ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހުޅުދުއްފާރަކީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އާބާދު ކުރެވިފައިވާ ރަށެއްކަން ފާހަގަކުރައްވަމުން، މިއީ ކުރެވިފައިވާ ވަރަށްބޮޑު ތަޖުރިބާއެއް ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގައި އަދިވެސް ވަރަށްމަދު މީހުން އުޅޭ ވަރަށްގިނަ ރަށް އެބަހުރި ކަމަށާއި، އެއްފަސްކުރުމުގެ ސިޔާސަތުން ލިބިފައިވާ ތަޖުރިބާއަކީ، ރާއްޖޭގެ މުސްތަޤްބަލަށް ބަލާއިރު ބޭނުންތެރި ތަޖުރިބާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްރަށުގެ އާބާދީ މަދުވުމުގެ ސަބަބުން އިޖްތިމާޢީ ކުރިއެރުންތަކަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާ ކަމަށާއި، މުސްތަޤްބަލަށް ބަލާއިރު، އިޖްތިމާޢީ ގޮތުން ކުރިއެރުން ލިބޭނީ، ކުދި ރަށްރަށުގައި ދިރިއުޅޭ މީހުން ބޮޑެތި ރަށްރަށަށް ބަދަލުވެގެން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކުދި ރަށްރަށަށް އަސާސީ ޚިދްމަތްތައް ދިނުމަކީ، ދަތި ކަމެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ ގިނަ ރަށްރަށަށް މިހާރުވެސް އަސާސީ ޚިދްމަތްތައް ނުލިބޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އާބާދީ މަދު ރަށްރަށުގައި މީހުން ދިރިއުޅެމުން އައި ކަމުގައިވީނަމަވެސް، ފާޚާނާއާއި ބޯފެނުގެ ނިޒާމުފަދަ ޚިދްމަތްތަކަކީ، ރޭވިގެން ދެވެމުން އައިސްފައިވާ ޚިދްމަތްތައް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއަދު ސަރުކާރުގެ ފަރާތުން އެންމެބޮޑު އިސްކަމެއް ދޭން މިޖެހެނީ، އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ދިނުމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، މިކަމަށް އަހަންމިއްޔަތުކަންދީގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތުތަކާއި، އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދަން ޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ރ.އަތޮޅަކީވެސް ވަރަށް ރީތި ރަށްރަށް ހިމެނިފައިވާ އަތޮޅަކަށްވުމާއެކު، އެ އަތޮޅުގައިވެސް ފަތުރުވެރިކަން ފެށުމަކީ، ވަޒީފާގެ ފުރްޞަތުތައް އިތުރުވެގެންދާނެ ކަމެއް ކަމަށްވުމާއެކު، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި، މަދުވެގެން އެއްރަށުގައި ނުވަތަ އެއަށްވުރެވެސް ގިނަ ރަށުގައި ފަތުރުވެރިކަމުގެ މަސައްކަތް ފެށުމަކީ، ކުރައްވާ އުންމީދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ރަށްރަށް ގިރެމުންދާތީ، އެކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 195 ރަށުގެ ތެރެއިން 113 ރަށް މިހާރުވެސް ވަރަށް ބޮޑަށް ގިރަމުންދާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، މިކަންކަން ޙައްލު ކުރުމަށްވެސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.