މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީގައި، ހަތަރުބުރީގެ ނުވަ ކްލާސްރޫމެއްގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހަވީރު އަޅުއްވައިދެއްވައިފިއެވެ. ބިންގާ އަޅުއްވައިދެއްވުމަށްފަހު، މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މީގެ ސަބަބުން ރަށުގެ ތަޢުލީމަށް މިހާރަށްވުރެވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަޑުއްވަރީ ޒުވާނުންނަކީ ވަރަށް ވިސްނުންތޫނު، ކިޔެވުމަށްވެސް ރަނގަޅު އަދި ވަރަށް މަސައްކަތްތެރި ޒުވާނުންތަކެއްކަން ފާހަގަކުރައްވަމުން، މަސްވެރިކަމާއި، ބޯޓުފަހަރު ބަނުމުގެ މަސައްކަތުގައި، ޒުވާނުން ޙަރަކާތްތެރިވަމުންދާ ކަމުގައި ވިދާޅުވިއެވެ. އަދި ރަށުގައި އިސްކޮށް ތިއްބެވި ޒުވާނުން ގުޅިގެން، ރަށަށްޓަކައި މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މަޑުއްވަރިއަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، ރަށް ގިރުމުގެ މައްސަލަ ކަމާއި، ބޭރުގެ އެހީ ހޯދައިގެން، ރަށުގެ ގޮނޑުދޮށް މިހާރު ހަދާފައި އޮތް ކަމުގައިވީނަމަވެސް، އަނެއްކާވެސް ގޮނޑުދޮށް ހަލާކުވެ ގިރެމުންދާތީ، އެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށްވުރެ ރަނގަޅަށް ގޮނޑުދޮށް އަލުން ހައްދަވައިދެއްވޭތޯ ބައްލަވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެމުންދާތީ، އެއީވެސް ޙައްލެއް ހޯދަން ޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވެ، ކަރަންޓްގެ ކަންތައްތައް ޙައްލު ކުރެއްވުމަށް، އާ އިންޖީނުގެއެއް ޢިމާރާތް ކުރައްވައި، 200 ކިލޯގެ އާ އިންޖީނެއް މިއަންނަ އަހަރު އެރަށަށް ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރަށުގެ ތަރައްޤީއަށްޓަކައި މިކުރެވޭ ކަންކަމުގައި، ރަށުގެ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ، ވަކި ކުލައަކަށް ބެއްލެވުމެއްނެތި، ހުރިހާ ރަށަކަށްވެސް ހަމަހަމަ އުޞޫލަކުން އިސްކަން ދެއްވައިގެން، ކަންކަން ކުރެއްވުމަށް ކަމަށާއި، ވަކި ރަށެއް އިހުމާލު ނުކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަޑުއްވަރީގައި މިހާރު ކުށްކުރާ މީހުންގެ ޢަދަދު ވަރަށް މަދުވެއްޖެކަން ފާހަގަކުރައްވަމުން، އެކަން އެހެން އެވަނީ، ރަށުގެ ކަންކަން ވަރަށް ގާތުން ރަށުގެ އިސްބޭފުޅުން ބައްލަވަމުން ގެންދަވާތީ ކަމުގައި ވިދާޅުވިއެވެ.