ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރެއްގެ މަޤާމުގަޔާއި، އިސްލާމީ ޢިލްމުވެރިއެއްގެ ގޮތުން ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީ ޤައުމަށް ކޮށްދެއްވި ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައިފިއެވެ. މި ޚިދްމަތްތައް ފާހަގަކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ޑޮކްޓަރ އަފްރާޝީމް ޢަލީ، މި އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގެ ރޭ ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި، ސޮއިކުރެއްވުމަށް މިއަދު ހަވީރު އެ އިދާރާއަށް ވަޑައިގެން، އެފޮތުގައި ލިޔުއްވި ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.