ދުވާފަރަކީ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށެއްގެ ގޮތުގައި، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު ދުވާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށުގައި ސަރުކާރުން ކޮށްދެއްވެންހުރި ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަށްޓަކައި ބޭނުންވާ އެގްރީމަންޓްގައި މިހާރުވަނީ ސޮއިކުރެވިފައި ކަމަށާއި، ބޭރުގެ އެހީއާއެކު އިރާދަކުރެއްވިއްޔާ، އެރަށުގައި އެކަން ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގައި ރަނގަޅު ފެންވަރެއްގެ ހުކުރު މިސްކިތެއް ހުންނަން ޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާތީ، ހަތްސަތޭކަ މީހުންނަށް ނަމާދުކުރެވޭވަރުގެ ހުކުރު މިސްކިތެއް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި، އެރަށުގައި ޢިމާރާތް ކުރަން ފެށޭނެކަން ހާމަކުރެއްވިއެވެ. އަދި ރަށު ސްކޫލްގައި މިއަންނަ އަހަރު ގްރޭޑް 11، 12 އަށް ކިޔަވައިދޭން ފެށޭނެ ކަމަށާއި، ފުލުހުންގެ ޕޯސްޓްގެ ދަތިކަން ފިލުވައި، ފުލުސް ޕޯސްޓް، މިއަންނަ އަހަރު ވަރުގަދަ ކުރެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރަށުގައި ކުރަންހުރި އިތުރު ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވަމުން، ރަށުގެ ގޯތިތަކުގައި ވަށާފާރުލުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، ސްކޫލް ނިމިފައި ތިބި ގިނަ ޢަދަދެއްގެ ޒުވާނުން ތިބުމާއެކު، އެކުދިންނަށް އެކިއެކި ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ފުރްޞަތުތައް ހޯދައިދިނުމާއި އަދި މުނިފޫހިފިލުވުމާއި، ކުޅިވަރު ކުޅުމުގެ ފުރްޞަތު ހޯދައިދިނުމުގެ ކަންކަމަށްވެސް ޙައްލެއް ހޯއްދަވައިދެއްވޭތޯ މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.