ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުން އިތުރުބާރެއް ލައްވައިގެން އެލް.ޖީ.އޭ.އާ އެކީގައި މަސައްކަތް ކުރައްވައިގެން، މިއަންނަ އަހަރު އިތުރު ކަންތައްތައް ކުރައްވަން ގަސްދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މާޅޮސްމަޑުލު އުތުރުބުރިއަށް މިދިޔަ ބުރާސްފަތި ދުވަހު ފެށްޓެވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލު ކަމަށްވާ މީދުއަށް ވަޑައިގެން މީދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާމަރުކަޒީ އުސޫލުން ކައުންސިލުތައް ހިންގުމަކީ ވަރަށް މާތް މަޤްޞަދެއްގައި ފެށުނު ކަމެއް ކަމަށާއި، އެހެންނަމަވެސް، ދިމާވި ތަފާތު ސަބަބުތަކާހުރެ އެކަން ކުރަންވާ ގޮތަށް ނުކުރެއްވޭ ކަމަށް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމުގެ މަޤްޞަދަކީ ރަށްތައް ބާރުވެރިކުރުވުމާއި، އަމިއްލައަށް ކަންކަންކުރެވޭނެ ގޮތް ކައުންސިލުތަކަށް ފަހިކޮށްދިނުންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އެހެންނަމަވެސް، ކައުންސިލުތަކުގެ އިންތިޚާބު ނިމިގެންދިޔައިރުގައި ވަރަށް ގިނަ އަދަދެއްގެ ރަށްރަށުގެ ކައުންސިލުތަކަކީ، ސަރުކާރު އުފެދިފައި އޮތް މައި ޕާޓީގެ ކައުންސިލުތަކަކަށް ނުވުމުން އެކައުންސިލުތަކަށް ބާރުނުދީ ހިފެއްޓުނީ ކަމަށާއި، މިއީ ޙަޤީޤަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކައުންސިލުތަކަށް ބާރުދިނުމުގެ ބަދަލުގައި، ޤައުމީ އިދާރާއެއް އުފައްދައި ޤައުމީ އިދާރާ މެދުވެރިކޮށް، ކަންކަން ކުރުމުގެ އުސޫލެއް ޤާއިމުކުރީ ކަމަށާއި އޭގެ ސަބަބުން ލާ މަރުކަޒީ އުސޫލަށް މާބޮޑު ކުރިއެރުމެއް އައިސްފައިނުވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވިފަހުންވެސް، ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ވަރަކަށް ލާމަރުކަޒީ ކަންކަމުގައި އެހީތެރިވެދެއްވޭ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ޤައުމީ އިދާރާތައް އުވާލައްވައި އަތޮޅު ކައުންސިލުތަކަށް އެބާރު ދެއްވީކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ހަމައެއާއެކު، ކައުންސިލުތަކަށް ބިން ހަވާލުކުރުމަށް ފެށްޓެވި މަސައްކަތްވެސް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ނުދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީދުއަކީ، ވަރަށް ޚާއްޞަ ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ޤާނޫނާއި ގަވާއިދާ ޚިލާފުވެގެން މިއަހަރުގެ ތެރޭގައި މީދޫގެ އެއްވެސް މީހަކާ ދޭތެރޭގައި ފިޔަވަޅު އެޅިފައިނުވާ ކަމަށާއި، މިއީ ލާމަސީލު މިސާލެއް ކަމަށް ވިދާޅުވިއެވެ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރޭޑް 1 ން 12 އަށް ކިޔަވައިދޭއިރު އެހެން ދިމަދިމާއަށް ކުދިން ދިޔުމުގެ ބަދަލުގައި ހުރިހާ ކުދިންވެސް އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 12 އާ ހަމައަށް ކިޔެވުމަށް ހިތްވަރު ދޭންޖެހޭނެ ކަމަށް ވިދާޅުވެ، އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.