ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެންމެފަހު މަންޒިލެއްގެ ގޮތުން ވަޑައިގަތީ، އެއަތޮޅު ބާރަށަށެވެ. ބާރަށަށް އެމަނިކުފާނު ވަޑައިގަތީ އިއްޔެގެ ވަރަށް ހަވީރުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ބާރަށަށް ކުރެއްވި ޒިޔާރަތުގައި، އެރަށު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދިވެހި ދައުލަތުން މިއަދު ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ތަފާތެއް ނުކުރައްވާ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހި ރައްޔިތުންގެ ޙައިޘިއްޔަތުން ސަރުކާރުގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެހީތެރިކަމަކާއި، އެއްބާރުލުމެއް ލިބިގެންދާނެއެވެ. އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކީގައި، ޤާނޫނުން ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ލިބިދިނުމަށްޓަކައި ސަރުކާރުން ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބާރަށު ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، އެރަށަކީ އެހެން ރަށްރަށާ ޚިލާފަށް، މަދިރީގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެއްކަން ފާހަގަކުރައްވައި، އެކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

އަދި މީގެއިތުރުން، ބާރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކޮށްދެއްވުމަށް ނިންމަވާފައިވާ ކަންކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. މިގޮތުން، އެރަށު ފާލަން އެޅުމާއި، އެރަށު ޞިއްޙީ މަރްކަޒުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމާއި، އެރަށުގައި ދަނޑުވެރިކަން ތަރައްޤީކޮށް، ކުކުޅު އާލާކުރުމުގެ މަސައްކަތަށް، ސަރުކާރުން ދެއްވެންހުރި އެހީތެރިކަމަކާއި، އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.