މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ވަޑައިގެން، ރިޔާސީ ބަޔާން އިއްވަވަން ފެށްޓެވުމުން، ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީ.އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން، އެ ބަޔާން އިއްވިޔަނުދެއްވުމަށް ހިންގެވި ހަޑި ހުތުރު ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ރައީސުލްޖުމްހޫރިއްޔާ ކުށްވެރި ކުރައްވައެވެ.

 
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، ކޮންމެ ކަމެއްގައިވެސް މުޅި ޤައުމަށާއި ރައްޔިތުންނަށް ރީތި ނަމޫނާއެއް ދައްކަވަން ޖެހިވަޑައިގަންނަވާ ބޭފުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.
 
ރައްޔިތުންގެ މަޖިލީހުގެ ޤަދަރާއި ހައިބަތު ނަގާލުމަށް މަޖިލީހުގެ އެމް.ޑީ.ޕީ އަށް ނިސްބަތްވާ މަދު މެންބަރުން މިއަދު ހިންގެވި ޢަމަލުތަކަކީ، ވަރަށް ފިނޑި ޢަމަލުތަކެކެވެ. އަދި އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ ޢަމަލުތަކެއް، އެ މެންބަރުން ހިންގެވީތީ، އެކަމާ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ހިތާމަ ކުރައްވައެވެ.
 
ހަމައެއާއެކު، މަޖިލިސް ހިނގަމުންދިޔަ ވަގުތު އެމް.ޑީ.ޕީ އަށް ތާއީދުކުރާ މީހުން މަގުތަކަށް ނުކުމެ ހިންގި ޖަރީމާތައްވެސް، ރައީސުލްޖުމްހޫރިއްޔާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައެވެ. އަދި އެ ޖަރީމާތަކުގައި ފުލުހުންނަށާއި ސިފައިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ، އެކަމާވެސް ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވެވަޑައިގަންނަވައެވެ. ހަމައެއާއެކު، ވީ.ޓީ.ވީ އަށް ޙަމަލާދީ، އެތާނގެ ބިއްލޫރިތައް ތަޅާލައި، ދީފައިވާ ބޮޑެތި ގެއްލުންތަކާއި، މީޑިއާގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ދިން ގެއްލުންތަކާއި، ކުނިކޮށްޓާއި ނީލަން ފިހާރައިގައި ރޯކޮށްލި ޙާދިޘާވެސް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައެވެ.
 
ސަރުކާރުގެ ކަންތައްތައް ކުރައްވަމުން ގެންދަވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން، މި ފުރްޞަތުގައިވެސް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވައެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް، މި ސަރުކާރުން ނުކުރައްވާނެ ކަމާއި، ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތަކަށް އެއްވެސް ހާލެއްގައި ދުލެއް ނުދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ، މިފުރްޞަތުގައިވެސް ދިވެހި ރައްޔިތުންނަށް ދެއްވައެވެ.