަށުން، VOID AB INITIO (އުފެދުނު ވަގުތުން ފެށިގެން ބާޠިލުވެފައިވާ) އެއްބަސްވުމެއް ކަމަށާއި އަދި/ނުވަތަ FRUSTRATION ގެ ސަބަބުން، ޢަމަލުކުރެވެން ނެތް އެއްބަސްވުމެއް ކަމުގައި، މިކަމުގައި މަސައްކަތްކުރި ހުރިހާ ޤާނޫނީ ވަކީލުން (ބައިނަލްއަޤްވާމީ އަދި ދިވެހި) އެއްބަސްވެ ލަފާދީފައިވާތީ މިއެއްބަސްވުން ބާޠިލު ކުރުމަށެވެ.
މިނިންމުން މިހާރުވަނީ، މިއެއްބަސްވުމުގެ ބައިވެރިއެއްގެ ހައިސިއްޔަތުން މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ޖީ.އެމް.އާރ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ލިމިޓެޑަށް އަންގައި، %100 ޙިއްޞާދާރެއްގެ ހައިސިއްޔަތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަންގާފައެވެ.
މީގެއިތުރުން، މިއެއްބަސްވުމުގެ ދަށުން ފަށަންޖެހޭ އާބިޓްރޭޝަންގެ މަސައްކަތް ސަރުކާރުން އިސްވެ ފެށުމަށްވެސް ކެބިނެޓުން ނިންމާފައިވާތީ، މިކަމުގެ މަސައްކަތް މިހާރު އެޓަރނީ ޖެނެރަލްގެ އޮފީހުންވަނީ ފަށާފައެވެ.